ރިވިއު

ބައިވެރިޔާ: މިއީ މަޖާ، ތަފާތު ފިލްމެއް

ޔޫސުފް ޝަފީއު (ޔޫއްޕެ)އަކީ މިހާތަނަށް ދިވެހި އެއްވެސް ފިލްމީ ތަރިއަކަށް ރާއްޖޭގައި ނުލިބޭހާ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ތަރިއެކެވެ. އޭނާގެ މޮޅު އެކްޓިންއަށް މަރުނުދޭ މީހަކު ނެތެވެ. އިއްޔެ ރޭ އޮލިމްޕަހުން ވެސް އެކަން ފެނިގެން ދިޔަ އެވެ. ސްޓޭޖަށް އެރުމަށް ޔޫއްޕެއަށް ގޮވާލުމުން މުޅި އޮލިމްޕަސް ތަރުހީބު އަޑުން ގުގުމާލި އެވެ.

މިފަހަރު އޮލިމްޕަސް ސްޓޭޖަށް އެރީ އޭނާގެ މަޝްހޫރު ރޮމޭންޓިކް އެކްޓިން ނޫނީ ނުބައި ރޯލެއް ދައްކާކަށް ނޫނެވެ. މުޅިން އެހެން ރަހައެއް ދެއްކުމަށެވެ. އޭނާ މިފަހަރު ބޭނުންވީ އޮލިމްޕަސް ރޮއްވާލުމުގެ ބަދަލުގައި ހެއްވާލާށެވެ. ސްޓޭޖަށް އެރީ "ނުހީ ނުތިބެވޭނެ" ކަމަށް ބުނަމުންނެވެ. ފިލްމް "ބައިވެރިޔާ" އާއެކު އެވެ.

"ބައިވެރިޔާ" ގޮވައިގެން ހެއްވާލަން ސްޓޭޖަށް އެރި ޔޫއްޕެއަށް އެކަން ހާސިލުވިތޯ އުފެދޭ ސުވާލާއެކު އޭނާގެ ފިލްމުގެ ރިވިއު ކޮށްލާނަމެވެ. އެކަމަކު އެންމެ ފުރަތަމަ ފިލްމުގެ މެއިން ކާސްޓް އަދި ކްރެޑިޓްސް އެވެ.

  • އަހުމަދު އަޒްމީލް (ޔާނިޝް)
  • މަލީހާ ވަހީދު (އިވްރިޝާ)
  • ޔޫސުފް ޝަފީއު (ވެރާޝް)
  • ޝީލާ ނަޖީބު (ރިޔާޝާ)
  • މުހައްމަދު ފައިސަލް (ބައްސާމް)
  • ނާޝިދާ މުހައްމަދު (ނޫރާ)
  • އަހުމަދު ސައީދު (ޖާނޫ)
  • އަހުމަދު ސުނީ (ވާފިރު)
  • ހުސެއިން ޝިބާއު (ނާސިރު)
  • ޑައިރެކްޓްކުރީ: ޔޫސުފް ޝަފީއު (ޔޫއްޕެ)
  • ޕްރޮޑިއުސަރު: ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީއު
  • ކޮންސެޕްޓް: ޔޫއްޕެ، އިސްމާއިލް ޝަފީއު އަދި ފައިސަލް
  • ވާހަކަ އަދި ސްކްރީންޕްލޭ: ޔޫއްޕެ
  • ސިނެމެޓޯގްރެފީ: މާސްކޭ
  • މޭކަޕް: ޖުމައިހް
  • ކޮސްޓިއުމް ޑިޒައިން: ސޭންޑީ
  • ފިލްމު އެޑިޓިން: ޔޫއްޕެ
  • ފިލްމުގެ ދިގުމިން: 2 ގަޑި އިރާއި 30 މިނެޓް
  • ސްޓޫޑިއޯ: އެންވިޝަން އެންޓަޓައިންމަންޓް

މި ފިލްމުގައި ވަނީ ކިހިނެތް؟

މި ފިލްމަކީ ތިން އެކުވެރިއެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ފިލްމެކެވެ. އެއީ، ޔާނިޝް (އަޒޭ) އާއި ވެރާޝް (ޔޫއްޕެ) އަދި ބައްސާމް (ފައިސަލް) އެވެ.

