ލައިފްސްޓައިލް

ތައިމް: ތަނެއް ނޫން މުހިންމީ، ކެއުން މުހިންމީ!

އެހެން ރެސްޓޯރެންޓްތަކުން އާންމުކޮށް ސޯޝަލް މީޑިއާ އަށް ލައި ފޮނިކަނޑަނީ އެމީހުންގެ ރެސްޓޯރެންޓްތަކުގެ ހިތްގައިމުކަން ދައްކުވައިދޭ ފޮޓޯތަކުންނެވެ. މާލޭގެ އެހެން ރެސްޓޯރެންޓްތަކާ މިތަން ތަފާތުވާ ފުރަތަމަ ސަބަބު މި ކިޔައިދެނީ އެވެ. ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ކެމްޕޭންތަކުގައި އެމީހުން އެއްވެސް ވަރަކަށް އެތަނުގެ ހިތްގައިމުކަން ދައްކަން މަސައްކަތެއް ނުކުރެ އެވެ. ހަގީގަތަށް ބުނަނީ ނަމަ އެތަނުގެ އެތެރޭގެ ޑިޒައިނުގަ އާއި ލޮކޭޝަނުގައި މީހުން ކުޅުދިޔާވާވަރުގެ ހިތްގައިމުކަމެއް ވެސް ނެތީ އެވެ.

ނަމަވެސް މައްޗަން ގޮޅީގައި އެއޮތް ކޯރުކެނޑި ހިނގުމޭ ކިޔުނު މަގުގެ މެދަކާ ހިސާބުގައި ތައިމްގެ ނަމުގައި ހުޅުވާފައިވާ މި ކުޑަކުޑަ ރެސްޓޯރެންޓަކީ އެތަނުގެ ނަމާއި ތަނުގެ ނަލަކަމަށް ވުރެން ބޮޑު މަޝްހޫރުކަމެއް ކުރު މުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ރެސްޓޯރެންޓެކެވެ. ކޯރުކެނޑި ހިނގުމުގައި ހުންނަ ތަނެކޭ ބުނީމަ އެއީ ކޮން ތަނެއްކަން ވެސް ގިނަ މީހުންނަށް ނޭނގިދާނެ އެވެ. ނުވަތަ އެ ހިސާބުގަނޑުގެ "ގޮނޑުކަން" ފެނުމުން މި ރެސްޓޯރެންޓަކަށް ވަންނަ ހިތެއް ވެސް އެއްބަޔަކު ނުވެދާނެ އެވެ.

އެކަމަކު ރަނގަޅަށް ކައްކާފައިވާ ތަފާތު ރަހަތަކެއްގެ މީރު ކެއުންތަކަކަށް ހިތް އެދި ގޮވަނީ ނަމަ މާލެއިން އެންމެ ފުރިހަމަ އަށް މި އެދުން ފުރިހަމަކޮށްދެވޭނެ ތަނަކަށް ވިލުނުލާއި ހުދު ކުލައިގެ މި ކުޑަކުޑަ ރެސްޓޯރަންޓްވާނެކަން ޔަގީނެވެ. އެތަނުން ކެއުމަކީ އަރާމެކެވެ. ތައިމްއޭ ކިޔުނު މި އަރާމެއްގެ މޭސްތިރިއަކީ ތަނުގެ ޒުވާން ކޯ-އޯނަރު އައްފާން އަބްދުﷲ ދީދީ އެވެ.

ތައިމްގެ މީރު ރަހަތަކުގެ ވާހަކަ ކާ މޭޒުމަތީގައި ބާއްވާފައި ސ. ހުޅުދޫ އަށް ނިސްބަތްވާ މި ޒުވާނާގެ ވާހަކަ އަށް ބަލާއިރު މިއީ ވެސް ނިކަން ތަފާތު އިންގްރެޑިއަންޓެއް އޭގައި އޮތް ވާހަކައެކެވެ.

ކިޔެވި ދާއިރާގައި ކެއްކީ މުޅިން އެހެން ރަހައެއް

މިއީ އިކޮނޮމިކްސް އާއި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ލީޑަރަކަށްވެ މަޝްހޫރުވާނެ ކަމަށް އެންމެ ފުރަތަމަ ލަފާކުރެވުނު ޒުވާނެެކެވެ. ނަމަވެސް އެ ދާއިރާއިން ޑިގްރީ ހާސިލުކުރުމަށް ފަހު އެންމެފަހުން އައްފާންގެ ހަގީގީ ކުލަ އާއި ރަހަ މި ފެނުނީ މުޅިން އެހެން ދާއިރާއަކުންނެވެ. އޭނާ ބުނަނީ މިހެންވީ ކެއްކުމުގެ ދާއިރާ އަށް މާ ކުރިން ވެސް ހިތް ދޫކޮށްލެވިފައި އޮތުމުން ކަމަށެވެ.

