ކެމެރާތައް އަމާޒުވީ ލިވަޕޫލްގެ ގޯލަށެވެ. އެންމެ ފަހުން ކުޅުނު ދެ މެޗު ގައި ހެދުނު ފީކަޅާ މިސްޓޭކްތަކުގެ ސަބަބުން ޖަރުމަންގެ ކީޕަރު ލޮރިސް ކެރިއަސްގެ ބަދަލުގައި ކުރީގެ އެއް ވަނަ ކީޕަރު ސިމޯން މިނިއޮލޭ ފުރަތަމަ އެގާރައިގައި ކުޅެން ނެރުނު ލިވަޕޫލްގެ ވާހަކަ ބަދަލު ކޮށްލީ މެޗުގައިި އެޑަމް ލަލާނާ ޖެހި ދެ ލަނޑާއެކު މިޑިލްސްބަރާގެ މައްޗަށް ލިވަޕޫލް 3-0 ން މޮޅުވެ ތާވަލުގެ ދެ ވަނަ އަށް އެރުމުންނެވެ.
އެއް ވަނައިގައި އޮތް ޗެލްސީގެ ފަހަތުގައި ވިއްދުމުގެ ފުރުސަތު ލިވިޕޫލަށް ލިބުނު ނަމަވެސް، ފުރަތަމަ އެގާރަގައި ކުޅެން ނިކުތް ސެސް ފެބްރިގާސް ސަންޑަލޭންޑް ކޮޅަށް ޖެހި ހަމައެކަނި ލަނޑާއެކު ޗެލްސީ ވަނީ 40 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.
އަމިއްލަ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ލިވަޕޫލަށް މެޗްގެ 29 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ ލަލާނާ އެވެ. ދެ ވަނަ ލަނޑު 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިވިކް އޮރިޖީއެވެ. ލަލާނާ އޭނާގެ ދެ ވަނަ ލަނޑު ޖެހީ އޭގެ އަށް މިނެޓް ފަހުންނެވެ.
އެންމެ ފަހު ދެ މެޗްގައި ކެރިއަސް އަށް ހެދުނު މިސްޓޭކްތަކުގެ ސަބަބުން ލިވަޕޫލަށް މެޗްގައި ނަތީޖާ ނުނެރެވުމުން، އޭނާއަށް އަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭތީ ލިވަޕޫލްގެ ކޯޗް ޔާގަން ކޮލޮޕް އަށް ވަނީ އިންތިހާ އަށް ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ބެންޗްގައި އިނދެގެން މެޗް ބެލުމުގެ ހާލަތައް ކެރިއަސް ގެންދިޔައީ އާންމުންގެ ފާޑު ކިޔުމާ ހެދި ނޫން ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
"ޕަބްލިކުން ކުރާ ޕްރެޝަރަކަށް އަހަރެން ޝައުގުވެރިއެއް ނުވޭ. އަހަރެން އޭނަ (ކެރިއަސް) އާ މެދު ޝައުގުވެރިވޭ. އޭނާ އެ ހާލަތަށް (ބެންޗަށް) ގެންދިޔައީ އެއްވެސް ސަބަބެއް އޮވެގެނެއް ނޫން." ކެރިއަސް ބެންޗަށް ބަދަލު ކުރި ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން ކްލޮޕް ބުންޏެވެ.
"ނިމޭއިރު މިސްޓޭކެއް ހެދިދާނެ. އެއީ މިސްޓޭކަކީ އޮންނަ ކަމެއް. އޭނާ (ކެރިއަސް) އެ ހާލަތައް ގެންދިއުމުގައި އެއްވެސް ސަބަބެއް ނެތް އަދި ހާއްސަ ކޮށް ސިމޯން މިނިއޮލޭ ކަހަލަ ކީޕަރެއް ހުންނައިރު ކެރިއަސް ބެންޗަށް ބަދަލު ކުރުމަކީ އެކަމުގައި އެހެން ސަބަބެއް އޮންނާންވީ ކަމެއް ނޫން."
ފެބްރިގާސް 40 ވަނަ މިނެޓްގައި ޖެހި ލަނޑާއެކު ރޭގެ މެޗަކީ ލީގްގައި ޗެލްސީ ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ.
