ބޮލީވުޑް

ނިންމާލީ ބޮލީވުޑަށް ބައޮޕިކާއި ހަގީގީ ހާދިސާތަކުގެ އަހަރެއް!

Dec 31, 2016
2

ފިލްމެއް ކާމިޔާބުވާން ބޭނުންވާ އެންމެ ފައްކާ ފޯމިއުލާ ކަމަށް މީގެ ކުރިން ބެލެވިފައި އޮތީ ނަން މަޝްހޫރު ތަރިން އެ ފިލްމެއްގައި ކޮންމެހެން ވެސް ހިމެނެން ޖެހުމެވެ.

ބޮޑެތި ތަރިން ހިމެނޭ ބޮޑު ބަޖެޓް ފިލްމުތަކުން ފެށިގެން ކުޑަ ބަޖެޓްގެ ފިލްމުތަކާ ހަމައަށް މިހާތަނަށް އެކި ރަހަރަހައިގެ ބޮލީވުޑްގެ ފިލްމުތައް ކޮންމެ އަހަރަކު ވަނީ ބެލުންތެރިންނާ ހަމައަށް ފެނިގެން ގޮސްފަ އެވެ.

މީގެކުރިން މުޅި ބޮލީވުޑް ހިސޯރުކޮށްފައި އޮތް މެލޮޑްރާމާގެ ރަހަތަށް މަޑުމަޑުން އަންނަނީ ބަޔޯޕިކާއި ހަގީގީ ވާހަކައިގެ އަސަރުގެ މައްޗަށް އަންނަނީ ހިޔަނި އެޅެމުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އެގޮތުން ބޮލީވުޑްގެ ދިގު މާޒީގައި ވެސް 2016 ވަނަ އަހަރަކީ ބަޔޯޕިކްތަކުން ބޮކްސް އޮފީސް ފަތަހަކުރި އަހަރެކެވެ.

މަޝްހޫރު އިންޑިއަން ކްރިކެޓް ކެޕްޓަން މަހެންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އާ އެކު އިންޑިއާގެ ކްރިކެޓް ފޭނުން ކައްކުވާލާފައިވާއިރު، މިފިލްމަކީ މިހާތަނަށް ކުޅިވަރު ކުޅުންތެރިއެއްގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމަކަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެވެ. ދޯނީގެ ކާމިޔާބު ކްރިކެޓް ކެރިއަރެކޭ އެއްގޮތަށް އޭނާގެ ފިލްމުވެސް ވަނީ 100 ކްރޯޑަށް ވުރެން ބޮޑު އާމްދަނީއެއް ހޯދައިގެން ބޮކްސް އޮފީހުގައި ކާމިޔާބީގެ ދިދަ ޖަހާލާފަ އެވެ.

1. ނީރްޖާ

"ނީރްޖާ" 1986 އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އުމުރުން އެންމެ 23 އަހަރުގެ އިންޑިއާގެ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ބަތަލާ ސޯނަމް ކަޕޫރު ނީރްޖާގެ ރޯލުން ފެނިގެން ގޮސްފައިވާ މި ފިލްމަކީ "ތާރޭ ޒަމީން ޕަރް" ގެ ޑައިރެކްޓަރު ރާމް މާދްވާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އޭނާ ވަނީ މޮޑެލްއެއްގެ އިތުރުން ކެބިން ކްރޫއެއްގެ ވަޒީފާ އަދާކުރަމުން އަންނަ އާއިލާގެ އެންމެން އިންތިހާއަށް ލޯބިވާ ނީރްޖާގެ ކުރު ހަޔާތުގެ އެންމެ އުފާވެރި ވަގުތުތަކާއި ބިރުވެރިކަމާއި ވޭނުން ފުރިގެންވި އެންމެފަހު ވަގުތުކޮޅު އަސަރާއެކު ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. ބަތަލާ ސޯނަމްގެ ފަރާތުން މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު އެކްޓިން އޭނާ މި ފިލްމުގައި ވަނީ ދައްކާލާފަ އެވެ. މަސާލާ އެވޯޑްސް 2016 އިން ސޯނަމް އަށް ވަނީ މިފިލްމުން އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް މި މަހުގެ ތެރޭގައި ލިބިފަ އެވެ. ފަންސަވީސް ކްރޯޑުގެ ކުޑަ ބަޖެޓަކުން އުފެއްދި މިފިލްމަށް 73.07 ކްރޯޑް ލިބި ވަނީ ހިޓް ފިލްމެއްގެ ދަރަޖަ ލިބިފަ އެވެ.