ޔާނިޝްއަކީ އޮފީހެއްގައި ވަޒީފާ އަދާކުރާ، މާލޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ ޒުވާނެކެވެ. އޭނާ ދިރިއުޅެނީ ޖާނޫ (ސައީދު)ގެ ގެއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ވެރާޝްއަކީ މަޝްހޫރު ޕްރޮޑިއުސަރެކެވެ. ބައްސާމަކީ ހަަމައެހާ މަޝްހޫރު ޑައިރެކްޓަރެކެވެ. ތިން މީހުންގެ ވަރުގަދަ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއަށް އަންނަނީ އަންހެން ކުއްޖެކެވެ. އެއީ އިވްރިޝާ (މަލީހާ) އެވެ. އޭނާ މާލެ އަންނަނީ ބޭބެ (ސުނީ)އަށް ފިލައިގެން ފިލްމް ކުޅޭށެވެ.

ފިލްމް ފެށުމާއެކު ހާއްސަ ފެނިލުމެއްގައި ސައީދުގެ އަސްލު އަންހެނުން ފާތިމަތު އަޒީފާ (އަޒޫ) ފެނިގެންދެ އެވެ. މަޝްހޫރު ފިލްމީ ތަރި ސަޖުނާގެ ރޯލުން އަޒޫ ފެނިގެންދިޔައިރު ފިލްމްގައި އޭނާ ޔާނިޝްއާ ކައިވެނިކުރެ އެވެ. ވަރަށް ހިތްގައިމު ލަވައަކަށްފަހު އެނގިގެން ދަނީ ނުވަ މަސް ނުވަނީސް އެ ކައިވެނި ރޫޅިގެންދާ ކަމެވެ. އެ ކައިވެނި ރޫޅިގެން ދިޔުމާއެކު ފިލްމީ ތަރިން ދެކެ ޔާނިޝް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެއިން މީހަކު ހިނގާ ފިޔަވަޅެއް މަތީ ފިޔަވަޅު ވެސް ނާޅަ އެވެ.

މިހެން ހުއްޓާ، ޔާނިޝް ދިރިއުޅޭގެ ޖާނޫގެ ގޭގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އިވްރިޝް އެ ގެއަށް އާދެ އެވެ. ފިލްމް ފެށިގެން ދަނީ އެ ހިސާބުންނެވެ.

ސްޕޮއިލާ އެލާޓް!

ފިލްމް ކުޅެން ފެން ބޮވައިގެންފައި ހުރި އިވްރިޝާ ޗާންސެއް ހޯދުމަށް އެންމެ ފުރަތަމަ ދަނީ ވެރާޝްގެ ގެއަށެވެ. ވެރާޝްއާ ދިމާވާ ގޮތްނުވެ އޭނާއާ ބައްދަލުވަނީ ވެރާޝްގެ އަންހުނުން ރިޔާޝާ (ޝީލާ)އާ އެވެ. ނޫނެވާ އެއީ ޒީލަގަދަ އަންހެނެކެވެ. ފިރިމީހާ އެހެން އަންހެނަކާ ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަށް އެ ގެއަށް އިވްރިޝާ ނުވައްދަ އެވެ. އިވްރިޝާ ބޭރުގައި ހުއްޓައި ބައްސާމްއަށް އެގެއަށް އާދެވެ އެވެ. ބައްސާމްއަށް ހީކުރެވެނީ އެއީ ވެރާޝްގެ ކޮއްކޮ ކަމަށެވެ.

ދެން އިވްރިޝާ ފިލްމަކުން ޗާންސެއް ހޯދަން ދަނީ ބައްސާމް ގާތަށެވެ. ވެރާޝްގެ ކޮއްކޮ ކަމަށް ހިތާ ވަރަށް ފަސޭހައިން ބައްސާމް ފުރުސަތު ދޭން ވެސް އެއްބަސްވެ އެވެ. އެކަމަކު ވެރާޝްގެ ކޮއްކޮ ފިލްމް ކުޅުން މަނާކޮށްފައިވާކަން ބައްސާމަށް އެނގެ އެވެ. ޗާންސް ނުލިބިދާނެތީ އިވްރިޝާ ދޮގުތަކެއް ހަދަ އެވެ. އެއީ ވެރާޝްގެ ކޮއްކޮ ކަމަށް ބުނެ އޮޅުވާލަ އެވެ. އަދި ބޭބެއާ ސިއްރުން އެ ފިލްމުގެ މަސައްކަތް ކުރުމަށް އެދެ އެވެ. ބައްސާމް، އިވްރިޝާގެ މަޅީގައި ވަރަށް ފަސޭހައިން ޖައްސާލި އެވެ.

