ޗަމްޕާ މުހައްމަދު މޫސާ

އުއްޗުގެ އެއާޕޯޓް ޕްރޮޖެކްޓް: ފުރަތަމަ ގައުމު!

ރާއްޖެ އާއި ރާއްޖޭގެ ވިޔަފާރީގައި މިއީ އާދައިގެ ނަމެއް އަދި އާދައިގެ ސިކުނޑިއެއް ވެސް ނޫނެވެ. ބައިވަރު ސަބަބުތަކުގެ ތެރެއިން އެއް ކަމަކަށް ދުނިޔޭގެ ބައެއް މުއްސަނދިންނާއި ބައެއް ގައުމުތައް ހައިރާންކޮށްލާ ފެންވަރުގައި ޓޫރިޒަމް ފައްކާކޮށް، ދުނިޔޭގައި ފުރަތަމަ މޫދު އަޑީ ރެސްޓޯރެންޓްތައް ހެދެވުމުގައި އިސް ދައުރެއް އަދާ ކުރެއްވުން ވެއެވެ. އެ މަސައްކަތްވީ ދުނިޔޭގެ ދުރުމި ރާއްޖެއަށް ހުއްޓުނު ކަމަކަށެވެ. އެ ބޭފުޅަކީ ޗަމްޕާ މުހައްމަދު މޫސާ ނުވަތަ އާއްމު ނަމުންނަމަ (އުއްޗު) އެވެ. ޓޫރިޒަމުން ރާއްޖެ އަށް ގިނަ ކުރިއެރުންތައް ގެނެސް ދެއްވުމަށްފަހު، މިހާރު ނުކުންނަވައި އެ ހުންނެވީ، އަނެއްކާވެސް އާ ކަމެއްގަ އެވެ. މި ފަހަރު ތަރައްގީ ކުރަނީ ރިސޯޓެއް ނޫނެވެ. ވައިގެ ބަނދަރެވެ. އެއާޕޯޓެކެވެ.

ޅ. މަޑިވަރުގައި އުއްޗު ތަރައްގީ ކުރާ މި އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރަން ޅ. ހުރަވަޅި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަށް ސުވާލެއް ކުރިމަތިކޮށްލީމެވެ؛ މިއީ ވަރަށް އުންމީދީ މަޝްރޫއެއްތޯ އެވެ؟ އޭނާ ދެއްވި ޖަވާބު ކުރުވެފައި އެހާމެ ސާދާ އެވެ. އަދި އެހާމެ މާނަ ވެސް ފުނެވެ.

"ތިޔަ ކަހަލަ ކިތަންމެ މަޝްރޫއެއް ފެށޭ. މި [އެއާޕޯޓް] ފެށުމަށް ހިޔާލު އައީ [ރައީސް] ޔާމީން އަބަދު ވެސް ވިދާޅުވާނެ ފަސްޓް ނޭޝަންއޭ. ދެއްތޯ؟ ނޭޝަނާ ބެހޭ ކަމެއްވީމަ ހިތަށް އެރީ މިކަން ކުރަން ޖެހޭނެއޭ. މިއީ ހަމައެކަނި އަޅުގަނޑުގެ އިންޓްރެސްޓަކީ،" މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން އުއްޗު މި މަޝްރޫއު ހިންގަވަން ނިންމެވީ ގައުމީ ކަމެއްގެ ގޮތުގައި ބައްލަވައިގެންނެވެ. އަހަރެއްގެ ތެރޭގައި އާ ޑޮމެސްޓިކް ވައިގެ ބަނދަރު ހުޅުވިގެންދާނެ އެވެ.

އުއްޗު ވިދާޅުވި ގޮތުގައި ސިޓީ ހޮޓަލަކާއި އެހެނިގެން ވަސީލަތްތަކާއެކު މަޑިވަރު އެއާޕޯޓް ހަދަނީ އޭނާއަކަށް ނޫނެވެ. ޅ. އަތޮޅާއި މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކަ އެވެ.

"އެއާޕޯޓުގެ ސަބަބުން މި ސަރަހައްދު [ޅ. އަތޮޅު] ގެ މީހުންނަށް ވަޒީފާ އިތުރުވާނެ. ހާއްސަކޮށް ޒުވާނުންނަށް، އެފަހަށް މުޅި ރާއްޖެއަށް،" އުއްޗު ވިދާޅުވި އެވެ.

އުއްޗު ވިދާޅުވަނީ ކަމެއްގައި ހީކުރާ ގޮތަށް ކަންތައް ނުދިޔަ ނަމަވެސް އުންމީދު ކުރަންވާނީ އެ ކަމެއް ރަނގަޅަށްވާނެ ކަމަށެވެ.

"ތި ޔަބޭފުޅާ ތިޔަ ހިސާބަށް ގޮސްފައި ފައި ތިޔަހުރީ ވެސް [ނޫސްވެރިކަމުގައި] ހާދަ އަހަރެއް ވެގެން ތާ. މަންމަ އުފުލާ ގެންގުޅެ ކޮނޑަށްލާ، ފަހުން މަންމަމެންގެ މަތިން ހަނދާން ނެތުނުކަމުގައި ވިއަސް. އެހެންވެ، އެގޮތަށް މިކަން ވެސް ކުރިއަށް ދާނީ ލައްކަ މަސައްކަތް ކޮށްގެން. އެކަން ފާހަގަ ކުރާނީ ޔަންގް ޖެނަރޭޝަން، [ޒުވާން ޖީލު] ކޮންމެ ކުއްޖަކު ވެސް ބަލަންވީ ގައުމަށް ހިދުމަތެއް ކޮށްދެވޭތޯ، އަޅުގަނޑުގެ އުންމީދަކީ ވެސް އެއީ." އުއްޗު ވިދާޅުވި އެވެ.

ކޮންމެ ކުއްޖަކު ވެސް ބަލަންވީ ގައުމަށް ހިދުމަތެއް ކޮށްދެވޭތޯ، އަޅުގަނޑުގެ އުންމީދަކީވެސް އެއީ.
ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)

އުއްޗު ވިދާޅުވާން ބޭނުންފުޅުވާ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. އޭނާއަށް ނެތީ ވަގުތެވެ. އެހެންވެ ގައުމަށްޓަކައި އަދި ގައުމަށް ހިދުމަތް ކުރުމަށް އޭނާ ވިދާޅުވާން ބޭނުންފުޅުވާ ހުރިހާ ވާހަކައެއްގެ ގޮތުގައި ދެއްވީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ޖޯޝުން ފުރިފައިވާ މި ބައިތެކެވެ:

"ހުއްބުލް ވަތަނުގެ ސިފަތަކުން ހިތް ފުރާނަމޭ. ލައްބައިކައޭ ބުނެ ޖަވާބުދީ ގުރުބާން ވެދާނަމޭ،"

މި ބައިތަށްފަހު ވެސް، ވިދާޅުވީ "ހުރިހާ އެންމެން ވެސް އިސްކުރަންވީ ގައުމު" ކަމެވެ. ފުރަތަމަ ގައުމެވެ. ފާދިއްޕޮޅުގައި އެއާޕޯޓެއް އަޅަން އިސްނެންގެވީ ވެސް އެ ވިސްނުމުގަ އެވެ. އެއީ ފުރަތަމަ ގައުމުގެ ވިސްނުމެވެ. "ނޭޝަން ފަސްޓް" އެވެ.