ބޭރު ކުޅިވަރު

ޒިދާންގެ ރެއާލް އަނެއްކާވެސް ބޮޑު ތައްޓަކާ ދިމާލަށް

Dec 15, 2016
1

ކްލަބް ވޯލްޑް ކަޕްގައި ކަރިމް ބެންޒެމާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުތަކުން 2-0 އިން މެކްސިކޯގެ ކްލަބް އެމެރިކާ ބަލިކޮށް މި އަހަރު ތެރޭގައި އަނެއްކާވެސް ޒައިނުއްދީން ޒިދާންގެ ރެއާލް މެޑްރިޑަށް މުހިންމު ތައްޓެއް ލިބުމުގެ ދޮރު ހުޅުވިއްޖެ އެވެ.

ޖަޕާނުގެ ޔޮކަހާމާގެ ނިސާން ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރެއާލް ގެ ފުރަތަމަ ލަނޑު ބެންޒެމާ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިތުރަށް ކުޅުނު ދެ މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައެވެ.

މެޗުގައި މީޑިއާއާ ސަޕޯޓަރުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުވީ މި ހަފުތާގެ ކުރީ ކޮޅު، ކެރިއަރުގައި ހަތަރު ވަނަ ބެލަންޑޯ އެވޯޑް ހޯދި ރޮނާލްޑޯއަށެވެ. އޭނާގެ ހުނަރަށް ކެތްމަދުވެފައި ތިބި ސަޕޯޓަރުންނާއި ފޭނުންނަށް އުފާވެރިކަމެއް ބަންޑުންވީ މެޗްގެ ނިމެން ދެތިން މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ކާމިޔާބުކޮށް ދިން ލަނޑުންނެވެ.

އޭގެ ކުރިންވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ބެލަންޑޯ އެވޯޑް ވިނާ އަށް ލިބިގެން ދިޔައެވެ. އޭގެ ތެރެއިން އެއް ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.

ބެލަންޑޯ އެވޯޑް ލިބި ރޮނާލްޑޯ އަށް ސަމާލުކަން ހުއްޓުނު ނަމަވެސް މެޗްގެ ހީރޯ އަކީ ހަގީގަތުގައި ލުކަ މޮޑްރިޗެވެ. މިއީ އޭނާ ކުލަބު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.

މީގެ ދެ އަހަރު ކުރިން ރެއާލް މި މުބާރާތް ކާމިޔާބު ކުރި ނަަމަވެސް، މުބާރާތުގެ ކުރިން އޭނާ އަށް ލިބުނު އިންޖަރީގެ ސަބަބުން ކުޅެފައެއް ނުވެއެވެ.

މެދުތެރޭގައި މޮޑްރިޗް ދެއްކި މޮޅު ކުޅުމުގެ ސަބަބުން، ކުލަބު އެމެރިކާ އަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މޮޑްރިޗްގެ އިތުރުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މާސެލޯ ވެސް ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ލަނޑު ޖަހަން ބެންޒެމާ އަށް ފުރުސަތު ތަނަވަސް ކޮށްދިން ޓޯނީ ކްރޫޒްގެ ބަދަލުގައި ކުޅެން އެރި ހަމޭސް ރޮޑްރިގޭޒް ވަނީ ރޮނާލްޑޯ އަށް ދެ ވަނަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފައެވެ. އަދި މި ސީޒަންގައި ރެއާލްގައި އެންމެ ގިނަ އެސިސްޓް ފޯރުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑާއެކު ހަމޭސް ވަނީ މި މެޗުގައި އެހެން ރެކޯޑެއް ވެސް ފުރިހަމަކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގް ކުޅުުންތެރިންގެ ތެރެއިން މި ސީޒަންގައި ތަފާތު ހަތަރު މުބާރާތެއްގައި އެސިސްޓް ކޮށްދިން ކުޅުންތެރިޔާގެ ޝަރަފެވެ.

މެޗުން ކުލަބު އެމެރިކާ ބަލިވުމާއެކު، އަށް މެޗަށް ފަހު ފުރަތަމަ ފަހަރަށް އެޓީމު މެޗަކުން ބަލިވީއެވެ. އަދި މިއީ ޒިދާންއާ އެކު ރެއާލް ބަލި ނުވެ ފުރިހަމަ ކުރި 36 ވަނަ މެޗެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލް މެޗްގައި ރެއާލް ބައްދަލު ކުރާނީ ޖަޕާނުގެ ކަށިމާ އެންޓަލާސްއާ ދެކޮޅަށެވެ. ފައިނަލް މެޗް އޮންނާނީ އާދިއްތަ ދުވަހު ރާއްޖޭ ގަޑިން މެންދުރު ފަހު 3:30 ގައެވެ. އެދުވަހު މެންދުރު 12 ޖަހާއިރު ތިން ވަނަ ހޮވާ މެޗްގައި ކުލަބު އެމެރިކާ ބައްދަލު ކުރާނީ ކޮލަމްބިއާގެ އެތުލެޓިކޯ ނެޝަނަލްއާ ދެކޮޅަށެވެ.