އެއް ގޭގައި އުޅުނަސް ޔާނިޝް އާއި އިވްރިޝާ ދިޔައީ "ހަނގުރާމަ" ކުރަމުންނެވެ. އެންމެ ސަބަބެއް އޮތުމުންނެވެ. އިވްރިޝާ ފިލްމު ކުޅެން ބޭނުންވާތީ ޔާނިޝް ފޫހިވަނީ އެވެ. ޔާނިޝް، އިވްރިޝާއާމެދު ދެކޭ ގޮތް ބަދަލުވީ، ބައްސާމްއާއެކު އިވްރިޝާ ހުއްޓައި ފެނި، އެއީ ވެރާޝްގެ ކޮއްކޮ ކަމަށް ބުނުމުންނެވެ. އަނެއްކާ ވެސް އަނެއް އޮޅުވާލުމެވެ. މިފަހަރު ޔާނިޝްއަށެވެ. އިވްރިޝާގެ މަޅި ފަތީގައި ޔާނިޝް ޖައްސާލީ، ބޭބެ ފިލްމު ކުޅުމާ ދެކޮޅު ހަދާތީ ވެރާޝްގެ ގޭގައި ނޫޅި، ކުއްޔަށް ކޮޓަރިއެއް ހިފައިގެން އުޅެނީ ކަމަށް ބުނެ އެވެ. އަސްލު ވެރޭޝްގެ ކޮއްކޮ ހުންނަނީ މެލޭޝިއާގައި ކިޔާވަށެވެ.

އެންމެ މަޖަލީ ޝީލާ އާއި ޔޫއްޕެގެ ޒުވާބުތައް

އިވްރިޝާގެ އޮޅުންވާލުންތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ވެރާޝްގެ ދަމަފިރިންނަށެވެ. ވަރަށް ލޯބިން އުޅެމުން އަންނަ ދެމީހުންގެ ދެމެދު ޝައްކުތައް އުފެދެ އެވެ. ވެރާޝް، އުޅެނީ އިވްރިޝާގެ ފަހަތުން ކަމަށް ރިޔާޝާއަށް ހީވާއިރު ވެރާޝްއަށް ހީވަނީ ރިޔާޝާ އާއި ބައްސާމްއާ ދެމެދު ގުޅުމެއް އޮންނަ ކަމަށެވެ.

އެހެން ދިމާވަނީ ބައްސާމް، އިވްރިޝާ ގެއަށް ޑްރޯޕްކޮށްދޭން އަންނަ ފެށުމުންނެވެ. ވެރާޝްގެ ކޮއްކޮ ކަމަށް ހީކޮށް ބައްސާމް އިވްރިޝާ ގޮވައިގެން އަންނަނީ ވެރާޝް ގެއަށެވެ. އިވްރިޝާ ހަދާ ގޮތަކީ ބައްސާމްއާއެކު އެ ގެއަށް ގޮސް، ބައްސާމް ދާ ދެން ފިލައި އޮވެ، އޭނާ ދިޔުމުން އެ ގެއިން ނިކުމެގެން ދަނީ އެވެ. ވަގަށް އިވްރިޝާ، ގެއިން ނިކުންނަ ތަން ފެންނަނީ ރިޔާޝާއަށެވެ. ބައްސާމް ސައިކަލްގައި ނައްޓާލާތަން ފެންނަނީ ވެރާޝްއަށެވެ.

މިކަންތައް ގަނޑުގެ ސަބަބުން ވެރާޝް އާއި ރިޔާޝާއާ ދެމެދު އަބަދުވެސް އޮންނަނީ ޒުވާބެކެވެ. އެކަމަކު އެ ޒުވާބު ވަރަށް ލޯތްބެވެ. ޒުވާބު ނިންމާލަނީ ވެސް "އައިލަވްޔޫ"އަކުންނެވެ. އަދި އެކަކު އަނެއްކަކަށް "ހޮއް ހޮއް" ވެސް ޖަހަ އެވެ.

