ރިޕޯޓް

މަޑިވަރު: އެތައް ފަހަރަކު ނިވި ދިއްލުނު ހުޅުކޮޅު!

ކުރެއްދޫ ރިސޯޓުން: މުހައްމަދު އަފްރާހު
May 30, 2018
6

ތާރީހަކީ މީގެ 13 އަހަރު ކުރިން ސެޕްޓެމްބަރު 29، 2005 އެވެ. ޅ. މަޑިވަރުގައި ސަތޭކަ އެނދުގެ ހޮޓަލާއެކު އެއާޕޯޓެއް ނިންމަން ހަވާލު ކުރި އެވެ. އޭރު މަސައްކަތާ ހަވާލު ކުރީ އަމިއްލަ ފަރާތްތައް ބައިވެރިކޮށްގެން ވަކި ކުންފުންޏެއް އުފައްދައިގެންނެވެ. ނަމަވެސް އެ މަސައްކަތަށް ވީގޮތެއް އެނގޭ މީހަކު މިހާރަކު ނެތެވެ. އޭގެ މާފަހުން ދެން އިވެންފެށީ އެހެން ވާހަކަ އެވެ. ނައިފަރާއި މަޑިވަރު ބްރިޖަކުން ގުޅާލާ ވާހަކަ އެވެ. އަނެއްކާ އޭގެ ފަހުން އެ ވާހަކަ މާޒީގެ ތެރެއަށް ހިނގައްޖެ އެވެ. އެކަމަކު އެ ހުރިހާ ކަމެއް ވަޔަށް ދިޔައިރު ވެސް ޅ. އަތޮޅުގެ ރައްޔިތުން އަބަދު ވެސް ކުރާ އެންމެ ބޮޑު އުންމީދަކީ ކޮންމެ ވެސް ދުވަހަކު މަޑިވަރުގައި އެއާޕޯޓެއް އެޅުމެވެ. އެއީ މުޅި އަތޮޅުގެ އެދުމާއި އުންމީދެވެ.

"އަޅުގަނޑު މިއަދު މިހުރީ ވަރަށް އުފާވެފައި. އުންމީދު އާވެއްޖެ. މި އުންމީދު [އެއާޕޯޓަށް] ކުރާތާ އަޅުގަނޑުމެން 20 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. ނަމަވެސް މިއަދު ހަގީގަތަކަށް ވެގެންދާ ތަން ފެންނަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ނައިފަރަށް އުފަން، އަދި މި ސަރުކާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވި އެވެ.

ޅަވިޔަނީގެ ފަސް ރަށެއްގައި މީހުން ދިރިއުޅެ އެވެ. އެއީ ނައިފަރާއި ހިންނަވަރާއި ކުރެންދޫ އާއި އޮޅުވެލި ފުއްޓެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން ޅަވިޔަނީގެ އާބާދީއަކީ 7,996 އެވެ. ވަށައިގެން ފަރުތައް ހިމެނޭ ގޮތަށް އެތެރެވަރީގައި މަޝްހޫރު ބަރަވެލި ކަނޑު އޮންނަ މި އަތޮޅުގައި ކަނޑުގަދަ ދުވަސްވަރު ދަތުރުކޮށް އުޅުންވަނީ ބޮޑު ތަކުލީފަކަށެވެ. މިއީ ވެސް މި އަތޮޅުގެ ރައްޔިތުންނަށް އޮތް ބޮޑު ދައްޗެކެވެ. އަދި މިކަންވެގެންދަނީ މުޅި އަތޮޅުގެ އިގްތިސާދުގައި މައިބަދަ ކަމަށްވާ ޓޫރިޒަމަށް އޮތް ގޮންޖެހުމަށެވެ.

ޅ. އަތޮޅުގައި ނުވަ ރިސޯޓެއް ހިންގާއިރު، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ރިސޯޓުގެ އަދަދު 12 އަށް އަރާނެ އެވެ. ނަމަވެސް ޓޫރިޒަމަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސީޕްލޭންގައި ޓޫރިސްޓުން އުފުލަން ޖެހުމުން ކުރިމަތިވާ މަތި ތަކެވެ. މި އަތޮޅަށް ސީޕްލޭންގައި 45 މިނެޓުން ޓޫރިސްޓުން ކުރަން ޖެހޭ ދަތުރުގެ ސަބަބުން މި އަތޮޅުގައި ފައްކާކޮށްފައިވާ ފެންވަރު މަތީ ޓޫރިޒަމް ޕްރޮޕަޓީތަކަށް ދަތިތަކާ ކުރިމަތިވެ އެވެ. އެހެންވެ، މި އަތޮޅުގެ ޓޫރިޒަމްގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ކުރެއްދޫ ހޯލްޑިންގްސްގެ އިސް ނެގުމަކާއެކު މިހާރު މނިވަނީ އެއާޕޯޓުގެ މަސައްކަތް ފަށާފަ އެވެ.

