"އެއް އިރެއްގައި ވެސް އުއްޗުއަކީ އޭނާގެ ސިޔާސީ މަސައްކަތެއް ވެސް އަދި އެހެން މަސައްކަތެއް ވެސް ހިފައިގެން ބޭރަށް ނުކުންނަވާ ބޭފުޅެއް ނޫން. ސިޔާސީ މަސައްކަތެއް ވިޔަސް އެހެން ލެވެލްއެއްގައި ކުރައްވާނީ، އޭނާގެ ނިޒާމަކީ މުޅީން ތަފާތު ނިޒާމެއް، އެއީ ހަމައެކަނި ވިޔަފާރިވެރިއެއް ނޫނޭ ވަރަށް މޮޅު ސިޔާސީ ގޮތުން ވެސް ވަރަށް މޮޅު ޕްލެޔަރެއް ކަމަށް ބުނެވިދާނެ،" އުއްޗުގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ. އޭނާ ނަން ހާމަ ކުރާކަށް ބޭނުމެއް ނުވެ އެވެ.
ރާއްޖޭގެ ސިޔާސީ ބޯޑުމަތީގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސިޔާސީ ދާއިރާ ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅު ގޮތުގައި އުއްޗުއަކީ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން މިއަދާ ހަމައަށް ވެސް ސިޔާސީ ގޭމް އަނބުރާލުމުގެ ގާބިލުކަން ލިބި ވަޑައިގެންފައިވާ އެންމެ ބާރުގަދަ ސިޔާސީ ޕްލެޔަރެވެ.
"ހަގީގަތުގައި ނަޝީދުގެ ސަރުކާރަށް ވެސް އުއްޗު ވަރަށް ބޮޑަށް ހެޔޮއެދި ވަޑައިގެންނެވި، އެކަމަކު އެ ސަރުކާރުން އުއްޗުގެ ވަރަށް ބޮޑު ޝައުގުވެރި ކަމަކަށް ހަމަލާ ދެއްވުމުން ގޭމް ބަދަލުވެގެންދިޔައީ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އުއްޗުގެ ވިޔަފާރީގެ ތެރެއިން މީޑިއާ ޕަވާ އުފެދިގެން އައީ ރައީސް މައުމޫންގެ ސަރުކާރުގަ އެވެ. އޭރު ދިއެފްއެމްގެ ތެރެއިން ރައީސް މައުމޫނަށްވުރެ ނުވަތަ މައުމޫނާ އެއްވަރުގެ ޕްރޮމޯޝަނެއް އެމްޑީޕީއަށާއި ނަޝީދަށް ލިބި ވަޑައިގެންނެވި އެވެ. އޭގެ ފަހުން މައުމޫންގެ ވެރިކަން ނިމި ނަޝީދުގެ ވެރިކަމަށް ބަލާއިރު އެ ވެރިކަމުގައި އުއްޗު ވަރަށް ބޮޑަށް "ރުޅިއަރުވައިލި" ކަމެއް ކުރިމަތި ކުރި އެވެ. އެއީ ކ. ތުނބަފަޅުގެ މައްސަލައިގައި 100 މިލިޔަން ރުފިޔާއިން އުއްޗު ޖޫރިމަނާ ކުރެއްވުމެވެ.
އުއްޗުގެ މީޑިއާ ހައުސް ނަޝީދާ ދެކޮޅަށް މަސައްކަތް ފެށި ހިސާބަކީ އެއީ ކަމަށް ވުން ވަރަށް ގާތެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ސްޓެބިލިޓީ ގެއްލި ހެލުވޭން ފެށީ އުއްޗުގެ މިޑިއާ ހައުސް ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުޅުނު ރޯލުންނެވެ.
