ރިޕޯޓް

އުމުރުން ހަގަސް ހުނަރުން ފުރި ބަންޑުންވަނީ

މިއީ ހުނަރުވެރިންތަކެކެވެ. ވަރަށް ކުޅަދާނަ ދިވެހިންތަކެކެވެ. އެކަމަކު އުމުރުން ވަރަށް ހަގެވެ. އަށާރަ ނުވަތަ އެއަށްވުރެ ހަގު ކުދިންތަކެއްގެ ވާހަކަ އެވެ. މި ކުދިންގެ ހުނަރަށް ކަޅި ހުއްޓުނީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ކައްޓި ހިތްވަރު ފެސްޓިވަލުންނެވެ.

އެ ފެސްޓިވަލްގައި ތަފާތު ގިނަ ހުނަރުތަކެއް ދައްކާލިއިރު އުމުރުން ހަގު ކުދިންގެ ހުނަރުތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން އޭގެ ތެެރެއިން އެންމެ ކުޅަދާނަ އެއް ކުއްޖަކީ އައިމިނަތު އައިމާ(ދާދު) އެވެ. އުމުރުން އެންމެ 19 އަހަރު ނަމަވެސް ދާދުއަކީ ވަރަށް މޮޅު ކުރެހުންތެރިއެކެވެ. މީހުންގެ ސޫރަ ފެންނަ ފޮޓޯތައް ދާދު ކުރަހާފައި ހުންނަނީ ވަރަށް ފުރިހަމައަށެވެ. އަސްލާ ތަފާތެއް ނެތްހާ ފުރިހަމައަށެވެ.

ދާދު ކުރެހުންތައް ކުރަހަނީ ވަކި ކޮންސެޕްޓެއް ނަގައި ސީރީސްތަކެއް ގޮތަށެވެ. އެގޮތުން ފެސްޓިވަލްގައި ދާދު ވަނީ "ޑިޕްރެޝަން ލެޓްސް ޓޯކް"ގެ ނަމުގައި މީހުން ހޭލުންތެރިކުރުމަށް ކުރެހުންތަކެއް ދައްކާލާފަ އެވެ. އެ ސީރީސްގެ ކުރެހުންތަކުން އޭނާ ވަނީ ގެވެށި އަނިޔާ ފަދަ އަނިޔާތައް ލިބިފައިވާ މީހުންނަށް މެސެޖެއް ދީފަ އެވެ.

ދާދުގެ ތަފާތު އޮއިލް ޕެއިންޓިންތަކެއް ވެސް ދައްކާލާފައިވެ އެވެ. އަދި މިއުޒިކް ބީޓަށް ކުރަހާފައިވާ ކުރެހުންތަކެއް ވެސް ދައްކާލި އެވެ. ވަރަށް ކުޑައިރުން ވެސް ކުރަހަމުން އަންނަ ދާދު، އެކްޒަބިޝަނެއްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރު ނަމަވެސް ކުރިއަށް އޮތްތާ ވަރަށް ގިނަ ފެއާތަކުން ދާދު ފެނިގެންދާނެ އެވެ. ދާދުގެ ގިނަ ކުރެހުންތަކެއް ބޮޑު އަގުގައި ފެސްޓިވަލްގައި ވަނީ ވިކިފަ އެވެ. އަމިއްލަ އެކްޒަބިޝަނަކަށް ވެސް ދާދު ދަނީ ތައްޔާރުވަމުންނެވެ.

ދެން ވެސް މިއީ ވަރަށް ހުނަރުވެރި ކުރެހުންތެރިއެކެވެ. އެންމެ 17 އަހަރުގެ އިސްމާއިލް މާއިޝް މުހައްމަދެވެ. އޭނާގެ ކުރެހުންތަކަށް ބަލައިގެން ހަމަ ހުރެވޭނީ އެވެ. އެ ކުރެހުންތަކުން ފެންނަ އެއްޗެއް ބުނެދޭން ވަރަށް އުދަނގޫ ވާނެ އެވެ. މާއިޝްގެ ކުރެހުންތަކުގެ ތަފާތަކީ އެއީ އެވެ. -- އެތައް މާނައެއް، އެތައް ސިފައެއްގެ ވާހަކަ އެ ކުރެހުންތަކުން ކިޔައިދެ އެވެ.

