ވާހަކަ

ހިތުގެ ތެޅުން... (ހަ ވަނަ ބައި)

"މަންމާ! އަހަންނަށް އަދި 27 އަހަރު. މިއުމުރުގަ އަދި ކައިވެންޏަކާ ހަމައަށް ދާކަށް އަހަރެން ގަސްދެއް ނުކުރަން."

ބަހަނާއެއް ދައްކައިގެންވެސް އެކައިވެނީގެ މަޅިން ސަލާމަތްވެވޭތޯ ކައިފް ބެލިއެވެ.

"ސަތޭކަ އަހަރުގެ މީހަކަށްވެސް ބުނެވިދާނެ އަހަންނަށް އަދި ސަތޭކަ އަހަރޭ. މިއީ އަދި ކައިވެނި ކުރާ ޢުމުރެއްނޫނޭ! ތި ޢުމުރަކީ ފިރިހެން ކުއްޖަކު ކައިވެނި ކުރަން ހަމަ އެންމެ ރަނގަޅު ޢުމުރުކަމަށް މަންމަ ދެކެނީ."

ޝިރުމީނާ ހުރީ ކައިފްގެ ފަރާތުން މިކަހަލަ ޖަވާބެއް ލިބިދާނެކަމާމެދު ވިސްނައިގެންނެވެ. ކައިފް އެ ނުދަންނަ އަންހެންކުއްޖާގެ މޫނަށް ބަލަން އިން ޝައުޤުވެރި ނަޒަރު ޝިރުމީނާއަށް ވަނީ ފާހަގަކުރެވިފައެވެ. އައީ ކޮން ދިމާލަކުންކަންވެސް ނޭނގޭ އަންހެންކުއްޖަކު އޭނާގެ ޅީދަރިއަކަށް ހަދަން އޭނާ ހުރީ ތައްޔާރުވެގެންނެއްނޫނެވެ. އެމީހުންނަކީ މުޖުތަމަޢުގައި ޤަދަރުވެރި، ދަރަޖައިގެ ގޮތުން މާ މަތީ ބައެއް ކަމުގައި ޝިރުމީނާދެކެއެވެ. ޚުދު އޭނާގެ ފެށުމަކީ ނިކަމެތިކަމާއި ހައިހޫނުކަމުން ފެށިގެންއައި ދިރިއުޅުމެއް ނަމަވެސް އެދުވަސްތައް ދޫކޮށް މިފަދަ ތަނަވަސްކަމަކާ ހަމައަށް އައުމަށް އޭނާ ގިރާނުކުރަނީ ކޮން އޮޅިއެއް ހެއްޔެވެ؟ ކައިފުއަކީ ގާދިރުގެ ދަރިއަކަށް ނުވިޔަސް، އުފަން ދަރިޔަކު ދެކެވާ ލޯބި އޭނާ ކައިފް ދެކެވެއެވެ. އެއީ ޝިރުމީނާ ދެކެ އޭނާ ވާ ލޯބީގެ ތެދުވެރިކަން ހާމަ ކޮށްދޭ ކަމެކެވެ.

ކައިފްގެ ކާވެންޏާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތައް އަޑުއަހަން އެމީހުންގެ ފުރަގަހުން ގޭތެރޭގައި ހުރި ތަނބެއްގައި ލެނގިލައިގެން ސަލީމާ ހުއްޓެވެ. ކައިފު ކާވެންޏެއް ކުރާ މަންޒަރު ދެކެން އޭނާވެސް ބޭނުންވެއެވެ. ނަމަވެސް ހަނާނު އަކީ ހަރުދަނާ ކާވެންޏެއްގެ ޒިންމާ ނެގޭ ކަހަލަ ކުއްޖެއްކަމުގައި ސަލީމާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެކައިވެންޏަށް އެދި ޝިރުމީނާ ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދޭކަށް ކައިފްއަކަށް ނުކެރުނެވެ.

އެންމެ ފަހުން ހަމަސް ފަހުން ކައިވެނިކުރުމަށް ކައިފް އެއްބަސްވިއެވެ. ހަނާނު އިނީ ކައިފް އެދުނު މުއްދަތު ދިގުކަމުން ފޫހިވާ ގޮތްވެފައެވެ. އޭނާ ބޭނުންވަނީ އެކާވެނި ވީހާވެސް އަވަސް ކުރުމަށެވެ.