ކޮންމެއަކަސް ފިލްމްގައި އެންމެ ބޮޑު މަޖާ ގަނޑަކަށް ވަނީ ޝީލާ އަދި ޔޫއްޕެގެ ޒުވާބެވެ. ފިލްމް ބެލި ގިނަ ބަޔަކު އެންމެ ގަދައަށް ހެއްވާލީ މި ދެ ތަރިންގެ ޒުވާބުންނެވެ. އެ ތަރިން އެ ރޯލު އަދާކޮށްފައިވާ ގޮތް ވަރަށް މޮޅެވެ. ޔޫއްޕެ މަޖާ ރޯލަތަކުން މަދުން ފެނިގެން ދިޔަސް އޭނާއަށް މިކަން ވެސް ވާނެކަން ވަނީ ސާބިތުކޮށްދީފަ އެވެ. ޔޫއްޕެ ވަރެއް ހަމަ ނެތެވެ. ހަމައެހެންވެ ޒީލަގަދަ ރޯލުތަކަށް ރާއްޖޭގައި އެންމެ ފައްކަލީ ޝީލާއޭ އަބަދު ވެސް ބުނެ އެވެ. އެކަން އޭނާ މިފަހަރު ވެސް ސާބިތުކޮށްދީފި އެވެ. ރިޔާޝާގެ ރޯލު އެއަށްވުރެ ފުރިހަމައަށް އެހެން މީހަކަށް ކުޅެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އޮޅުންބޮޅުން ގަނޑު!

ފިލްމްގައި އުފެދޭ އޮޅުންބޮޅުން ގަނޑާއެކު ޔާނިޝް އަދި ބައްސާމަށް ވެސް އިވްރިޝާ ދެކެ ލޯބިވެވެ އެވެ. ދެ މީހުން ވެސް ބައިވެރިޔަކަށް ހަދަން ބޭނުންވަނީ އިވްރިޝާ އެވެ. އެކަމަކު އިވްރިޝާގެ ޝައުގެއް ބައްސާމަކަށް ނެތެވެ. އޭނާއާއެކު އިވްރިޝާ އުޅެނީ އަމިއްލަ ބޭނުމަށެވެ. ފިލުމުން ރޯލު ލިބޭތީ އެވެ.

ޔާނިޝްއާ ވެސް އިވްރިޝާއެއް ގަޔަކާ ނުވެ އެވެ. ފެނުނު މަންޒަރުތަކަކުންނެވެ. ޖާނޫ (ސައީދު)އަކީ ފިލްމްތަކަށް ވަރަށް ސަޕޯޓްކުރާ މީހެކެވެ. ޔާނިޝްގެ ގޭގެ ވެރިމީހާ ޖާނޫގެ އަންހެނުން ނޫރާ (ނާއްކޮ) ހުންނަނީ ޔާނިޝްއަށް ހިތްކިޔާފަ އެވެ. ޔާނިޝް ފެންވަރާ ތަން ވެސް ބަލަ އެވެ. ކޮޓަރިއަށް ގަދަކަމުން ވެސް ވައްދަ އެވެ. އެ މަންޒަރުތައް އިވްރިޝާއަށް ފެނެ އެވެ. އޭނާއަށް ހީވެފައި އޮންނަނީ ޔާނިޝް އާއި ނޫރާއާ ދެމެދު ގުޅުމެއް އޮންނަ ކަމަށެވެ.

އިވްރިޝާ ފިލްމް ކުޅެން ތައްޔާރުވަމުންދާއިރު އޭނާގެ އަސްލު ބޭބެ (ސުނީ) އޭނާ ހޯދުމުގެ މަސައްކަތް ކުރެ އެވެ. އެކަމުގައި އޭނާއަށް އެހީ ވަނީ ނާސިރު (ޝިބާއު) އެވެ. ނާސިރާއި ބޭބެ ވާފިރު އަބަދު ތިބެނީ ވިރާޝްގެ ގޭ ދޮރުމަތީ ފާރައަށެވެ.

ދެން ފިލްމްގައި ފެނިގެން ދަނީ އިވްރިޝާ ހޯދުމަށް ވާފިރު ކުރާ މަސައްކަތާއި ބައްސާމް އަދި ޔާނިޝް އިވްރިޝާގެ ފަހަތުން އޭނާގެ ލޯބި ހޯދަން އުޅޭ ތަނެވެ. އަދި ވެރާޝްގެ އަސްލު ކޮއްކޮ ރާއްޖެ އައިސް އަނެއްކާވެސް އޮޅުންގަނޑު ބޮޑުވާ ތަނެވެ. ވެރާޝްގެ ކޮއްކޮއަކީ މި ފިލްމްގެ އެންމެ ބޮޑު ސަޕްރައިސް އެވެ. އެ ރޯލުން ފެނިގެން ދަނީ ވެސް ހާއްސަ މޫނެކެވެ.