މި ފަހަރު ވާނީ ކިހިނެއް ހެއްުޔެވެ؟ ކުރީގެ ފަހަރުތައް ގޮތަށް މިފަހަރު ވެސް ވެދާނެ ހެއްޔެވެ؟

އަޅުގަނޑު މިއަދު މިހުރީ ވަރަށް އުފާވެފައި. އުންމީދު އާވެއްޖެ. އަޅުގަނޑުމެން މި އުންމީދު ކުރާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ.
އަބްދުﷲ ނާޒިމް އިބްރާހިމް | ހެލްތް މިނިސްޓަރު

މި ފަހަރު އުންމީދު ބޮޑު

މި ފަހަރު އުންމީދު ބޮޑެވެ. ސަބަބަކީ ޗަމްޕާ ބްރަދާސް ނުވަތަ ޗަމްޕާގެ ކުންފުނީގެ ކާމިޔާބު ތާރީހުގެ ސަފުހާ ތަކެވެ. އެ ކުންފުނިން ނުކުމެއްޖެ ކޮންމެ ކަމެއް ވެސް ކޮށްފައިވަނީ މޮޅުކޮށް އަދި އެހާމެ ކާމިޔާބު ކަމާއެކުގަ އެވެ. މިކަމުގެ މިސާލަކީ ޗަމްޕާ ބްރަދާސްގެ ރިސޯޓުތަކަން ފެންނަ ތަފާތެވެ. މޫދު އަޑީގެ ރެސްޓޯރެންޓް ފުރަތަމަ ހުޅުވީ ވެސް މި ކުންފުނިންނެވެ. އަދި އެއަށްފަހު މިހާރުގެ މިޝްރާބަކީ މޫދު އަޑީގައި ގެ އެޅުމެވެ. އެހެންވެ މިފަހަރު ފާދިއްޕޮޅުގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހޭނެ ކަމަށް ބުނާ މީހުން ގިނަ އެވެ.

އެފަދަ އެއް ބޭފުޅަކީ، ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް އެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ޅ. އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. މިފަހަރު ކާމިޔާބުވުމުގެ އުންމީދު ވެސް ބޮޑެވެ.

"އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް މިއީ. ހުރިހާ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ މަސައްކަތެއް މިއީ. މިއީ އިގްތިސޯދީ ގޮތުން އަންނާނެ ބޮޑު ކުރިއެރުމެއް. މި ސަރަހައްދަށް އިންވެސްޓް ކުރަން ތިބި އިންވެސްޓަރުންނަށް ވެސް ލިބިގެންދާނެ އިތުރު ހިތް ވަރަކަށް ވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ވަރަށް އުފާވެރި ދުވަހެއް މިއީ. ހުރިހާ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ މަސައްކަތެއް މިއީ.
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

މަޝްހޫރު ޓޫރިޒަމް ކުންފުނި، ޗަމްޕާ ބްރަދާސްގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންސް އިން މަޑިވަރުގައި އަޅާ އެއާޕޯޓަށް އެ ކުންފުނިން 11 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އަހަރެއްހާ ދުވަހުން މަސައްކަތް ނިންމަން ހަމަޖެހިފައިވާއިރު، އެކުންފުންޏަށް ވެސް މި މަސައްކަތް ވަނީ އުންމީދީ މަޝްރޫއެއްގެ ގޮތުގަ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ކުރެއްދޫ ހޯލްޑިންސް ކުންފުންޏަށް އެއާޕޯޓެއް އަޅަން ހަވާލުކުރީ އަމިއްލަ އަށް އިންވެސްޓްކޮށްގެން އެއާޕޯޓު އަޅައި ހިންގާ ގޮތަށެވެ.

"އެންމެ މިނިމަން ރިކްއާމަންޓަކީ މި ތަނުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއެއް ހަދާފައި ރާއްޖޭގައި މި ދުއްވާ ޑޭޝް 8، ޖެއްސޭ ވަރުގެ ރަންވޭ އާއި ޓާމިނަލް އެޅުން. މީގެ އިތުރުން މިރަށުގައި ސިޓީ ހޮޓަލެއް އަޅަން ބޭނުންނަމަ ސިޓީ ހޮޓަލެއް އަޅާނެ،" ޒަމީރު ވިދާޅުވި އެވެ.

ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވިގޮތުގައި މިއީ މުސްތަގުބަލަށް ދަރިންނާއި ދަރިންގެ ދަރިންނަށް ވެސް ފައިދާ ލިބިގެންދާނެ އެއާޕޯޓަކަށް ހައްދަވައި ދެއްވާނެ އެވެ.

"މި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގެ މީހުންނަށް ވަޒީފާތައް އިތުރުވެ، ފެސިލިޓީސްތައް އިތުރު ވެގެންދާނެ،" ޅ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ އުއްޗު ވިދާޅުވި އެވެ.

ކޮންމެއަކަސް ޅ. އަތޮޅު އެއާޕޯޓުގެ އުންމީދުގައި ތިބޭތާ ލައްކަ ދުވަސްވެއްޖެ އެވެ. މި އުންމީދުގައި ތިއްބައި، އަނެއްކާވެސް މިވަނީ އުންމީދުގެ ހުޅުކޮޅެއް ފެނިފަ އެވެ. މިފަހަރު އަލި ގަދަ ކޮށެވެ.