ގަޑިން ރޭގަނޑު ބާރަ ޖެހުމަކާ ގާތްވަނީއެވެ. ސަލީމާއިނީ ފުންނިންޖެއްގެ ތެރެއަށް ގެނބިފައިވާ ބަލްޚާގެ ތުނި މޫނަށް ބަލަހައްޓައިގެންނެވެ. އެ ހަމަ ހިމޭން ނިދިން ހޭލައި ފަޅުވެފައިވާ އޭނާގެ ދިރިއުޅުމަށް ކުޑަވެސް ދިރުމެއް ގެނެސް ދިނުމަށް އެދި އެދިއެވެ. ސަކަ މިޒާޖާއެކު މުޅި ގޭތެރެއަށް އުފާވެރިކަން ފަތުރަމުންދިޔަ މި ރީތި އަންހެން ކުއްޖާއަށް މިފަދަ ނިކަމެތި ކަމެއް ތަޙައްމަލް ކުރަންޖެހުނީ ކީއްވެ ކަމެއްވެސް ނޭނގެއެވެ. ބަލްޚާއަކީ ސުކޫލުގައި ކިޔަވަން އުޅުނު އިރު މުޅި ކުލާހުގައިވެސް ފާހަގަކޮށްލެވޭފަދަ މޮޅު އަޚުލާޤު ރަނގަޅު އަންހެން ކުއްޖެކެވެ. ކުޑައިރުންސުރެ ދެކެމުންދިޔަ މުއްސަނދި ދިރިއުޅުމުގެ އާދަތަކަށް ހޭނި ބޮޑާވެ ކިބުރުވެރި ވުމަކީ ބަލާޚާގެ ގޮތެއްނޫނެވެ. ޒުވާން ފުރާވަރަށް އަރައިގެން އައި އިރު ބަލްޚާގެ ރީތިކަމާމެދު ޝިރުމީނާގެ ހިތުގައި ބަލްޚާއާމެދު ނަފުރަތު އުފެދެމުންދިޔައެވެ. މިރީތި އަނހެންކުއްޖާ ބޮޑުވެ ކައިވެންޏެއްކުރާ ޢުމުރަށް އެޅުމުން ބަލްޚާގެ ކައިވެންޏަށް އެދިގެންއަންނާނެ މީހުންގެ ޤަދަރުވެރިކަމާމެދު ވިސްނައި އޭނާގެ ހިތް ބަލްޚާއާއި ސަލީމާ އާ ދޭތެރޭ ކިލަނބުވަމުންދިޔައެވެ. ޝިރުމީނާ އެގެއަށް އައުމަށްފަހު ލިބެމުންދިޔަ ވަރަށްވެސް ގާދިރުގެ ފުށުން ސަލީމާމެންނަށް އަޅާލުން ލިބުން ހުއްޓިގެން ދިޔައީ އެމީހުންނާމެދު ޝިރުމީނާގެ ހިތުގައި އތް ހަސަދަވެރިކަމެއްގެ ބޮޑުކަމުންނެވެ.

ފުން ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ދަނިކޮށް ކޮޓަރީގެ ދޮރުހުޅުވާލިއަޑަށް އޭނާ ފަސް އެނބުރި ބަލައިލިއެވެ. ކައިފް އައިސް ސަލީމާ ނިދާ އެނދުގައި އޮށޯވެލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"ބޮޑު މަންމާ ! މަންމަމެން އަޅުގަނޑުގެ ކާވެނި ހަމަޖައްސަވައިފި. ބޮޑުމަންމައަށް ހީވޭތަ ހަނާންއަކީ ކާވެނި ކުރަން ރަނގަޅު ކުއްޖެއްހެން؟" އެނދުން ތެދުވެ އިށީނދެލަމުން ކައިފް ބުނެލިއެވެ.

"ތިކަން އެނގިއްޖެ! ދަރިފުޅުގެ މަންމަގެ ނިންމުމާ ދެކޮޅަށް އެއްޗެއް ބުނާކަށް ނެތީން. އެކަމަކު ކާވެންޏަކީ ވަރަށް ހަރުދަނާކަމާއެކު އަޅާ ފިޔަވަޅަކަށް ވާންވާނީ. ތިމާ ލޯބި ނުވާ މީހަކާ އެކު އުޅުމަކީ އަމިއްލަ ދިރިއުޅުމަށާއި ކާވެނިވެވޭ އަންހެންކުއްޖާގެ ދިރިއުޅުމަށްވެސް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް."

