ޓޫރިޒަމް

ލަންކާއަށް ޒިޔާރަތް ކުރި ދިވެހިން ލައްކަޔަކާ ކައިރިކުރަނީ

Dec 13, 2016
4
  • ބޮޑު ޗުއްޓީގައި ގިނަ ބަޔަކު ލަންކާއަށް ދޭ
  • ދިވެހިން ސްރީލަންކާގައި ބޮޑު ހޭދައެއް ކުރޭ
  • ރާއްޖެ ހިމެނެނީ ގަދަ 10 ގައުމުގެ ތެރޭގައި

ބޮޑު ޗުއްޓީ ފެށުމާއެކު، މިދިޔަ މަހު އަވަށްޓެރި ސްރީލަންކާ އަށް ދަތުރުކުރި ދިވެހިންގެ އަދަދު 79،000 އަށްވުރެ އިތުރުވެއްޖެ އެވެ.

ސްރީލަންކާ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭން ސްރީލަންކާ އަށް ގޮސްފައިވަނީ 74،343 މީހުންނެވެ. ނަމަވެސް މިދިޔަ މަހު ދިޔަ މީހުންގެ އަދަދު ވަނީ 79،255 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.6 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ ހިމެނެނީ ސްރީލަންކާ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ 10 ގައުމުގެ ތެރޭގަ އެވެ. މިގޮތުން މި ލިސްޓުގެ ހަ ވަނާގައި އޮތީ ރާއްޖެ އެވެ. އަދި އެއްވަނާގައި އޮތީ އިންޑިޔާ އެވެ. އެ ގައުމުން ދެ ލައްކައެއްހާ މީހުން ސްރީލަންކާ އަށް ގޮސްފައިވެ އެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ސްރީލަންކާ އަށް ދަތުރުކުރަމުންދާއިރު، މި އަހަރަކީ ޗުއްޓީއާ ދިމާކޮށް ސްރީލަންކާ-ރާއްޖެ ޓިކެޓުގެ އަގުތައްވެސް އެއާލައިންސްތަކުން އެންމެ ހެޔޮކުރި އެއް އަހަރެވެ. ޗުއްޓީއާ ދިމާކޮށް 199 ޑޮލަރު ދެކޮޅު ޓިކެޓު ބައެއް އެއާލައިންތަކުން ވިއްކާފައިވެ އެވެ.

މި އަހަރު ގިނަ ބަޔަކު ސްރީލަންކާއަށް ދަތުރު ކުރަމުންދާއިރު، މިދިޔަ އަހަރުވެސް އެންމެ ގިނަ ދިވެހިން ދަތުރުކޮށްފައިވަނީ އެ ގައުމަށެވެ. މަރުކަޒީ ބޭންކުން މިދިޔަ އަހަރުގެ ޑިސެމްބަރު 18-24 އަށް ކުރި ސާވޭ އިން ދެއްކި ގޮތުގައި މި މުއްދަތުގައި ރާއްޖޭން ސްރީލަންކާ އަށް 1،574 ދިވެހިން ދިޔަ އެވެ. އަދި ސްރީލަންކާ ވެފައިވަނީ އިންޑިޔާ ނަގާފައި ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާ އަށް ދާ ދެވަނަ ގައުމަށެވެ. އެ ގައުމަށް ދާ ދިވެހިން އާއްމު ގޮތެއްގައި ބޭސް ފަރުވާ އަށް މީހަކު 515 ޑޮލަރު ހޭދަކުރެ އެވެ.

އެމްއެމްއޭ އިން ވަނީ ބޭރަށް ދިޔުމަށް ޓަކައި 5،500 މީހަކަށް 2.8 މިލިއަން ޑޮލަރު ވިއްކައިފަ އެވެ.