ޗަމްޕާ މުހައްމަދު މޫސާ ނުވަތަ އެ ބޭފުޅާގެ މަޝްހޫރު ނަމުން ނަމަ، އުއްޗުއަކީ ވަރަށް ވެސް އާދަޔާހިލާފު ޝަހުސިއްޔަތެކެވެ. ރޭ ނޫން ކުރީ ރޭ ގަލޮޅު ދަނޑުގައި ސްޓޭޖު މަތިން އޭނާ ވަނީ އަނެއްކާވެސް އެތައް ބަޔަކު އާޝޯހުކޮށްލައްވައިފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔާންކާ ޗޯޕްރާގެ ހިތް، ޝާއިރީ ބަސްތަކަކުން ފަތަހަކޮށްލެއްވީ އެވެ. އުއްޗު އަކީ ފެންނަ ފެނުމަށް ވަރަށް "އާދައިގެ" އެކަމަކު ހަގީގަތުގައި ހުރިހާ ގޮތަކުން ވެސް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ނުފޫޒާއި ބާރުގެ ގޮތުން ވެސް އޭނާ ކަތިލެވޭނެ ދެ ވަނަ ޝަހުސެއް މި ރާއްޖެއަކު ނެތްކަން ޔަގީނެވެ.
ދެން މި އޮތީ ރޭގައި އޭނާ ދެއްކެވި ކުޅަދާނަ ކަމުގެ ވާހަކަ އެވެ. އުރުދޫ ބަހުން ތައުރީފުގެ ބަސްތަކެއް އޮއްސާލެއްވުމުން ޕްރިޔާންކާ އަށް ވެސް ލިބުނީ ސިހުމެކެވެ.
އެހެންވެ އޭނާ އެދުނީ އުއްޗުގެ އެ ކުޅަދާނަކަން ދެން ތިބި އެންމެނަށް ވެސް ދައްކާލައިގެން ކުރިއަށް ގެންދާށެވެ. އެ ހިސާބުން މައިކު އުއްޗުއާ ހަވާލުކުރެވުނެވެ. ދެން އެ ބޭފުޅާގެ ވާހަކަ ފެއްޓެވީ އެވެ.
"ތުޖޭ ދޭކްކަރު މުޖޭ އޭކު ޝާއިރީ ޔާދު އާޔާ،" ޕްރިޔާންކާގެ ރީތިކަން ފެނި މުހައްމަދު މޫސާގެ ސިކުނޑި ތޮރުފާލީ މަޝްހޫރު ޅެން ބައިތެކެވެ.
އެއަށް ފަހު އެ ޅެން ބައިތުން ތައުރީފު އޮއްސާލުމުގެ ކުރިން އޭނާ އެދިވަޑައިގަތީ ޕްރިޔާންކާގެ ހުއްދައަކަށެވެ. އަދަބުވެރިކަމާ އެކު އަދި ލުއި ހިނިތުންވުމަކާ އެކު ޕްރިޔާންކާ ހުއްދަ ދިނުމުން އަނެއްކާވެސް ފެއްޓެވީ މުހައްމަދު މޫސާ އެވެ.
ދެން މި ޝާއިރީ ބަސްތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބަޔަކު މީހުން ނުރުހުން ވެސް ފާޅުކޮށްފާނެ އެވެ. ކޮންމެއަކަސް މިކަން ފާހަގަމިކޮށްލީ އެއްގޮތަކަށް ވެސް އެފަދަ ބޭނުމެއްގައެއް ނޫނެވެ. މުހައްމަދު މޫސާގެ ސަމާސާ އަދި އެހާމެ ލޯބި ސިފަ ހިއްސާކޮށްލެއްވުމަށެވެ.
ޗަމްޕާ މުހައްމަދު މޫސާ އަކީ އާންމުންނާ ގުޅުން ބޮޑު މިފަދަ އެއްވުންތަކާއި ޗެރިޓީ ހަރަކާތްތަކުން ވަރަށް ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. މަޖިލީހުގެ މަޝްހޫރު މެމްބަރު ރޮޒެއިނާ އާދަމްގެ ޖޯޒީއަކީ ވެސް މުހައްމަދު މޫސާގެ އާދަޔާހިލާފު ކަލެކްޝަނުން ފާހަގަކޮށްލެވޭ އެއްޗެކެވެ.
ކޮންމެއަަކަސް އޭނާ މިފަހަރު ޕްރިޔާންކާ އަށް ފިނިފެންމާ ހަދިޔާކޮށް ދިވެހި ސްވެނިޔާ ހަދިޔާކޮށް ޝާއިރީ ބަހުން ތައުރީފުކުރެއްވުމުން ވަރަށް ގިނަ ބަޔަކަށްވީ އެކަން މަޖަލަކަށެވެ. ދިވެހިންނަށް ދެން ހުރިހާ ކަމެއް ވެސް ވާނީ ޖޯކަކަށެވެ. ޖޯކު ޖެހުމަކީ ދިވެހިންގެ ކަށީގައި ހުރި ކަމެކެވެ.