ސިޔާސީ ކަންކަމުގައި އުއްޗުގެ ބައިވެރިވެ ވަޑައިގަތުން ރާއްވަވާފައި އޮންނަނީ އަބަދުވެސް "އެކޮޅުކޮޅު ޖައްސަވައިގެން" ކަމަށް ވެއެވެ. ދެތިކި ޕީ! އޭނާގެ އެ "ރަނިން ބާ" ގެންގުޅުއްވާ ގޮތުގެ ސަބަބުން ހަގީގަތާ ހަމައަށް ވާސިލުވާން ބައެއް މީހުންނަށް ދަތިވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭރުވެސް މިހާރު ވެސް އުއްޗުއަކީ ބާރުގަދަ ނޫނީ އެންމެ ބާރުގަދަ ބޭފުޅާ ކަމަށް ބެލެވިދާނެ އެވެ. އެހެން މީހުން އެކޮޅުކޮޅުން ޖެހުނަސް އޭނަ ހުންނަވަނީ ކޮޅަށެވެ.
ސިޔާސީ ބޯޑުގެ އެތުރުންތައް އޮންނަ ގޮތަށް ބަލާއިރު އޮންނަނީ މައިގަނޑު ދެ ރޭވުމެކެވެ. ރޭވުން އެކަކީ ޕޮޕިއުލަރިޓީ އެވެ. އަނެއް ރޭވުމަކީ ފައިސާ ބާރެވެ. ސިޔާސީ ކަންކަމަށް ޑޮނޭޓް ކުރުމެވެ. ސިޔާސީ ކުޅިބައިގެ ނުފޫޒާއި ބާރުވެރިކަން ޖަމާވަނީ މި ދެ ގޮޅިއަށެވެ. ވެރިކަމުގެ ނިޒާމްތަކުގެ ތެރެއިން ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމް ޕްރެކްޓިސް ކުރާ ގައުމުތަކުގައި މިނޫން ހާލަތެއް ސިޔާސީ ބޯޑެއްގެ މަތިން އައުން ވާނީ ވަރަށް އާދަޔާތަފާތު ކަމަކަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕޮޕިއުލަރިޓީއަށް ބަލާއިރު ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދެބޭފުޅުންނަކީ އެންމެ ޕޮޕިއުލާ ދެބޭފުޅުންނެވެ. ދެން ރައީސް އަބްދުﷲ ޔާމީނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މުއްސަނދި ބޭފުޅުންނަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ. މި ދެ ބޭފުޅުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ޕޮޕިއުލާ ބޭފުޅަކީ ގާސިމެވެ. އެހެން ނަމަވެސް ނަޝީދާއި މައުމޫނާއި ރައީސް ޔާމީނާއި ގާސިމާއި ސިޔާމްގެ ޕޮޕިއުލަރިޓީގެ ބައި އެޅިފައި އިންނަ ގޮތަށް ބަލާއިރު ސިޔާސީ ގޮތުން މެދުވެރިވާ ކޮންމެ ހާލަތެއް އަނބުރާލެވޭ ވަރުގެ ޕޮޕިއުލަރިޓީއެއް ރިޔާސީ އިންތިހާބުގެ ފިގާތަކަށް ބަލާއިރު ނަޝީދު ފިޔަވައި އެއްވެސް ބޭފުޅަކަށް އޮތް ކަމަކަށް ނުފެނެ އެވެ.
ފަހަރުގައި އެހާލަތުވެސް މިހާރު ބަދަލުވެފައި އޮވެދާނެ އެވެ. އަދި މިހުރިހާ ކަމެއްގެ ތެރެއިން ފެންނަ މަންޒަރަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރުގެ ކީ ޕްލެޔަރަކީ ގާސިމް ކަމަށް ހީވެފައި އޮންނަ އޮތުން ވަނީ ގާތްގަނޑަކަށް ނުވަތަ މުޅީންމެ ފުރޮޅިފައެވެ. މިހާރު އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒު ގަދަ ބޭފުޅަކީ އުއްޗުކަން މުޅީން ޔަގީނެވެ. ގައިމުވެސް އެއީ ސިޔާސީ ޕޮޕިއުލަރިޓީއެއް ނޫނެވެ. އެއީ އޭނާގެ ވިޔަފާރީގެ ސްޓްރެންތެވެ.
