ރިޕޯޓް

ކައްޓި ހިތްވަރު: ޒުވާން ހުނަރުން ފުރިފައި

އެތަނަށް ވަދެވުމުން އެއީ ހަމަ ދިވެހިންގެ މަސައްކަތްތައް ބާވައޭ ހިތަށް އެރި އެވެ. އެ އެކްޒިބިޝަނުގައި ބަހައްޓާފައިހުރި މަސައްކަތްތަކަށް ބަލަން އާޝޯހުވެފައިވާ ހުރެވުނު އިރެއް ވެސް ބުނަން ނޭނގެ އެވެ. އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އެ ތަފާތު މަސައްކަތްތަކުގެ ފަހަތުގައި ތިބީ އުމުރުން އަދި ކިރިޔާ 20 އަކަށް އަހަރުވެފައިވާ ހުނަރުވެރިންގެ މަސައްކަތްތަކުންނެވެ.

މިއީ ދިވެހި ޔޫތުު މޫވްމެންޓުން ބާއްވަމުން އަންނަ ކައްޓި ހިތްވަރުގެ މި އަހަރުގެ ފެސްޓިވަލުން ފާހަގަވި ކަންކަމެވެ. ދެހާސްބާރަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މި ފެސްޓިވަލަކީ ޒުވާނުންގެ ތަފާތު ހުނަރުތައް ދައްކާލައި މިފަދަ އެންމެ ފުރިހަމަ ފެސްޓިވަލެވެ. މި އަހަރު ވެސް ޒުވާނުން ވަނީ ފޮޓޯގްރަފީ، ކުރެހުން، ޅެންވެރިކަމާއި ލިޔުންތެރިކަން، ކްރާފްޓް މަސައްކަތްތައް ފަދަ ގިނަ ހުނަރުތަކެއް ދައްކާލާފަ އެވެ.

ބިލަބޮންގް ސްކޫލްގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލަށް މި އަހަރު ވަރަށް ގިނަ އަދަދެއްގެ ފަރާތްތައް ޒިޔާރަތްކޮށްފައިވެސްވެ އެވެ. އެގޮތުން 25 ރުފިޔާގެ ޓިކެޓެއް ގަނެގެން 2،000 އެއްހާ މީހުން ފެސްޓިވަލަށް ޒިޔާރަތްކުރި އެވެ. މި ފެސްޓިވަލްގައި 90 ވަރަކަށް ޒުވާނުންގެ ހުނަރު ދައްކާލި އެވެ.

އޭގެ ތެރޭގައި ވެސް ފޮޓޯގްރާފަރުން ވަރަށް ގިނަ އެވެ. ނަން މަޝްހޫރު ފޮޓޯގްރާފަރުންނާއި އަރަމުން އަންނަ ފޮޓޯގްރާފަރުން މި ފެސްޓިވަލްގައި ވަނީ އެމީހުންގެ ކުޅަދާނަ ހުނަރު ދައްކާލާފަ އެވެ. ދިވެހި ޒުވާނުންނަކީ ހުނަރުވެރި ބައެއްކަން ސާބިތުކޮށްދީފަ އެވެ. އެގޮތުން ފެސްޓިވަލްގައި ތަފާތު ދައްކާލި އެއް ފޮޓޯގްރާފަރަކީ ސޮއްޓި އެވެ. އޭނާ ވަނީ ކަނޑުއަޑީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް ފެސްޓިވަލްގައި ދައްކާލާފަ އެވެ. ކައްޓި ހިތްވަރުން ލިބުނު ކާމިޔާބީއާއެކު ސޮއްޓި ބުނީ، ކަނޑުއަޑީގެ ފޮޓޯތައް ނަގަން ފެށި ފަހުން މީހުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްސް ލިބެމުންދާ ކަމަށެވެ.

ރައްޓެހިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ސޮއްޓިގެ އަމާޒު ދެން ހުރީ ބޭރު ގައުމެއްގައި އޭނާގެ ހުނަރު ދައްކާލައި، އެ ގައުމުގައި ވިޔަފާރި ފުޅާކުރުމެވެ.

