މެޗުން މޮޅުވެ ޕޮއިންޓްގެ ގޮތުން ޗެލްސީއާ އެއްވަރު ކުރުމުގެ އަމާޒުގައި ނިކުތް އާސެނަލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވެ އެވަޓަން އިން އާސެނަލް ސައިޒު ކޮށްފި އެވެ.
މެޗް ފެށިގެން 20 ވަނަ މިނެޓްގައި އާސެނަލްގެ އެލެކްސިސް ސަންޗޭޒް ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމަށް ލީޑް ނަގައިދީފަ އެވެ. ސަންޗޭޒް ޖެހި ބޯޅަ ގޯލަށް ވަނީ އެވަޓަންގެ ޑިފެންޑަރު އެޝްލީ ވިލިއަމްސްގެ ފައިގައިޖެހިފައި އޭނާގެ ދެފައި ދޭތެރެއިންނެވެ. އެހެންކަމުން އެބޯޅަ ދިޔަ ގޮތުން އެވަޓަންގެ ކީޕަރު ސްޓެކްލަންބާގަށްވެސް އެބޯޅަ ދިފާއު ކުރަން ހަރަކާތް ކުރެވުނީ ނުބައި ފަޅިއަކަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ލޭޓަން ބެއިންސް ހުރަސްކޮށްދިން ބޯޅަ އަކުން ސޮލަމަން ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެވަޓަން މެޗުން މޮޅުކޮށްދިން ލަނޑު، ރޮސް ބާކްލީ ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން ކަމިޔާބު ކުރީ އެޝްލީ ވިލިއަމްސް އެވެ.
މެޗްގެ 93 ވަނަ މިނެޓްގައި އެވަޓަންގެ ފިލް ޖަގިއެލްކާ ކުރި ކުށަކާ ގުޅިގެން މެޗްގެ ރެފްރީ މާކް ކެލަންޓަންބާގް ވަނީ އޭނާ އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ރޭ ކުޅުނު އަނެއް މެޗްގައި އެންމެ ފަހުން މެންޗެސްޓާ ސިޓީ ބަލި ކުރި، އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސީޓީ ވަނީ ބޯންމައުތު އަތުން 1-0 ން ބަލިވެފަ އެވެ.
ލީގްގެ މި ހަފުތާގެ އެންމެ ފޯރިގަދަ މެޗްތައް އޮތީ މިރޭ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީ ސަންޑަލޭންޑް ކުޅޭ މެޗާއި ތިން ވަނައިގައި އޮތް ލިވަޕޫލް، މިޑްލްސްބަރާއާ ދެކޮޅާށް ކުޅޭ މެޗާއި ކްރިސްޓަލް ޕެލަސް އާއި މެންޗެސްޓާ ޔުނައިޓަޑް ކުޅޭ މެޗުގެ އިތުރުން މެންޗެސްޓާ ސީޓީއާ ވޮޓްފާޑް ކުޅޭ މެޗް ފާހަގަ ކޮށްލެވެ އެވެ.
މިރޭގެ މެޗުން ޗެލްސީ މޮޅުވެއްޖެނަމަ އެ ޓީމަށް ތާވަލުގެ ކުރީގައި 40 ޕޮއިންޓް އާއެކު ހަ ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.