"އަހަރެން މި ހުރީ ވަރަށް ބޮޑަށް އުފަލުން. އެއީ ޕްރިމިއާ ލިގްގައި ޖެހިޖެހިގެން 10 މެޗުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން. މެޗްގައި އަހަރެމެންނަށް ހަމަޖެހިލައިގެން ތިބެވޭ ގޮތެއް ނުވި. އެއީ މެޗް އެއްވަރު ކުރުމުގެ ބޮޑު ފުރުސަތެއް ސަންޑަލަންޑަށް އޮތް." ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
ރޭ މެޗަކީ ފުރަތަމަ 11 ގައި ހިމެނިގެން ފެބްރިގާސް ކުޅެން ނިކުތް ތިން ވަނަ މެޗެވެ. ފެބްރިގާސް އަށް ފުރަތަމަ 11 އިން މަދުން ފުރުސަތު ދޭ ސަބަބާ ބެހޭގޮތުން އެހުމުން، ސަމަސާ ރާގެއް ގައި ކޮންޓޭ ބުނީ "މޮޅު ފެބްރިގާސް އާއި ކުޅުންތެރިންގެ ޝަކުވާއެއް ނޯންނާނެ" ކަމަށެވެ.
"އަހަންނާއި އަހަރެންގެ ކުޅުންތެރިން މި ކުރަނީ ވަރަށް މުހިންމު ކަމެއް. މި ލީގް ވަރަށް އުނދަގޫ. ލީގް ތަށި މިއޮތީ ހަ ޓީމުގެ މެދުގައި."
ރޭ ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެންޗެސްޓާ ޔުނައިޓަޑްގެ މެޗް 1-1 އިން އެއްވަރުވާން ދަނިކޮށް ފަހަ ވަގުތު ޒްލަޓާން އިބްރަހިމޮވިޗް ކާމިޔާބު ކުރި ލަނޑުން މޮޅުވެ ޔުނައިޓަޑަށް ވަނީ ހަމަ ޖެހުމެއް އައިސްފަ އެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި މެން ޔޫ އަށް ލީޑް ނަގައިދިނީ ޕޯލް ޕޮގްބާ އެވެ. ކްރިސްޓަލް ޕެލަސް އަށް މެޗުގެ 66 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޭމްސް މެކާތާ އެވެ.
މެޗްގެ 88 ވަނަ މިނެޓްގައި އިބްރަހިމޮވިޗް މެން ޔޫ އަށް ލީޑް ނަގައިދިން ލަނޑަކީ ލީގްގައި އޭނާ ޖެހި އަށް ވަނަ ލަނޑެވެ. ނަމަވެސް ޒަލްޓާން އަށް އަދިވެސް މެންޔޫގައި އޭނާގެ އަމިއްލަ ނުފޫޒެއް އުފެއްދިފައެއް ނުވެ އެވެ.
"އަހަރެން އޭނާ (އިބްރަހިމޮވިޗް) ގާތު ބުނިން ޗުއްޓީއަށް ވިސްނަންޏާ މިއީ އެންމެ ރަނގަޅު ލީގެއް ނޫނޭ ކުޅޭކަށް." މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުންޏެވެ.
"މުއްސަނދި މީހަކަށް އޭނާ ޗުއްޓި ހޭދަ ކުރާނެ ގޮތްތައް ހުއްޓައި އަަދި އޭނާގެ ކެރިއާ އަކީ ކާމިޔާބު ކެރިއާ އެއް ނަމަ އޭނާ ނާންނާނެ އިނގިރޭސި ލީގްގައި ކުޅޭކަަށް. މިއީ ދުނިޔޭގެ އެންމެ އުނދަގޫ ލީގް. އެހެންވެ އެމީހެއްގެ ފެންވަރު ސާބިތުކޮށް ދޭން ޖެހޭނެ. އެއީ އޭނާ (އިބްރިހިމޮވިޗް) ކުރާ ކަމަކީ. އެއީ ހަމައެކަނި ގޯލް ޖަހައިގެން ކުރެވޭ ކަމެއް ނޫން. އެއީ އެ ކުޅުންތެރިއެއްގެ ލީޑާޝިޕާއި މޯޓިވޭޝަންގެ މައްޗަށް ބިނާވާ ކަމެއް. އަހަރެން ވަރަށް އުފާވޭ (އިބްރަހިމޮވިޗް) ގެ މަސައްކަތާ މެދު. އަަހަންނަށް އެނގޭ އޭނާގެ ކެރެކްޓާ އަދި އެ އުމުރުގައި އޭނާ ވަރުގަދަ ޝަހްސިއްޔަތެއް. އެއީ އޭނާގެ އެބަހުރި ހުނަރާއި ޕެޝަން."
ރޭ މެންޗެސްޓާ ސިޓީ އާ ޓޮޓަންހަމްވެސް ވަނީ އެ ދެ ޓީމު ކުޅުނު މެޗްތަކުން މޮޅުވެފަ އެވެ. ވޮޓްފަޑް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ. ހަލް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗް ޓޮޓަންހަމް ކާމިޔާބު ކުރީ 3-0 އިން ނެވެ.