ސޮއްޓިއެކޭ އެއްފަދައިން އަބްދުﷲ އިރުފާން ވެސް ވަނީ އޭނާގެ ތަފާތު ފޮޓޯތައް ދައްކާލާފަ އެވެ. އެކްސްޕެރިމެންޓްކުރުމަށް ލޯބިކުރާ އިރުފާންގެ ދައްކާލުންތަކަށް ފެސްޓިވަލްގައި ހާއްސަ ކަޅިއެއް ހުއްޓިގެން ދިޔަ އެވެ. ކުރެހުމަށް ވެސް ލޯބިކުރާ އިރުފާނަކީ ތަފާތު ފޮޓޯތަކެއް ނަގައި، މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ފޮޓޯގްރާފަރެކެވެ. އަމިއްލަ ބްރޭންޑެއް ހެދުމަށް މަސައްކަތްކުރަމުންދާ އިރުފާން ދަނީ އަމިއްލަ އުފެއްދުންތައް ދައްކާލުމަށް އެކްޒަބިޝަނެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ.

"އަމިއްލަ"ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ހަދައި، ހުނަރު ދައްކާލަމުންދާ އަބްދުﷲ އާސިމަކީ ވެސް ކައްޓި ހިތްވަރުން ފާހަގަކުރެވުނު ފޮޓޯގްރާފަރެކެވެ. އޭނާއަކީ ވެޑިން ފޮޓޯތައް ނަގަން ވަރަށް ޝައުގުވެރިވާ އަދި އެކަން ވަރަށް ފުރިހަމައަށް ކުރާ ފޮޓޯގްރާފަރެކެވެ. އޭނާ ދައްކާލި ފޮޓޯތަކުން ވެސް އެކަން ފާހަގަވެ އެވެ.

މިފަދަ އެތައް އެތައް ހުނަރުވެރިނެއް ކައްޓި ހިތްވަރުން ފެނިގެން ދިޔައިރު، އެ ފެސްޓިވަލްގެ ބައިވެރިންގެ އުފެއްދުންތައް ވިއްކައިގެން ރަނގަޅު ނަފާއެއް ވެސް ވަނީ ހޯދާފަ އެވެ.

ފެސްޓިވަލްގައި ބައިވެރިވުމަށް ސްޓޯލެއް 100 ރުފިޔާއަށް ވިއްކި ނަމަވެސް ސްޓޯލްގައި ތަކެތި ވިއްކައިގެން ހޯދި ފައިސާ ލިބުނީ އެ ހުނަރުވެރިއަކަށެވެ. އެގޮތުން ފެސްޓިވަލްގައި 20،000 ރުފިޔާ ހޯދި ޒުވާނުން ވެސް އެބަ ތިއްބެވެ.

ބައެއް މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ވެސް ޒިޔާރަތްކުރެއްވި މި ފެސްޓިވަލުން ބައެއް ދިވެހި ކެއުންތަކާއި މިޔުޒިކް ވެސް ފެނިގެންދިޔަ އެވެ. އަދި، ޅެމާއި ވާހަކަތައް ކިޔުމަށް ވެސް ހާއްސަ ސްޓޯލެއް ގާއިމުކޮށްފައިހުއްޓެވެ. އޭގެ ތެރެއިން ވެސް ރާއްޖެ ތެރޭ މީހުން މާލޭގައި އުޅޭ ހާލު ބަޔާންކޮށް ޒުވާނަކު ކިޔައިދިން ވާހަކައަކަށް ސޯޝަލް މީޑިއާގައި ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ކޮންމެއަކަސް މި ފެސްޓިވަލުން ދިވެހި ޒުވާނުން ސާބިތުކޮށްދިނީ، އެއީ ހުނަރުވެރި، ކުޅަދާނަ ބައެއް ކަމެވެ. ފުރުސަތުތައް ލިބިއްޖެނަމަ ދުނިޔޭގެ ފެންވަރުގައި ވެސް ފިޔަޖަހައިލެވޭނެ ފެންވަރުގެ ބައެއް ކަމެވެ. ބޭނުންވަނީ މިފަދަ ގިނަ ފެސްޓިވަލްތަކެވެ.