"ކުޑައިރު ވެސް އަބަދުވެސް ކައްކާހިތްވޭ. އެކަމަކު އެ މިނިވަންކަމެއް ކުރިން ނުލިބި އޮތީ. ފަހުން އެ މިނިވަންކަން ލިބުނީމަ ފެށީ. ޕޮލިޓިކަލް ސައިންސް ކިޔަވަން (އިންޑިއާގެ ވެރިރަށް) ނިއު ދިއްލީ އަށް ގޮސް އުޅުމުގެ ތެރޭގައި އެކަނި އުޅެން ޖެހި އަމިއްލަ އަށް ކައްކަން ފެށުނީ ބޮޑަށް،" އަބަދުވެސް ރޯކުރަން ބޭނުންވެފައި ހުރި އުނދުނުގައި އުދަން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން އައްފާން ބުންޏެވެ.

މި ޝައުގުވެރިކަން ބޮޑުވެގެން ގޮސް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީގެ ހަ މަސް ދުވަހުގެ ކޯހެއް ވެސް އޭނާ ފަހުން ފުރިހަމަކުރި އެވެ. ނަމަވެސް އޭރު ވެސް އައްފާނަކީ ކެއްކުމުގެ މުބާރާތެއްގައި ފެވަރިޓަކަށް ވެވިދާނެ ފެންވަރުހުރި "ކައްކާ" އެކެވެ.

ގޭގައި އުޅޭއިރު އާއިލާގެ މީހުންނަށް ކައްކައި ކާން ދިނުމާއި އެކުވެރިންނާއި މަސައްކަތުގެ މާހައުލުން ބައްދަލުވާ "ގްރޫޕްތަކަށް" ވެސް އޭނާ ދިޔައީ އޭރު ވެސް "އައްފާންގެ ކެއްކުމުގެ ރަހަތައް" ގެނެސްދެމުންނެވެ. އޭނާ ބުނީ ރެސްޓޯރަންޓެއްގެ ހިޔާލަކަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވާނީ އާއިލާ އާއި އެކުވެރިންގެ ފަރާތުން އޭނާގެ ކެއްކުންތަކަށް އޮހުނު ތައުރީފެވެ.

"އަބަދުވެސް ގޭގައި ކައްކައި ރައްޓެހިންނަށް ކައްކައި ކާން ދެން. ހުންނާނެ 13 މީހުންގެ ގްރޫޕްތަކަށް ވެސް ކައްކައިދީފައި. އެމީހުންގެ ކޮމެންޓްސްތައް ރަނގަޅުވެގެން އިތުރު ހިތްވަރެއް ލިބި އިތުބާރު ބޮޑުވީ،" ނިކަން މަޑުމައިތިރި މިޒާޖަކާއި ރާގެއްގައި ވާހަކަ ދައްކަމުން ދިޔަ އައްފާން ބުންޏެވެ.

ފުރަތަމަ ތިން މަހު އޭނާ އުޅުނީ ބަދިގޭގައި

"ފުރަތަމަ ތިން މަހު އަމިއްލަ އަށް ބަދިގޭގައި އުޅުނީ ވެސް. ފުރަތަމަ ދެ ތިން މަހު ތައިމް އިން ކެއި ނަމަ ގިނައިން ކެވިފައި ހުންނާނީ އަޅުގަނޑު އަމިއްލަ އަށް ކައްކާފައި ހުރި އެއްޗެހި،" ޅިޔަނަކު ކުރިން ހިންގި ރެސްޓޯރެންޓެއްގައި ވެސް ކައްކައި ތަށިދޮވެ ޖެހުނު އެހެން ހުރިހާ ކަމެއް ވެސް ކުރަން އުޅުނު ޒުވާނާ ކިޔައިދިނެވެ.

އޭނާ ބުނީ މިވަރުގެ ސަމާލުކަމަކާއި ވަގުތާއި ލޯބި އޭނާ ތައިމް އަށް ދޭން ބޭނުންވީ ކޮލިޓީ ޕްރޮޑަކްޓަކަށް ތައިމް ހެދުމަށް ކަމަށެވެ.

"އަސްލު ފުރަތަމަ ބޭނުންވީ، ޕްރޮފިޓަކަށް ވުރެން ބޮޑަށް ޔުނީކް ޕްރޮޑަކްޓެއް ނެރެން. އެއީ އަސްލު ޓާގެޓަކަށްވެފައި އޮތް ކަމަކީ. ތައިމް އަކީ ރަނގަޅު، ކޮލިޓީ ޕްރޮޑަކްޓެއް މީހުންނަށް ގެނެސްދިނުމަށް ކުރެވުނު މަސައްކަތެއް،" އައްފާން ބުންޏެވެ.