ހދ. ކުޅުދުއްފުއްޓަށް އުފަން މާއިޝް، އޭނާގެ ކުރެހުންތަކުގެ ވާހަކައެއް ކިޔައިދެ އެވެ. އެ ވާހަކަތައް އޮންނަނީ ކުރެހުމުގެ ތެރޭގައި ފޮރުވިފަ އެވެ. އެގޮތުން އޭނާގެ އެއް ކުރެހުމެއްގައި ދެ ކްލާސްގެ މީހުންގެ ދިރިއުޅުން ވަރަށް ފުރިހަމައަށް ދައްކައިދެ އެވެ. އެހެނަސް އެކަންކަން އެނގެނީ މާއިޝް އެ ވާހަކަތައް ކިޔައިދީ ތަފްސީލު ކޮށްދިނުމުންނެވެ. ކުދިކުދި ކުރެހުންތައް ހިމަނައިގެން ހަދާފައިވާ ބޮޑު ކުރެހުމުން އޭނާ ނެރޭ ބޮޑު ވާހަކަ އެނގިފައި ހަމަ ހައިރާންވެ ހުރެވެނީ އެވެ. ވަރަށް ކުޅަދާނަ އެވެ.

މި މޮޅު ދެ ކުރެހުންތެރިންނަށްފަހު ދެން ފެނިގެން ދިޔައީ ވަރަށް ކުޅަދާނަ ފޮޓޯގްރާފަރުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ އައިޝަތު ނަދުހާ އެވެ. އުމުރުން 15 ނަމަވެސް އޭނާ ދަނީ ޕްރޮފެޝަނަލީ ފޮޓޯ ނަގަމުންނެވެ.

އާމްދަނީ ހޯދުމަށް ފޮޓޯ ނެގުމައިގެން ކުރިއަށްދާން ވިސްނާފައިހުރި ނަދުހާގެ ފޮޓޯތަކަކީ ވަރަށް އެކްސްޕެރިމެންޓަލް ފޮޓޯތަކެކެވެ. އެމީހުންނާ ތަފާތު ފޮޓޯތަކެއް ނެގުމަށް އޭނާ އިސްކަމެއްދެ އެވެ.

ދެން މިތިބީ "ވާނުވާ" ބޮއީސް އެވެ. "ވާނުވާ"ގެ ނަމުގައި ފޮޓޯ ނަގަމުންދާ ޔާފިޒު އަދި ނާހިލު ނަސީރަކީ ބެސްޓް ފްރެންޑުންނެވެ. ސްކޫލް ނިންމާލުމަށްފަހު ފޮޓޯ ނެގުމާ އުޅޭ މި ދެ ޒުވާނުން އަދި ނަގަނީ އައުޓްޑޯ ފޮޓޯތަކެވެ. އިސްކަން ދެނީ ވެސް ތަފާތު ކޮންސެޕްޓްތަކަށް ފޮޓޯ ނަގާށެވެ. އެގޮތުން މުޖުތަމައުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން ފޮޓޯ ނެގުމަށް ހާއްސަ ސަމާލު ކަމެއްދެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ނަގާފައިވާ ދިވެހި ދިދައިގެ ފޮޓޯއަކުން "ވާނުވާ"ގެ ފާހަގަކޮށްލެވޭ ފޮޓޯ އެކެވެ. އެންމެ 19 އަހަރުގެ މި ދެ ޒުވާނުން ވެސް މި ދާއިރާގައި ކުރިއަށް ދާން އަތުކުރި އޮޅާލައިގެންނެވެ. އިތުރު ވަޒީފާއެއް އަދާކުރުމުގެ ހިޔާލު ނެތްއިރު އަމިއްލަ ސްޓޫޑިއޯއެއް ހުޅުމުގެ ވިސްނުން އެބަ ހުއްޓެވެ.