"ބައެއް މީހުންގެ ނަޒަރުގައި އުއްޗުއަކީ ސިޔާސީ ގޮތުން މާ ބޮޑު ބާރެއް އޮތް ބޭފުޅެއް ނޫން، އެއީ ރާއްޖޭގެ ސިޔާސީ ބޭފުޅުން އެންޓަޓެއިން ކުރެއްވުމަށް ބޭނުން ކުރައްވާ ބޭފުޅެއް. އެކަމަކު އެއީ ހަގީގަތެއް ނޫން،" އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ. "އުއްޗުއާއި އޭނާގެ ކެންޓީނަކީ ރާއްޖޭގެ ސިޔާސީ މައިދާން ބަދަލުކޮށް ރާވައި ހަދާ މައި މަރުކަޒު، އޭނާއަކީ ސިޔާސީ ގޮތުން ރާއްޖޭގައި މިހާރު އެންމެ ބާރުގަދަ ބޭފުޅާ،"
ރާއްޖޭގެ ސިޔާސީ މައިދާން ވަރަށް ރަނގަޅަށް ދިރާސާ ކުރައްވާ ވަރަށް ގިނަ ލިޔުންތައް ލިޔުއްވާފައިވާ ކުރީގެ ނޫސްވެރިޔާ އަދި ރާއްޖޭގެ ޕޮލިޓިކްސްއަށް ހާއްސަކޮށްގެން ނެރުނު "ހުކުރު" މަޖައްލާގެ އެޑިޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ވިދާޅުވި ގޮތުގައި ގިނަ މީހުންނަށް އެނގިފައި ނެތް ނަމަވެސް ރައީސް މައުމޫންގެ ވެރި ކަމުގެ ފަހު ފަސް އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގެ ސިޔާސީ ކުޅިބައިގެ އެންމެ ބާރުގަދަ އެއް ކުޅިއަކީ އުއްޗު އެވެ. އަދި މިދިއަ އަހަރުތަކުގެ ތެރޭގައި އޭނަ ގެންދަނީ ސިޔާސީ މައިދާނުގައި އަބަދުވެސް ރަނގަޅު ގޮޅިއަށް ކުޅި ޖައްސަވަމުންނެވެ.
"ކުރިން ވެސް މިހާރުވެސް ރާއްޖޭގެ ސިޔާސީ މައިދާން ގޮތްގޮތަށް އަނބުރާލުމުގެ ގާބިލުކަން އެންމެ ބޮޑު ދެ ބޭފުޅުންނަކީ ގާސިމާއި އުއްޗު، އެކަމަކު މިހާރު މަންޒަރު ބަލާ އިނގޭ ގާސިމަކީ ވެސް އުއްޗުއާ އަޅާ ބަލާއިރު މާ ބާރުގަދަ ކުޅިއެއް ނޫންކަން އެނގޭ،"
ސިޔާސީ ގޮތުން އުއްޗުގެ ބާރު މީހުންނަށް ވަޒަން ކޮށްލެވޭ ވަރަށްވުރެ ބޮޑަށް މިހާތަނަށް އޭނަ ބޭރަށް ނެރުއްވާފައި ވަނީ ވިޔަފާރީގެ މަސައްކަތާއި އޭނަގެ ވެލްފެއާ އާއި ބައެއް ކަހަލަ މުނާސަބަތުތަކާއި ގުޅުވައިގެން އޭނާ ކުރައްވާ "ސިލީ" ކަންކަމާއި އޭނާގެ މިޒާޖާއި ސްޓައިލެވެ. މިސާލަކަށް އޭނާގެ މުންޑާއި ސޯޓް ބުރި ނެގިދާނެ އެވެ. ތުރު ކުރައްވާ އާދައިގެ ގަމީހާއި ފެންފައިވާން ނެގިދާނެ އެވެ. މިނޫނަސް ކުއްލި ކުއްލިއަށް އާދަޔަހިލާފު ބައިވަރު ކަންކަން، ޖޯޒީ ގަތުން ކަހަލަ، ކުރައްވައެވެ.