"ފައިން ޑައިނިން، ލަގްޒަރީ ސްޓައިލަކަށް ވެސް ނޫން އެކަމަކު އެންމެނަށް ފަސޭހަ ގުޑް ފުޑް ކާން ލިބޭނެ ތަނެއް ހުޅުވަން ބޭނުންވީ."

އޭނާ ބުނީ މި ހުވަފެން ހަގީގަތަށް ހެދުމަށް ބޭނުންކުރި އިންގްރެޑިއަންޓްތަކަކީ އޭނާގެ ކުޑައިރުގެ ތަޖުރިބާތަކާއި އާއިލާ ތެރެއިން ފެނުނު އަދި ކާން ލިބުނު ކެއުންތަކާއި ރަހަތައް ކަމަށެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ތައިމް ހުޅުވުމުގެ ކުރިން އޭނާ ތިން މަސް ދުވަހަށް ޔޫރަޕަށް ގޮސް އެތަނުގެ ކެއުން ބުއިމުގެ ތަފާތު ރަހަތަކާއި އަޖާއިބުތައް ވެސް ތަޖުރިބާކޮށްފައިވެ އެވެ.

"ތައިމް ހުޅުވުމުގެ ތިން މަސް ކުރިން ދިޔައިން ޔޫރަޕްގެ ޓުއާ އަކަކަށް. އެ ދަތުރުގައި ވަރަށް ބޮޑަށް ފުޑްސް އެކްސްޕްލޯކުރަމުން ދިޔައީ. އެގޮތުން އިޓަލީގައި ބޮޑަށް ތަޖުރިބާކުރެވުނީ ސްޕެގެޓީ،" އޮލިވް އޮއިލްގެ ޖާދޫއާ މަސްހުނިކޮށްފައިވާ ސްޕެގެޓީ އިން ފެށިގެން މާމަ ކުޑައިރު ކައްކައި އުޅުނު ކުކުޅު ރިހަ އާއި "ރޯސްކެޑެ ކުކުޅު" ގެ ރަހަތައް ވެސް ތައިމް އިން ލިބޭ ސަބަބުތައް ކިޔައިދެމުން އައްފާން ބުންޏެވެ.

ސްޕެގެޓީ ވަޅޯމަސް އެއްޗަކަށް ހަދައިފި!

ދިވެހިންތެ ތެރެއަށް ވަޅޯމަހުގެ ސްޕެގެޓީ ތައާރަފްކުރީ ތައިމް އަކުންނޭ ނުބުނެވޭނެ އެވެ. ނަމަވެސް ވަޅޯމަހުގެ ސްޕެގެޓީ އެއްޗަކަށް ހަދައި މާލޭ ސިޓީގެ އާންމުންގެ މެދުގައި ފެވަރިޓަކަށް ބަދަލުކޮށްލީ އައްފާންގެ ރެސިޕީއަކުންކަން ޔަގީނެވެ. ތައިމް އިން ޖުމްލަ 70ރ. އަށް ކާލަން ލިބޭ މި ޑިޝްއަކީ އިޓާލިއަން އާއި ދިވެހިންގެ މުސްކުޅި ރަހަތަކުން މަސްހުނިކޮށް ހެޔޮވަރުކޮށްފައިވާ ކެއުމެކެވެ.

ތައިމްގެ ކަސްޓަމަރުންގެ މެދުގައި އަދި އެތަނުން މިހާތަނަށް ނުކާ މީހުންގެ މެދުގައި ވެސް އައްފާންގެ މި ޑިޝްއެއް މިވަރަށް މަޝްހޫރުވުމުގެ އަސްލަކީ މިއީ އެވެ.

"ފެށުނީއްސުރެން ވެސް އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްޗަކީ ވަޅޯމަސް ސްޕެގެޓީ. އަދިވެސް އޭގެ ރަހަ ބަލައި، ގޯސްވީމަ ކިޔައިދީ، އެ ގޯސްތައް ހޯދައިގެން ރަނގަޅުކޮށް އެގޮތުގައި ސާވްކޮށްދެވޭތޯ އަބަދުވެސް ބަލަން،" އައްފާން ބުންޏެވެ.