ކައިފްގެ ގާތުގައި އިށީނދެލަމުން ސަލީމާ ލޯތްބާއެކު ބުނެލިއެވެ.

***

 

ޝައިލީންއާއި ޒަހުރާ ތިބީ ކެފޭއެއްގައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމުގައެވެ. އެއީ ޒަހުރާއަށް ވަޒީފާ ހަމަޖެހުމުގެ އުފަލުގައި އޭނާދޭ ހެނދުނުގެ ނާސްތާއެކެވެ. ދެ މީހުން ތަފާތު ދުނިޔަވީ ވާހަކަތަކުގައި ހީސަމާސާ ކުރަމުން ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ޝައިލީންގެ ފޯނަށް މެސެޖެއް އައީ އެވަގުތުއެވެ. އެއީ ކައިފްގެ މެސެޖެކެވެ. ބާއްޖަވެރި ހެނދުނަކަށް މަރުހަބާކިޔަމުން، މެންދުރުގެ ކެއުމަކަށް ދަޢުވަތު ދީ ފޮނުވާފައިވާ އެމެސެޖުގެ ފަހަތުގައި ހިތެއް ޖަހާފައިވެއެވެ.

ޒަހުރާއަށް އެމެސެޖު ދައްކާލަމުން ޝައިލީން ބުމަ އަރުވާލިއެވެ. ޒަހުރާގެ ހިތުގައި އަނދައިގަތް ހަސަދައިގެ އަލިފާނާއެކުވެސް އޭނާ ހިނިތުންވެލިއެވެ.

"އޭނާ ސެޓްކޮށްލީތަ؟ ދެން ޖަނާހުއަށް ވާނީ ކިހިނެތް؟ އޭނާ އަދިވެސް ޕްރޮޕޯޒް ނުކުރޭތަ؟" ޒަހުރާ ޝައްކުގެ ބެލުމަކުން ބަލާލަމުން ޝައިލީންއާ ސުވާލުތަކެއް ކުރިމަތިކުރުވިއެވެ.

"ތިހެން ބުނީމަ މިހަނދާންވީ؟ މަށަށް ހީވި ކުރިން ދުވަހަކު ޖަނާހުގެ ކާރުން ޒަހޫ ފެނުނުހެން. ގުޅީމެއްނު. އެއީ ހަމަ ޒަހޫއެއް ނޫންތަ؟" ޝައިލީންގެ އެސުވާލާއެކު ކޮންމެވެސް ވަރަކަށް ޒަހުރާ ހިމޭންވިހެން ޝައިލީންއަށް ހީވިއެވެ.

"ކިތައްފަހަރު ބުނަންވީ މަށެއް ނޫނޭ އެއީކީ!" ހަމަޖެހޭގޮތް ދައްކަމުން ޒަހުރާ ބުނެލިއެވެ.

ހަވީރު އޮފީސް ނިންމާލުމަށް ފަހު ޒަހުރާ ގެއަށް ވަދެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، އޭނާގެ އެނދުމަތީގައި އޮށޯވެގެން އޮތް ޖަނާހުއަށް ބަލާލަމުން އޭނާ ހިނިތުންވެލިއެވެ. މައިންބައިންގެ އަޅާޅުން ކުޑަކަމުން، ހިލޭ ފިރިހެނުންނަށް ޒަހުރާގެ ކޮޓަރިން ކިޔާ މަރުހަބާތަކުގެ ޚަބަރު އެމީހުންނަށް އެނގުނަސް އެކަމަށް އެމީހުން މާބޮޑު ސަމާލުކަމެއްނުދެއެވެ. ޖަނާހުގެ ފަރާތުން އެނިކަމެތި އާއިލާއަށް ލިބޭ އެހީތެރިކަމުގެ ސަބަބުން އެމީހުންގެ ރުހުން ޖަނާހުއަށް އިންތިހާއަށް ލިބިފައިވެއެވެ.