އަހުމަދު ޒާން އަކީ ވެސް ތަފާތު ފޮޓޯތަކެއް ނަގާ ފޮޓޯގްރާފަރެކެވެ. އޭނާ ފޮޓޯތައް ނަގަނީ ވަކި ކޮންސެޕްޓެއް ނަގައި ސްޓޯރީއެއް ގޮތަށެވެ. އެގޮތުން ޑިޕްރެޝަންއަށް އޭނާ ނަގާފައިވާ ފޮޓޯތަކެއް ފެސްޓިވަލްގައި ދައްކާލި އެވެ. ފޮޓޯ ނެގުމުގެ އިތުރުން ކުރެހުމަކީ ވެސް ޒާންގެ ހުނަރެކެވެ.

ކައްޓި ފެސްޓިވަލްގައި އުމުރުން 16 އަހަރުގެ ޒާން ދައްކާލި ފޮޓޯތައް ހުރީ ކަޅާއި ހުދުންނެވެ. އެހެނަސް އޭނާއަކީ ކޮމާޝަލް ފޮޓޯތައް ވެސް ނަގާ ފޮޓޯގްރާފަރެކެވެ.

ޒާންއާ އެއްގޮތަށް 18 އަހަރުގެ މުހައްމަދު އަކްމާލްއަކީ ވެސް އޭނާގެ ފޮޓޯ ނެގުމުގެ ހުނަރުން ކައްޓި ހިތްވަރު ފެސްޓިވަލްގައި ތަފާތު ދައްކާލި ޒުވާނެކެވެ. ޅަ އުމުރުން ވެސް ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ އަކްމާލު ފޮޓޯ ނަގަން ދަސްކޮށްފައިވަނީ އަމިއްލަށެވެ. މިހާރު ފޮޓޯ ނަގާއިރު ވެސް އޭނާ އިސްކަން ދެނީ އަމިއްލަ ސްޓައިލެއް ގެންގުޅުމަށެވެ.

ޕްރޮފެޝަނަލީ ފޮޓޯ ނަގަން ފެށިތާ ދެ އަހަރުވީއިރު އޭނާއަށް މިހާރު ވެސް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ. "އަކްމަލް"ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ހެދުމަށް މަސައްކަތް ކުރަމުންދާ އަކްމަލްގެ ސްޓޫޑިއޯއަކީ މާލެ ތެރެ އެވެ. ސްޓޫޑިއޯއެއް ހިންގުމުގެ ބަދަލުގައި އޭނާގެ ޝައުގުވެރިކަން ބޮޑީ އައުޓްޑޯގައި ފޮޓޯތައް ނެގުމަށެވެ.

މިފަދަ ދިވެހި ދަރިންގެ ހުނަރުތައް ފެނުމުން ހިތަށް ފިނިކަން ލިބި، މުސްތަގުބަލެއް އެބަ އޮތް ކަމުގެ އިހުސާސް ކުރެ އެވެ. ރާއްޖޭގައި ހުނަރު ދައްކާލުމަށް މަދު ފުރުސަތުތަކެއް ލިބިފައިވާތީ ގިނަ ހުނަރުވެރިން ތިބެނީ ވަޅު ޖެހިފަ އެވެ. ފުރުސަތުތައް ލިބޭނަމަ ރާއްޖޭގައި އާޓިސްޓުން ދުނިޔޭގެ ވަނަތައް ވެސް ހާސިލުކުރާނެކަން ކަށަވަރެވެ.

ކައްޓި ހިތްވަރަށް އަދި މި އާޓިސްޓުންގެ ހިތްވަރަށް ޝުކުރިއްޔާ އެވެ!