ކާނާ

މެންދުރު ކެއުމަށް އާ ގޮތަކަށް ކުކުޅު ތައްޔާރު ކޮށްލަމާ!

Mar 3, 2017

ހުކުރު ދުވަހުގެ މެންދުރުގެ ސުފުރާއަށް ކުކުޅަކީ ދިވެހިންގެ ސަގާފަތެކެވެ. ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ދިރުން ގެނެސްދެނީ، ތަފާތު ގޮތް ގޮތަށް ތައްޔާރު ކޮށްލެވޭ ކުކުޅުގެ މީރުވަހެވެ. އަނެއްކާވެސް ކުކުޅު ތައްޔާރު ކޮށްލާނެ ތަފާތު ގޮތެއް ދަސްކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

މި ގޮތަށް ކުކުޅު ތައްޔާރު ކުރުމަށް މާ ގިނަ ތަކެތި ބޭނުމެއް ނުވާނެ އެވެ. މި ޑިޝް ތައްޔާރުކޮށްލުމަށް ބޭނުންވާ ހުރިހާ ތަކެއްޗަކީ ވެސް ގޭގެ ބަދިގެ އިން ފަސޭހައިން ލިބެންހުންނާނެ ތަކެއްޗެވެ. ތިރީގައި އެވަނީ ބޭނުންވާ ތަކެތީގެ ލިސްޓެވެ.

1/2 ޖޯޑު ބަޓަރު
3 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1/4 ސައި ސަމުސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ކޮނތަބިރި (ހިއްކާފައި ހުންނަ)
6 ކުކުޅު ފައި (ހަން ނުނޮޅަާ)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ، 250 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. ދެން، ޓްރޭގައި ތެޔޮ އުނގުޅާލާށެވެ. އެއަށްފަހު ބަޓަރު، ލޮނުމެދު، ސޯޔާސޯސް، އަސޭމިރުސް، އަދި ކޮތަނބިރި ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު، ދެ މިނެޓް ވަންދެން ނުވަތަ ބަޓަރުކޮޅު ވިރެންދެން މައިކްރޯވޭވް އަވަނުގައި ކައްކާލާށެވެ. ދެން، ކުކުޅު ފައި ތަކުގައި ރަގަޅަށް ބަޓަރުކޮޅު އުނގުޅާލާށެވެ. އަދި ކުޑަ އެތިކޮޅެއް ފިހެ ނިމުމުން އުގުޅާލަން ބަހައްޓާށެވެ. ދެން، 20 މިނެޓް ވަންދެން އަވަނުގައި ފިހެލާށެވެ. ރަގަޅަށް ފިހެލެވުމުން ބަޓަރުކޮޅު ހުންނަންވާނީ ކުކުޅު ފައިތަކުގެ ތެރެއަށް ރަގަޅަށް ވަދެފައެވެ. އަވަނުން ނެގުމަށްފަހު، ބެހެއްޓި ބަޓަރުކޮޅު ފައިތަކުގައި އުނގުޅާލާށެވެ. އަދި ކޮނތަބިރިކޮޅެއް މައްޗަށް ބުރުވާލާށެވެ.

މިގޮތަށް ތައްޔާރު ކޮށްލެވޭ ކުކުޅު ރޮއްޓާ އެކީ ވެސް، ނުވަތަ ބަތާ އެކީ ވެސް ކެވިދާނެއެވެ.