"ތިހެން އައިސް ހިލޭ އަންހެނެއްގެ ކޮޓަރިތެރޭއޮއްވަ ކުރިންވެސް ޖަނާހުއަށް ލަނޑު ލިބުނީދޯ؟ ބިރެއްވެސް ނުގަނޭތަ؟" ޒަހުރާ ދަބަސް ކޮޓަރީގެ މޭޒުމަތީގައި ބާއްވަމުން ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.

"ކޮން ބިރެއް!" ޖަނާހު ޔަގީންކަމާއެކު އެހެން ބުނެލަމުން ޓީވީ ހުޅުވާލިއެވެ.

"ހޫމް. ތިއެއް ނޫނޭ. އަހަރެމެން އިންތިޒާރުކޮށްގެން ތިބި ދުވަސް އަތުވެއްޖެ. ހުރިހާ ކަމެއް ނިންމަން މިއީ އެންމެ ރަނގަޅު ވަގުތު. އަވަހަށް ޝައިލީންއަށް ޕްރޮޕޯޒްކުރޭ!"

ބުރުހަމަ ސާދަ ވިލޭރޭގެ ރީތި ހަނދު ފަލަކުގައި ރަނިކަންކުރަމުންދަނީއެވެ. އަމާންކަމާއި ހާމަކަމާއެކު ވަށައިގެންވާ ތަރިތަކުގެ މެދުގައި ހަމަޖެހިލައިގެން އިން ހަނދަށް ކޮންމެ މީހަކުވެސް ބަލަނީ އިހުތިރާމާއެކު ދަހިވެތި ނަޒަރަކުންނެވެ. އިންސާނީ ލޯތަކުގެ މި ދަހިވެތި ނަޒަރަށް ކެހިދިނުމަށްފަހު އިސާހިތަކު އުޑުމަތީގައި ފަތުރާލި ކަޅު ބޯވިލާތަކުގެ ފަރުދާއާއެކު ހަނދުވެސް އެ ވިލާތަކުގެ ފުރަގަހުގައި ނިވާވެލައިފިއެވެ. އެއާއެކު ވެހިގަތް ވާރޭގެ ތިކިތަކުން މުޅި ބިން ތެތްމަންފެށުމުން ވެހެންފެށިވާރެއިން ސަލާމަތްވުމަށް ޝައިލީންއާއި ޖަނާހު ވެސް އަސްކަންޏެއްގެ ދަށަށް ވަދެއްޖެއެވެ.

އަސްކަނިން ފައިބަމުންދިޔަ ވާރޭގެ ތިކިތަކާއެކު ޝައިލީންގެ ހިތުގައި އަރީންގެ ހަނދާންތައް އަނެއްކާވެސް އާވެލައިފިއެވެ.

ޝައިލީންގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލަމުން ޖަނާހުގެ ގާތަށް ޝައިލީން ދަމާލީވެސް އެވަގުތުއެވެ. އަރީންއަކީ އޭނާއަށް ފެނުނު ހުވަފެނެއްކަހަލައެވެ. އެމޫނުގެ ތަސްވީރު އޭނާގެ ހިތުގައި ކުރެހިފައި ނުވިޔަސް އެރޭ އަރީންގެ ފަރާތުން ކުރިމަތިވި "ޖެއްސުންކުރުން" ފޮނި ހަނދާނެއްގެ ގޮތުގައި އޭނާގެ ހިތުގައި ރައްކާކުރެވިފައިވެއެވެ. އެވަގުތު އެ އަސްކަނި ދަށުގައި ތިބި އެހެން މީހުންނަށް ބަލާލަމުންޝައިލީން ޖަނާހުއާ ދުރައްޖެހިލިއެވެ.

އެއްކަކޫ މައްޗަށް ވާގޮތަށް ޝައިލީންގެ ކުރިމަތީ އިށީންދެލަމުން ޖީބުން އަލިމަހުގެ އަނގޮޓިއެއްނަގައި ޖަނާހު ޝައިލީންގެ ކިބައިން ކައިވެންޏަށް އެދުނީވެސް އެ ވަގުތުއެވެ. އޭނާގެ ކައިވެންޏަށް ޖަނާހު މިކަހަލަ ފިލްމީ ގޮތަކަށް އެދިދާނެކަމަކަށް އޭނާ އުއްމީދެއްނުކުރެއެވެ. (ނުނިމޭ)