މެންޗެސްޓާ ޔުނައިޓަޑްގެ ލެޖެންޑް ބޮބީ ޗާލްޓަންގެ ލަނޑުގެ ރެކޯޑާ އަރާ ހަމަ ކުރުމުގެ ފުރުސަތު މިފަހަރު ވެސް ވޭން ރޫނީ އަށް ގެއްލިއްޖެ އެވެ.
ވެސްޓް ބްރޮމޮވިޗާ ދެކޮޅަށް ރޭ ކުޅުނު މެޗްގައި މެން ޔޫގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ޒަލްޓާން އިބްރޮހިމޮވިޗެވެ.
ނަވާރަސްތޭކަ ފަންސާން ހަޔަކުން ނަވާރަސްތޭކަ ހަތްދިހަ ތިނަކަށް ޔުނައިޓަޑަށް ކުޅުނު ޗާލްޓަން އަކީ އެ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޔުނައިޓަޑަށް 249 ލަނޑު ކާމިޔާބު ކޮށް ދީފައެވެ. އެ ރެކޯޑާ ހަމަ ކުރަން ރޫނީ އަށް ބޭނުން ވަނީ އެންމެ ލަނޑެކެވެ.
އެންމެ ފަހުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗްގައި ފުރަތަމަ 11 އިން ފުރުސަތު ދިން ނަމަވެސް ރޫނީ އަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯވެސް ވަނީ ރުނީ އަށް ލަނޑު ނުޖެހޭ މައްސަލައިގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ރޭ އިބްރޮހިމޮވިޗް ކާމިޔާބު ކުރި ލަނޑާއެކު މެންޗެސްޓާ ޔުނައިޓަޑާއެކު އިބްރޮހިމޮވިޗް ޖެހި ލަނޑުގެ އަދަދު 16 އަށް އެރީއެވެ. ސީޒަންގެ ކުރީ ކޮޅު ދައްކޮށް ދިޔަ ނަމަވެސް މިހާރު އިބްރޮހިމޮވިޗްގެ ފަރާތުން ދަނީ ރަނގަޅު ކުޅުމެއް ފެންނަމުންނެވެ. އިނގިރޭސި މިޑީއާއިން ސިފަ ކުރާ ގޮތުގައި އުމުރުން 35 އަހަރުގައިވެސް އޭނާގެ ފަރާތުން ފެންނަނީ އެންމެ ޕީކްގައި ކުޅޭ ކުޅުންތެރިޔެއްގެ ކުޅުމެވެ.
"އަހަރެން އޭނަ (އިބްރޮހިމޮވިޗް) އާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ، އޭނާ އަކީ އިތުރު މީހަކަށް އިތުރު ކަމެއް ޕްރުފް ކޮށްދެންޖެހޭ ވަރަުގެ ކުޅުންތެރިޔެއް ނޫން، ނަމަވެސް އޭނާގެ ކެރިއަރުގެ އެންމެ ފަހު މަރުހަލާގައި އިންގްލެންޑަށް އައިސް ދުނިޔޭގެ އެންމެ އުނދަގޫ ލީގްގައި ވާދަ ކުރުމަކީ އޭނާ އަކީ ވިސްނުމުގެ ގޮތުން 'ސްޕަ މޭން' އެއް އޭނާ 35 އަަހަރުގައި އެކުރާ ކަމަކީ ޕްރިމިއާ ލީގްގެ ކޮންމެ ސްޓާއިކަރެއްގެ އުމުރުން 25 އަހަރުގައި ކުރާ އުންމީދެއް." މޮރީނިއޯ ބުންޏެވެ.
މެޗުން މޮޅުވެ މެންޗެސްޓާ ޔުނައިޓަޑް ވަނީ ޕޮއިންޓްގެ ގޮތުން ފަސް ވަނައިގައި އޮތް ޓޮޓަންހަމް ހޮސްޕާއާ އަރާ ހަމަކޮށްފައެވެ. ދެ ޓީމަށްވެސް ލިބިފައިވަނީ 30 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ޓޮޓަންހަމް އަށެވެ. ނަމަވެސް މިރޭ ޓޮޓަންހަމް ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެޓީމަށް އަލުން ތިން ޕޮއިންޓަށް ފަރަގު ބޮޑު ކުރެވޭނެއެވެ.