އެހެން ނަމަވެސް އޭނާގެ ސިޔާސީ ކުޅިޖައްސަވާ ގޮތް މިވަގުތު ފެންނަނީ ވަރަށް ބޭރަށް ނެރެފައިވާތީ އެވެ. ހަމައެކަނި މިދިއަ ދެތިން ހަފުތާގައި ރާއްޖޭގައި ހިނގި ސިޔާސީ ހަރަކާތްތަކަށް ވިސްނާލާށެވެ. ނޫނީ އެއް ކްލާހައި ރުޅި ހަދައިގެން އުޅޭ ދެ ދަރިވަރަކު ޕްރިންސިޕަލް ގާތަށް ހާޒިރު ކުރީމާ ތިބޭ ގޮތަށް ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހީމާއި ބާރުގަދަ މިނިސްޓަރު އަހުމަދު އަދީބު އުއްޗުގެ ކެންޓީނަށް ހާޒިރުވެ ބަސް އަހައިގެން ތިބި ގޮތުގެ ފޮޓޯގަނޑަށް އެކަނި ބަލައިލާށެވެ.
މިދިއަ ދުވަސްތަކަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާއި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިނގައިގަތުމާއި "ގާނޫނު އަސާސީގެ ދިފާއުގައި" ކަމަށް ބުނެ ޖޭޕީ އައި އެމްޑީޕީން މާލެ "ކޮށި އަރުވައިލި" ހާދިސާތަކާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހައްޔަރާ ގުޅިގެން ވަކިވަކި ސިޔާސީ ލީޑަރުންނާއި ގުޅިފައިވާ ބައެއް ބޭފުޅުންގެ ކިބައިން ދިޔައީ ބޮޑެތި ކޯޅުންތައް ފެންނަމުންނެވެ. އަދި މިހުރިހާ ކަމެއް ހިނގުމުގެ ކުރިން ޕީޕީއެމާއި ޖޭޕީގެ ކޯލިޝަން އޮތް އިރުން ފެށިގެން ގާސިމާއި ޓޫރިޒަމް މިނިސްޓަރު އަދީބުގެ ކޯޅުންތައް ސަރުކާރުގެ ތެރެއިންނާއި މީޑިއާ ގައާއި މަގުމަތިން ވެސް ދިޔައީ ހިނގަމުންނެވެ.
އެހުރިހާ ކަމެއްގެ ތެރެއިން އައި ކަންކަން ފިނި ކުރެވޭތޯ ބޭރުގެ ބައެއް ގައުމުތަކުންނާއި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ވެސް އެކި ވާހަކަ ވަނީ ދައްކާފައެވެ. ނަމަވެސް އެކަން ކަމުން މާ ބޮޑު އަސަރެއް ކުރި ތަނެއް ނުފެނެވެ. އެއާ ހިލާފަށް މިދިއަ ދުވަސްތަކުގައި ޖޭޕީގެ ކިބައިން ފެނުނު ހަރުކަށި އުސޫލްތައް ބަދަލު ކުރުވައި ހޫނު ތަވައެއްހެން ދޮންވެފައިވާ މަޝްރަހު ފިނިކޮށްލައި ދެއްވީ އުއްޗު އެވެ.
"އަޅުގަނޑަށް އުއްޗު މިފެންނަނީ ވަރަށް މަތީފެންވަރުގެ މީޑިއޭޓަރެއް އަދި ޑިޕްލޮމޭޓެއްގެ ގޮތުގައި. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްވެސް ޓީމަކަށް ވެސް އެއްވެސް މީހަކަށް ވެސް އަދި ބޭރުގެ އެއްވެސް ޖަމާއަތަކަށް ވެސް ވެސް އަދާ ނުކުރެވުނު ދައުރެއް އުއްޗު އަދާ ކޮށްފި، އެހެންވީމަ ވިޔަފާރީގެ ތެރެއިން ސިޔާސީ ބާރުވެރިއެއްގެ ގޮތުގައި އޭނާ ފެންނަ ގޮތަށް އޭނާއަކީ ވަރަށް މޮޅު ޑިޕްލޮމޭޓެއަކަން ވެސް ސާބިތުކޮށްދީފި،" މުހައްމަދު ސައީދު މޫސާ ވަޖުދީ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ގަރަނބުވެފައިވާ މި ދަނޑިވަޅުގައި ހާއްސަކޮށް އަބަދު ކޯޅެމުން ދިޔަ ގާސިމާއި އަދީބު ފިނި ކުރުވައިދިނީ އުއްޗު އެވެ. އޭނާގެ ބާރުގަދަކަން ދައްކައިދިން އެކަމަކީ އޭނާގެ ކެންޓީނުގެ ސުފުރާއަށް އަދީބާއި ގާސިމް ގެންދިއުމާއެކު ދެބޭފުޅުން ވެސް ނުކުމެ ވަޑައިގެން ދެކެވުނު ވާހަކަ ސިއްރު ކުރެއްވުމެވެ. އެ ބައްދަލުވުމާއެކު ގާސިމް އިބްރާހިމް އެންމެ ކަންބޮޑުވެ ވަޑައިގެން އުޅުއްވި 65 އަހަރުން މަތީ ބޭފުޅުންނަށް ރިޔާސީ ރޭހަށް ނުނުކުމެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅީން އެހެން ޕާޓީއެއްގެ މެންބަރަކު ހުށަހަޅުއްވާފައިވަ އިސްލާހު އަނބުރަ ނެގުމެވެ. އެބައްދަލުވުމާއެކު ސިޔާސީ މިސްރާބު މުޅިން ބަދަލުވެ ޖޭޕީ ހަރުކަށިކަން ވެސް ވަނީ ކެނޑިފަ އެވެ. މަގުމަތީން ގާސިމް ގެއްލި ވަޑައިގެންފި އެވެ. އެމްޑީޕީގެ ރާގުން މުޅިން އެހެން ގޮތަކަށް ބަދަލުވެއްޖެ އެވެ. ގާސިމާ މީރާއަށް ދައްކަންޖެހޭ ކަމަށް ބުނާ ފައިސާގެ އަޑު ކެނޑީއްޖެ އެވެ.
-- އެބައްދަލުވުމުގައި ގާސިމަށް ފައިސާގެ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު އުއްޗު ދެއްވި ކަމަށް ބުނެ އަޑުތައް އުޅެ އެވެ. ނަމަވެސް އެއީ މުޅީން ހަގީގަތެއް ކަމަކަށް ނުބެލެވެ އެވެ. --
އަނެއްކޮޅު ސިޔާސީ ރޭވުންތައް އެންމެ ބޮޑަށް ހިނގާ އެންމެ ބިޒީ ހަރުގެއަކީ އުއްޗުގެ ކެންޓީނެވެ. ސިޔާސީ ގޮތުން ދިމާވާ ކޮންމެގައި ވެސް މިހާރު ފެންނަނީ އުއްޗުއާ ދިމާއަށް ދަތުރު ކުރާތަނެވެ. މިސާލަކަށް ރައީސް މުހައްމަދު ނަޝީދުގެ ބޮޑު ދައިތަ އަދި މެންބަރު އީވާ އަބްދުﷲ ގެ މަންމަ ޒުހައިރާ އުއްޗުއާ ކުއްލި ގޮތަކަށް ބައްދަލު ކުރެއްވުމަށް ބަލަމާ ހެއްޔެވެ؟ އުއްޗު ކެނެރީގެއަށް ވަޑައިގަތް ކަމަށް ބުނާ ވާހަަކަ ނަގަމާ ހެއްޔެވެ؟
ޒުހޭރާ އައި އުއްޗު ބައްދަލު ކުރެއްވީ ކޮންކަމަކު ކަމެއް މުޅީން ސާފު ނުވިޔަސް އެމްޑީޕީން ދައްކާ ވަހަކަތަކާއެކު މަޝްވަރާއަށްދާން ތައްޔާރު ކަމަށް ސަރުކަރުން ބުނީ އެހިސާބުންނެވެ. ނަޝީދު ބައްދަލު ކުރުމުގައި ހުރި ދަތިތައް ފިލުވައިދީ ކޮންމެ ދުވަހަކު ބައްދަލު ކުރެވޭނެ ކަމަށް ސަރުކާރުން ބުނި ހިސާބަކީ އެއީ އެވެ. އެމްޑީޕީ އައި ޖޭޕީން ހޯމް މިނިސްޓަރާ ބައްދަލުކޮށް މީޑިއާ މައުލޫމަތު ދޭން ބޭނުމެއް ނުވެޔޭ ބުނި ހިސާބަކީ ވެސް އެއީ އެވެ.
މިހުރިހާ ކަމަކަށް ބަލާއިރު މަޝްރަހު ބަދަލު ކުރުވާ އަދި ސިޔާސީ ގޮތުން މޮޅަށް ގޭސް ކައްކަވައި ދެއްވި ބޭފުޅަކީ އުއްޗު ކަމަށް އެމްޑީޕީ، ޖޭޕީ އަދި ޕީޕީއެމްގެވެސް ވަރަށް ގިނަ މީހުން ގަބޫލު ކުރެއެވެ. އުއްޗު އަކީ ފެންނަ ފެނުމަށް ވަރަށް އާދައިގެ އެކަމަކު ހަގީގަތުގައި ހުރިހާ ގޮތަކުން ވެސް ވަރަށް ކުޅަދާނަ ބޭފުޅެއްކަން އޭނާ ވަނީ ސާބިތުކޮށްދެއްވާފަ އެވެ. ނުފޫޒާއި ބާރުގެ ގޮތުން ވެސް އޭނާ ކަތިލެވޭނެ ދެ ވަނަ ޝަހުސެއް މި ރާއްޖެއަކު ނެތެވެ. އެހެން ކަމުން ސިޔާސީ ގޮތުން އުއްޗު ބޮޑު ދައުރެއް އަދާ ކުރައްވާކަމަށް މިލިޔެވުނު ވާހަކަ ޝަރުއީ ގޮތުން ސާބިތުކޮށް ދިން މީހަކަށް މިލިޔަނެއްހާ ރުފިޔާ ދެއްވާން އުއްޗު ވިދާޅުވާނެ ހެނެއްވެސް ހީއެއް ނުވެއެވެ.
އުުއްޗުއަކީ އަޅުގަނޑާ ދުވަހަކުވެސް ބައްދަލުވި ބޭފުޅެއް ނޫނެވެ. ނަމަވެސް މަރުހުމޫ ސިއްކަގޭ މުހައްމަދު ނަސީމްގެ "ޖަލުގެ ހަޔާތް" ލިޔުމުގެ މަސައްކަތް އަޅުގަނޑު ކުރި އިރު އެ ފޮތުގެ އެއް ޗެޕްޓަރުގައި އުއްޗުގެ ވާހަކަ ވަރަށް ގިނައިން އައިސްފައިވުމުން އޭނާގެ ޒުވާން ދައުރުގެ ވަރަށް ގިނަ މައުލޫމާތު އެނގެ އެވެ. ހާއްސަކޮށް ރައީސް އިބްރާހިމް ނާސިރު ވިލިނގިލީގައި ހައްދަވައިގެން އުޅުއްވި ޖަލުގައި ސިފައިން އުއްޗުއަށް ކުރި އަނިޔާތަކުގެ ވާހަކަ އާއި އޭގެ ސަބަބުން އެނާ ހޭނެތިފައި އޮތް ވާހަކަ އާއި އުއްޗުގެ ސަމާސާ މަޖާ މިޒާޖްގެ ވާހަކަވެސް އަޅުގަނޑަށް އެނގެ އެވެ. ސިއްކަގޭ މުހައްމަދު ނަސީމް އަވަހާރަވީ މިދެންނެވި ފޮތުގެ 12 ޗެޕްޓަރެއް އަޅުގަނޑު ލިޔެ ނިންމާފައި ވަނިކޮށެވެ. އޭނާގެ އާއިލާއިން އެ ފޮތުގެ ޗާޕް ޖާހައިގެން ނެރޭނެ ދުވަހެއް ނޭނގެ އެވެ. އެ ފޮތް ނުކުމެއްޖެ ނަމަ އުއްޗުއާބެހޭ ވަރަށް ގިނަ އާ މައުލޫމާތު ކިޔައިލަން ލިބޭނެ އެވެ. މިދެންނެވި ފޮތުގައި ސިފައިން އަނިޔާކޮށް މަރާލި ހީރާ މުހައްމަދު ރަޝީދު ވާހަކަވެސް ހިމެނެ އެވެ. ހީރާ ރަޝީދާ ބެހޭ ގޮތުން ޖަލުގައި ނަސީމް ލިޔުއްވި ޑައިރީ މިހާރު އޮތީ ސްރީލަންކާގައި އަޅުގަނޑު ހަދައިގެން އުޅޭ ކުޑަކުޑަ ލައިބްރަރީގައެވެ.