ހަބަރު

އޮފިޑްއިން އެއާޕޯޓަށް ދޭ 50 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Dec 18, 2016
9
  • އެއީ ސެމީ ކޮންސެޝަނަލް ލޯނެއް
  • ލޯނު ދައްކަން 14 އަހަރު ލިބޭނެ
  • ލޯނުން ހަރަދު ކުރާނީ ޓާމިނަލްގެ މަސައްކަތަށް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭ ތަރައްގީ ކުރުމަށް، އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް، އޮފިޑް އިން ރާއްޖެއަށް ދޭ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އޮފިޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ސުލައިމާން ޖާފިރު އަލް ޖާސިރު އެވެ. އެ ލޯނު ރާއްޖެއަށް ދިނުމަށް އޯޕެކް ފަންޑްގެ ގަވަނިން ބޯޑުން ފާސްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޮސްޓްރޭލިޔާގައި ބޭއްވި އެ ފަންޑްގެ ގަވަނިން ބޯޑްގެ ބައްދަލުވުމުގަ އެވެ.

އެއާޕޯޓްގެ ތަރައްގީއަށް އޮފިޑް އިން ދޭ ލޯނަކީ ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 14 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ދޫކުރާ ސެމީ ކޮންސެޝަން ލޯނެކެވެ. މި ލޯނަކީ އެއާޕޯޓްގެ ޓާމިނަލް އެޅުމަށް ބޭނުން ކުރާނެ ލޯނެއް ކަމަށް ފިނޭންސް މިނިސްޓަރު ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓްގެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ. އަންނަ މަހުގެ ތެރޭގައި އަބޫ ދާބީ ފަންޑުން ދޭ 40 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ނަގަނީ ވަރަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަނބުރާ ދެއްކޭވަރުގެ ލޯނުތަކެކެވެ. އަދި ރާއްޖޭގެ އެއާޕޯޓްގެ ތަރައްގީގައި އޯޕެކް ފަންޑުން މީގެ ކުރިން ވެސް އެހީތެރިވެދީފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެ ފަރާތަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެއާޕޯޓް ތަރައްގީގެ އިތުރަށް އެހެން މަޝްރޫއުތަކަށް ވެސް އެ ފަންޑުން ފައިސާ ދޭނެ ކަމުގެ ފެހި ސިގްނަލް މިހާރު ލިބިފައި އޮތްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމާއި ރައްކާތެރި ބޯފެން ރަށްތަކުގައި ގާއިމްކުރުމުގެ ފަދަ މުހިންމު މަޝްރޫއުތައް އޯޕެކް ފަންޑްގެ އެހީގައި ކުރިއަށް ގެންދާ ކަމަށާއި އެ ފަންޑާ އެކު ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއް ވެސް ވަރަށް ކާމިޔާބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޮފިޑް އަކީ އަޅުގަނޑުމެންގެ ތަރައްގީގެ ވަރަށް ބޮޑު ބައިވެރިއެއް. އެ ފަރާތާ އެކު މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިފަދަ އިތުރު މަޝްރޫއުތަކަށް އޮފިޑް އިން އެހީތެރިކަން ދޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓްގެ ޓާމިނަލް އަޅަން 300 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ބިންލާދިން ގްރޫޕާ އެވެ. ޓާމިނަލްގެ ކުރެހުން ނިންމުމުގެ މަސައްކަތް އެ ކުންފުންޏާއި އެމްއޭސީއެލް ގުޅިގެން މިހާރު ވަނީ ފަށައިފަ އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީ އިން ވަނީ ސައުދީ ފަންޑުން ދޭ 100 މިލިއަން ޑޮލަރުގެ އަދި ކުވައިތު ފަންޑުން ދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މުޅި އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަށް 800 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.