ވިޔަފާރި

އެން އާލާކުރާ ހެޗަރީއަކާއި ކުދި ކޭނަރީތަކެއް ހަދަނީ

އެން އާލާކޮށް ދިރުވުމަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހެޗަރީއެއް ގާއިމްކުރުމާ އެކު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މަސް ބަންދުކުރަން ކުދި ކާރުހާނާތަކެއް ހަދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. 

ކޮލަމާފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މިރޭ ވިދާޅުވީ، ރާއްޖޭގެ އެންވެރިކަން ހުސްވަމުން ނެތެމުންދާ މައްސަލައަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެ މައްސަލައަކީ ޒަމާންތަކެއް ކުރިން ދިމާވާން ފަށައިފި މައްސަލައެއް ކަމަށާއި އެކަން ހައްލުކުރުމަށް ގިނަ ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް އެކަމަށް މިހާތަނަށް ކުރެވިފައިހުރީ ވަގުތީ މަސައްކަތްތަކެއް ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަން ހިމާޔަތްކުރުމަށް އެންވެރިކަން ހިމާޔަތްކުރަން ކޮންމެހެން މުހިއްމު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އެންވެރިކަން އާލާކުރުމަށް "ބޭންގު ހެޗަރީ" އެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެފަދަ ހެޗަރީއެއް ގާއިމްކުރުމަކީ ބޮޑު ހަރަދު ދާކަމެއް ނަމަވެސް މަސްވެރިކަމުގެ ދާއިރާގެ މުސްތަގުބަލަށް އެ ވަރުގެ ހަރަދެއް ކުރުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރުވެވަޑައިގެން ކަމަށެވެ.

" މިއީ ކުޑަ މަސައްކަތެއް ނޫން. މި ކަމަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދު ވާނެ. އެހާ އަގުބޮޑު ކަމެއް ކުރަން މިޖެހެނީ. އަންނަ އަހަރަށް އެކަން ކުރުމަށް އެވަނީ ހިމަނާފައި. އެއަށް ކާންދީ ބެލެހެއްޓުމަކީ އިންސާނަކަށްކާންދީ ބެލެހެއްޓުން ފަދަ ކަމެއް. އެހެން ނަމަވެސް މިކަން މިއަދު ކުރަން ވެއްޖެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންވެރިކަން އޭގެ ޒާތުގަ ތަރައްގީކުރުމުގެ އިތުރަށް އެކަން ކުރެވޭނެ ހަމަ އެކަނި ގޮތަކީ އެންވެރިކަމުގެ އެހެން ވައްތަރެއް ތައާރަފް ކުރުން ކަމަށެވެ. އެއީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބޮޑު ކަންނެލީގެ މަސްވެރިކަން ފުޅާކުރުމަށް ކުރާ ކަމަކަށް ވާތީ އެކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދޯނިތައް އަންދާ ތެލުގެ އަގު ބޮޑުވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ދެވަނައަށް އެންމެ ބޮޑު ގޮންޖެހުމަކަށް މެދުވެރިވެފައިވާ މައްސަލައެވެ. އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މިފްކޯގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެސްޓީއޯ އާއި މިފްކޯ އެއްކޮށްލުމުގެ މައިގަނޑު ބޭނުމަކީ ވެސް މަސްވެރިންނަށް ވިއްކާ ތެޔޮ އަގުހެޔޮ ކުރުމެވެ.

"ކުރިން ދެތިން ހަތަރު ރިއަނަކަށް ދާ ސައިޒު މިހާރު ވަނީ 100 ފޫޓަށް ދިގުވެފައި. އަބަދުވެސް ތެލުގެ އަގު ދަނީ އުފުލެމުން. ބައެއް ފަހަރު ތެލުގެ އަގު ދަށްވި ނަމަވެސް. ތެލުގެ އަގަށް ސަރުކާރަށް ގެނެވޭނެ މާބޮޑު ބަދަލެއް ނޯވޭ. އެހެންނަމަވެސް ހާއްސަ މަސައްކަތްތަކެއް ކުރަން އެހެން ދާއިރާތަކަށް ތެޔޮ ލިބޭ ވަރަށް ވުރެ ހެޔޮކޮށް ތެޔޮ ފޯރުކޮށްދެވޭތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވުމުން ތެލުގެ އަގު ހެޔޮވާނެ އެވެ. މިފްކޯއަކީ ފެށުނީއްސުރެ ބޮޑު ދަރަނިތަކެއް ބޮލު އަޅައިގެން އުޅޭ ކުންފުންޏެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ކުންފުންޏަކަށް މިފްކޯ ހެދެން އޮތީ އެސްޓީއޯ އާ ގުޅިފައިވާ ކުންފުންޏަކަށް ހަދައިގެން އެވެ. މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ނިންމީ އެ ވިސްނުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކްސްޕޯޓްގެ އެންމެ ބޮޑު ޕަސެންޓެއް މަހުގެ އެކްސްޕޯޓަށް ބަރޯސާ ވާއިރު، މަހުގެ އަގު ތާޒާކޮށް ބެހެއްޓުމަށް އިތުރު މަސް ބަންދުކުރާ ކާރުހާނާތައް ބޭނުން ވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން މަސް ބަންދުކުރުން ކޮލިޓީ ކުރުމަށް ރާއްޖޭގެ މަސްވެރިކަމުގެ ސަރަހައްދުތަކުގައި ކުދި ކުދި ކޭނަރީތައް ހެދުމަށް ސައޫދީ ފަންޑުގެ އެހީއާއެކު މަސައްކަތްތަކެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަސައްކަތްތައް އަންނަ އަހަރު ފެށޭވަރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސައޫދީ ފަންޑުގެ އެހީގަ އަޅުގަނޑުމެން މި ބަލަނީ ތިން ހަތަރު ކެނެރީތައް ގާއިމްކުރުމަށް އަންނަ އަހަރުގެ ނިޔަލަށް. އެއާއެކު މަސްވެރިކަމުގެ ދާއިރާއަށް ރާއްޖޭން ބޭރުން ވެސް އެހީތައް ލިބޭނެ. އަދި މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާއަށް ވެސް ބޮޑު ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ކުރިއެރުން ގެންނަން މަސައްކަތް ނުކުރާ ކަމަށް ބުނާއިރު، އެކަން މިއަދު މަސްވެރިން ގަބޫލު ނުކުރާ ކަމަށެވެ. އެއީ ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ އަސާސެއް ނެތް ވާހަކައެއްކަން މިއަދު އެންމެން ވެސް ގަބޫލުކުރާ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.