ތައިމް ހުޅުވުމުގެ ކުރިން ވެސް ވަޅޯ މަސް ސްޕެގެޓީ ގޭގައި ވެސް ކައްކައި ޓްރައިކޮށްގެން މީހުންގެ ހިޔާލު ހޯދައިގެން ނެރުނީ. އަދިވެސް އެންމެ މަސައްކަތްކުރެވޭ ޑިޝްއަކީ އެއީ. އެހެންވީމަ ފުރަތަމަ ތައިމް އަށް ދާ މީހަކަށް ޓެސްޓްކޮށްލަން ރިކޮމެންޑްކުރާނެ ޑިޝްއަކަށް ވާނީ ވަޅޯމަސް ސްޕެގެޓީ."

އެހެން ހާއްސަ ކެއުމެއްގެ ވާހަކަ ދައްކަން އެދުމުން އައްފާން ފެށީ ތައިމް އިން ލިބެން ހުރި ބާގާތަކުގެ ވާހަކަ އެވެ. ބައެއް ކަސްޓަމަރުން ބުނާ ގޮތުން ނަމަ އެތަނުގެ ބާގާއަކީ މިވަގުތު މާލެއިން ލިބެން ހުރި އެންމެ މީރު ބާގާއެވެ.

އައްފާން ބުނީ ސްޕެގެޓީ އާއި ބާގާ އަށް އޭނާގެ ރެސްޓޯރަންޓް ހާއްސަވާނެ ކަމަށާއި މިގޮތަށް ހިންގާ ރެސްޓޯރެންޓްތައް ވަކި ކަހަލަ ކެއުންތަކަކަށް ހާއްސަވުމަކީ އޭނާ ދެކޭ ގޮތުގައި މުހިންމު ކަމެއް ކަމަށެވެ. އޭނާ ބުނީ އާންމުކޮށް ކޮންމެ ކެފޭ ރެސްޓޯރެންޓަކުން ލިބެން ހުރި ނާސިގޮރިންގާއި ބާމިގޮރިންގް ފަދަ ކެއުންތައް އޭނާގެ މެނޫގައި ނެތީ ސަބަބެއް އޮވެގެން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތެއް ނުކުރަން ބާމިގޮރިން ނުވަތަ ފްރައިޑް ރައިސް ސާވްކޮށްދޭކަށް. އެއީ އެކި ތަންތަން އެކި ކަހަލަ ފުޑްތަކަށް ހާއްސަވުން އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމުހެން. އެގޮތުން ސްޕެގެޓީ ކާން ބޭނުން ނަމަ ނުވަތާ ބާގާ ކާން ބޭނުން ނަމަ މިހާރު އެނގޭނެ ތައިމް އަށް ކަން ދާންވީ،" އައްފާން ބުންޏެވެ.

އޭނާގެ އަޒުމަކީ ދިވެހިން ކައިއުޅޭ ގޮތް ބަދަލުކޮށް އަހަރެމެންގެ ކެއުމަށް ރަހަތައް އިތުރުކުރުމެވެ. އެގޮތުން ހެނދުނު ހެނދުނާ މަސްހުންޏާއި ރޮށި ކާން ބޭނުންނުވާ މީހާ އަށް ވެސް އޭނާ ދަނީ ތަފާތު ބްރޭކްފާސްޓް މެނޫތަކެއް އެކްސްޕެރިމަންޓު ކުރަމުންނެވެ. އޭނާ ބުނަނީ އޭނާގެ މި ކުޑަކުޑަ ރެސްޓޯރެންޓް ނިސްބަތްވާ ހިސާބުގަނޑު އާންމުންގެ މެދުގައި މަގްބޫލު "ސެންޓްރަލް ޕޮއިންޓަކަށް" ނުވިޔަސް ކެއުންތަކުން ހިފަހައްޓާލެވޭ ވަރުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ތަނުގެ ލޮކޭޝަންގެ މައްސަލަ އުޅޭ. އެކަމަކު ގުޑް ފުޑުން އޭގެ ފައިދާކުރާނެ ކަމަށް ގަބޫލުކުރަނީ،" އައްފާން ބުންޏެވެ.

"މީހުން ކުރިން އައިސް ވެސް ބުނާނެ، ކުރިން ނުވަންނަނީ ފެންނަ ފެނުމަށް، ކެއުން ރަނގަޅުނުވެދާނެހެން ހީވާތީއޭ. ނުވަތަ ހުންނަ ތަނުގެ ގޮތުންނޭ ވެސް. އެކަމަކު ޓްރައިކޮށްލާފައި ހުރޭ ޕޮޒިޓިވް ރިވިއު ދީފައިވެސް."

އޭނާ ބުނީ މެނޫ އާއި ތަން އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް މިވަގުތު ނެތަސް ޑެލިވަރީގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.