އެކަމަކު ދެން ފިލްމް ކިޔައިދޭކަށް ނެތީމެވެ. ކުރި މަރާނުލުމަށް މިހާ ހިސާބުން އެ ބައި ނިންމާލާނަމެވެ. ފިލްމްގެ އެންމެ ފޯރިގަދަ ބައި އަމިއްލައަށް އޮލިމްޕަސްއަށް ގޮސް ބަލައިލާށެވެ.

އަޒޭ އާއި މަލް ކަމުދޭ!

ފިލްމްގައި ތަރިން ވަނީ ހުނަރު ދައްކާލާފަ އެވެ. އޮވަރޯލުކޮށް އެކްޓިން ރަނގަޅެވެ. ޔޫއްޕެ އާއި ޝީލާއަށް ކުރިން ވެސް ތައުރީފު ކުރެވިއްޖެ އެވެ. ދެން އެންމެ ފާހަގަވީ ސައީދެވެ. ސައީދު ވަނީ ފިލްމްގައި ފިލްމީ ގިނަ ކެރެކްޓާތަކެއް ނަކަލުކޮށްފަ އެވެ. ސައީދުގެ އެކްޓިންއަކީ އެންމެން އިންސާފުކޮށް ރުހުން ދީފައިވާ އެކްޓިނެކެވެ. ހަމަ އެގޮތަށް ފައިސަލްއަކީ ވެސް އެފަދަ އެކްޓަރެކެވެ. "ވާށޭ މަށާއެކީ"ގައި ދައްކާލި މޮޅު އެކްޓިން ފައިސަލް މި ފިލްމްގައިވެސް ދެއްކި އެވެ. އަދި ފައިސަލް އަޒޭއާ އެއް ފެންވަރަކަށް ވަރުގަދައަށް ނަށާ ލަވައެއް ވެސް ފެނިގެންދެ އެވެ. އެއީ ފައިސަލްގެ ތަފާތު ފެނިލުމެކެވެ.

ސުނީ އާއި ޝިބާއުގެ ރޯލު ވެސް ކަމުދެ އެވެ. އިންސާފުކޮށްފައިވަނީ ވެސް ރަނގަޅަށެވެ. އެހެނަސް ހީކުރި ވަރަށްވުރެ ނާއްކޮގެ ރޯލު ކުޑަ އެވެ.

ފިލްމްގެ ލީޑް އެކްޓްރެސް މަލީހާ (މަލް)ގެ އެކްޓިން އޭނާގެ ކުރީގެ ފިލްމްތަކާ ބަލާފައި ރަނގަޅެވެ. މަލްއަކީ ދާއިރާގައި މުސްތަގުބަލު އޮތް އެކްޓްރެސްއެއްކަން އޭނާ މި ފިލުމުން ބުނެދިނެވެ. ހަމައެހެންމެ އަދި މާގިނަ ފިލްމްތަކެއް ނުކުޅޭ އަޒޭ ވެސް މި ފިލްމްގައި ތަފާތެވެ. އަޒޭ ކުއްތާއަކަށް ބަދަލުވެ "ވޮއް ވޮއް" ޖެއްސި މަންޒަރަކީ ފިލްމުން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ މަންޒަރަށްވާނެ އެވެ. ރޯ މަންޒަރުތަކުން އަދި ކުޅަދާނަކަން ނުދެއްކުނަސް މި ފިލްމުގައި މަޖާ ރޯލުން އަޒޭ ވަނީ އޭނާއަކީ ވެސް އެކްޓްކުރެވިދާނެ މީހެއްކަން ސާބިތުކޮށްދީފަ އެވެ.

މި ފިލްމުން ކަމުނުދިޔަ ކަމެއް ފާހަގަކުރާނަމަ ބުނެވޭނީ ބްރޭކަށްފަހު ފޫހިކަމެއް އިހުސާސްވެ ދިގުލައިގެން ދިޔުމެވެ. އެހެނަސް އެ ފޫހިކަން ވެސް ފިލްމަށް ގެނައި ވަރުގަދަ ޓްވިސްޓާއެކު ދުއްވާލި އެވެ.

މިފަދަ ކޮލިޓީ ފިލްމްތައް އޮލިމްޕަހުން ފެނަލެއް މަދެވެ. މި ފިލްމަކީ ބޮލީވުޑްގެ ރަހަތަކެއް ހުރި، ބިޒީ ލައިފް އެއްކައިރިކޮށްލައި އާއިލާއެކު ހީ މަޖާކޮށްލަން ބަލާލަން ހަމަ ރަނގަޅު ފިލްމެކެވެ.