ވިޔަފާރި

ގައުމީ އެއާލައިންގެ 20 ވަނަ މަތިންދާ ބޯޓު ރާއްޖެ ގެނެސްފި

Dec 17, 2016
3
  • މިފަހަރު ގެނައީ ޑޭޝް އަށެއްގެ ބޯޓެއް
  • ޑޭޝް އަށެއްގެ ނުވަ ބޯޓު ބޭނުންކުރޭ
  • ގިނަ މަންޒިލްތަކަށް ދަނީ ދަތުރު ކުރަމުން

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ 20 ވަނަ މަތިންދާ ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

ނިއުޒިލޭންޑުން ފުރައިގެން ރާއްޖެ އައި މަތިންދާ ބޯޓު ރާއްޖެ ގެނައުން ފާހަގަ ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި އައިލެންޑް އޭވިއޭޝަންގެ ޗެއާމަންއަހުމަދު ޝަރީފު އަދި އެމްޑީ އަބްދުލް ހާރިސް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖޭގެ އިތުރުން ބޭރުގެ ބައެއް މަންޒިލްތަކަށް ދަތުރުކުރަމުން ގެންދާ އެއާލައިން އަށް މިިފަހަރު ގެނެސްފައިވަނީ ޑޭޝް އަށެއް މަރުކާގެ ބޯޓެވެ. މި ބޯޓާއެކު އެ ކުންފުނީގައި ބޭނުންކުރާ ޑޭޝް އަށެއްގެ މަރުކާގެ ބޯޓުގެ އަދަދު ވަނީ ނުވައަކަށް އަރާފަ އެވެ. އަދި މީގެ އިތުރުން އެ ކުންފުނީގައި ދެ އެއާބަސް އާއި ސީޕްލޭންވެސް އޮޕަރޭޓް ކުރަމުންދެ އެވެ.

އައިއެންއައިއޭ ވީއައިޕީ ލައުންޖުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މޯލްޑިވިއަންގައި އޮތީ އެންމެ ހަ ބޯޓު ކަމަށާއި، ނަމަވެސް މިހާރު 20 ބޯޓަށް އިތުރުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާގެ އެންމެ ބޮޑު ބަޔަކީ ޓޫރިޒަމް ފުޅާކުރުން. ޓޫރިޒަމް ފުޅާ ކުރުމަށް އެއާޕޯޓްތައް ޑިވްލޮޕް ކުރަނީ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަން ކުރިއަށް ގެންދިއުން ވެސް ހިމެނޭ. މިހާރު ރާއްޖޭން ބޭރުން ހަފުތާއަކު 1،000 ޓޫރިސްޓުން ގެނެވޭ،" ޒަމީރު ވިދާޅުވި އެވެ.

"ހަމަ މިއާއެކު ދިވެހިންނަށް ވެސް ބޮޑު ފަސޭހައެއް ލިިބިގެންދޭ. އެނގިވަޑައިގަންނަވާނެ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ނިމި، ރާއްޖޭން ބޭރުން މިހާރު ފްލައިޓްތައް ޖެއްސާ. އިގްތިސާދީ ގޮތުން ގެންނަވާ ބަދަލުތައް ކުރިއަށް ގެންދިއުމަށް އައިލެންޑް އޭވިއޭޝަނުން ގެންނަ ބަދަލުތައް ފާހަގަ ކުރަން ޖެހޭ."

މޯލްޑިވިއަން އިން މިފަހަރު ގެނެސްފައިވާ ޑޭޝް އަށެއް މަރުކާގެ މި ބޯޓަކީ 50 ގޮނޑީގެ މަތިންދާ ބޯޓެކެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގައި 100 ޕައިލޮޓުންނާއި އިންޖިނޭރުން މަސައްކަތް ކުރާ ކަމަށެވެ.

"ސިވިލް އޭވިއޭޝަންގެ ދާއިރާ އިން ރާއްޖެ ވަރަށް ކުރިއަރާ އެބަ. އައިލެންޑް އޭވިއޭޝަންގައި ވެސް 12 ސީޕްލޭން އެބައޮތް،" ޒަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަން ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

"މާލެ ކައިރި މިއޮތީ ގާތްގަނޑަކަށް ފުރިފައި. އެހެންވެ އެހެން ހިސާބުތަކަށް ދަތުރު ކުރުމަށް ކޮސްޓް އިފެކްޓިވްކޮށް ދަތުރު ކުރެވޭނެ ނިޒާމެއް ނެތްނަމަ އެއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ. އެހެންވެ މި ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ 20 ވަނަ ފްލައިޓް ރާއްޖެ ގެނެސްފައިވާއިރު، އެ ކުންފުނިން އިންޑިޔާ އާއި ޗައިނާގެ ފަސް ސިޓީއަކަށް އަދި ތައިލެންޑު ފަދަ މަންޒިލްތަކަށް ދަތުރު ކުރެ އެވެ.

ފޮޓޯ އަލްބަމް: