ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގައުމީ ކްރިކެޓް ޓީމު ބައިނަލްއަގްވާމީ މެޗްތަކެއް ކުޅުމަށް މެލޭޝިއާ އަށް ދާން ތައްޔާރުވެއްޖެ އެވެ.
މެލޭޝިއާގެ ކްރިކެޓް އެސޯސިއޭޝަންގެ ރައީސް ދެއްވާ ދައުވަތެއްގައި މިމަހު 28 ވަނަ ދުވަހު މެލޭޝިއާއަށް ދާ ގައުމީ ކްރިކެޓް ޓީމުން މެލޭޝިއާ ދެކޮޅަށް ހަތް މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ ޓީ ޓްވެންޓީ ތިން މެޗާއި 50 އޯވަރުގެ ހަތަރު މެޗެވެ. މެލޭޝިއާއަކީ އައިސީސީ ވޯލްޑް ލެވަލް ތިނެއްގައި ރޭންކް ކުރެވޭ ގައުމެކެވެ. ގައުމީ ޓީމުން ދަނީ އެ މެޗްތަކަށް ތައްޔާރުވުމަށް ޕްރެކްޓިސް ކުރަމުންނެވެ.
ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ މެލޭޝިއާގެ މެޗްތައް ކާމިޔާބު ވެއްޖެނަމަ ތައިލެންޑާ އެއްކޮށް މެޗްތަކެއް ކުޅުމުގެ ފުރުސަތުވެސް ތަނަވަސް ވެގެންދާނެ ކަމަށެވެ.
"އެއަށްފަހު އަޅުގަނޑުމެންގެ ވިސްނުން ހުރީ ރާއްޖެއާ މެލޭޝިއާ އަދި ތައިލެންޑް ބައިވެރިވާ ގޮތަށް ބައިނަލްއަގްވާމީ މެޗްތަކެއް ރާވަން،" އަފްލާހް ވިދާޅުވި އެވެ.
ގައުމީ ކްރިކެޓް ޓީމު ބައިނަލްއަގްވާމީ މެޗްތަކެއް ނުކުޅޭތާ ދެ އަހަރުވީ ކުރިން އެލީޓް ގުރޫޕްގެ ގައުމުތަކާއި ޗެލެންޖް ގުރޫޕްގެ ގައުމުތަކަށް ބާއްވަމުން އަންނަ މުބާރާތްތައް ނުބާއްވާ ގޮތަށް އެސީސީއިން ނިންމުމުން ނެވެ.
ރާއްޖެއަކީ އޭޝިއަން ކްރިކެޓް ކައުންސިލްގައި އެލީޓް ގުރޫޕް މެންބަރެކެވެ. ކްރިކެޓަކީ ޓީމު އިވެންޓެއްގައި ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ފުރަތަމަ ރަން މެޑަލް ގެނައި ކުޅިވަރެވެ. ކްރިކެޓް ޓީމުން ވަނީ 2005 ވަނަ އަަހަރު ބޭއްވި އިމާޖިން ނޭޝަން އޮފް ކްރިކެޓް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އޭރު އަފްލާހް އަކީ އެޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.