ބޭރު ކުޅިވަރު

ކޮތަޅަކުން ޖޯޒީ ހަދައިގެން ލީ ކުއްޖާއާ މެސީ ބައްދަލުކޮށްފި

އަފްގާނިސްތާންގެ އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖަކު، ޕްލާސްޓިކް ކޮތަޅަކުން މެސީގެ "ޖޯޒީ" އެއް ލައިގެން، ފުޓްބޯޅަ ކުޅެމުންދިޔަ ވާހަކަ މިއަހަރު ކުރީ ކޮޅު މަޝްހޫރުވެގެން ދިޔަ އެވެ.

މުރުތަޒާ އަހްމަދީ އަކީ މެސީގެ އެންމެ ބޮޑު ސަޕޯޓަރެވެ. މުރުތަޒާއަށް މެސީގެ ޖޯޒީއެއް ގަނެދެވޭނެ ފެންވަރެއް އޭނާގެ އާއިލާގެ ކިބައިގައި ނެތެވެ. އެހެންވެ އެ ތުއްތު ކުއްޖާގެ ހިތްހަމަޖެއްސުމަށްޓަކައި އާއިލާއިން އާޖެންޓީނާގެ ޖޯޒީއެއް ހަދައިދިނީ ޕްލާސްޓިކް ކޮތަޅަކުންނެވެ.

ފަހުން މެސީ ވަނީ އޭނާގެ ޖޯޒީއެއް މުރުތަޒާއަށް ފޮނުވާފައެވެ. އަދި އެ ކުޑަކުއްޖާއާ ބައްދަލު ކުރާނެ ކަމަށް މެސީގެ ފަރާތުން އާއިލާއަށް އެންގިއެވެ.

އޭގެ 11 މަސް ފަހުން، މިއަދު މެސީ ވަނީ އޭނާގެ ވައުދު ފުރިހަމަ ކޮށްފައެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ޕްރަމޯޓް ކުރުމުގެ ގޮތުން މިވަގުތު ގަތަރުގައި ހުރި މެސީ ވަނީ މިއަދު މުރުތަޒާ އާއި އޭނާގެ އާއިލާއާ ބައްދަލު ކޮށްފައެވެ.

ގަތަރުގެ ރަސްމިއްޔާތައް، އެއާއިލާ ގަތަރަށް ގެނެސްފައިވަނީ ގަތަރުގެ ފުޓްބޯޅަ ފެޑްރޭޝަންގެ ހަރަދުގައެވެ.