2. އަޒްހަރު

އިމްރާން ހާޝިމީ އަޒްހަރުއްދީންގެ ރޯލު ކުޅެފައިވާ "އަޒްހަރު" އަކީ އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން އަޒްހަރުއްދީން ތަރިއެއްހެން އަރައިގެން ދިޔަ ގޮތާއި މެޗް ފިކްސިން ސްކެންޑަލްގެ ސަބަބުން އޭނާގެ ތަރި އޮއްސިގެން އައިގޮތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މެޗް ފިކްސިންގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުމާއިއެކު އެތައް ބައެއްގެ ނުރުހުމާއި ނަފްރަތާ ވެސް ވަނީ ކުރިމަތިލާން ޖެހުނުއިރު، އޭނާގެ ދެ ކައިވެންޏަކީ ވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ޓޯނީ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 38 ކްރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް ފިލްމަށް ލިބުނު އާމްދަނީ އަކީ 32.7 ކްރޯޑް ކަމަށް ވުމުން، މި ފިލްމަކީ މިއަހަރު ނިކުތް ބަޔޯޕިކްތަކުގެ ތެރެއިން ފްލޮޕްވި ހަމައެކަނި ފިލްމަށް ވަނީ ވެގެން ގޮސްފަ އެވެ. އިމްރާންގެ އިތުރުން ޕްރާޗީ ދޭސާއީ އާއި ނަރްގިސް ފަކްރީ ބަތަލާއިންގެ ރޯލުން ފެނިގެންދިޔަ މި ފިލްމަށް ފާޑުކީ ފަރާތްތަކުން ވަނީ "އަޒްހަރް" އަކީ އަޒްހަރުއްދީން ހަޔާތުގެ މައްޗަށް އުފެއްދި ފިލްމަކާ ބަލާފައި އޭނާގެ ދިރިއުޅުމުގެ ގިނަ ކަންތައްތައް ސިއްރުކޮށް، ފިލްމުގައި އާންމުންނަށް އިނގޭ ގިނަކަންތައްތަކެއް ހިމަނާފައިވުމަކީ މި ފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބު ނުހޯދުނު ކަމުގެ އެންމެ ބޮޑު އެއް ސަބަބެވެ.

3. "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ"

އެ ކުޅިވަރަކަށް މުޅި އިންޑިއާ އެއް ސަނާއެއް ކިޔާ ކްރިކެޓްގެ ދުނިޔޭގައި އިންޑިއާ ދުށް އެންމެ ކުޅަދާނަ އަދި އެންމެ މަގްބޫލު ކެޕްޓަން މަހެންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މި ފިލްމަކީ އޭނާގެ ހަޔާތާ ބެހޭގޮތުން އެއްވެސް ވަރަކަށް ނޭނގޭ ކަންތައްތަކެއް އާންމުންނަށް އަންގާލަދިން ފިލްމެކެވެ. ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދޯނީގެ ރޯލުން ފެނިގެންދިޔަ މި ފިލްމުގައި ވަނީ އިންޑިއާގެ ރާންޗީގެ މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ ދޯނީ ކްރިކެޓް ތަރިއެއްގެ ގޮތުގައި ވިދާލި ގޮތް ވަރަށް ފުރިހަމައަށް ދައްކާލާފަ އެވެ. އެގޮތުން އޭނާގެ ފުރާވަރު ދުވަސްވަރު ސްކޫލް ދައުރު ނިމި، ރެއިލްވޭ އެއްގެ ޓިކެޓް ކަލެެކްޓަރެއްގެ ވަޒީފާއިން އެތައް ބައެއްގެ ހިތުގައި ރަސްކަންކުރަމުން އައި ކެރިކެޓް ތަރި، ދޯނީ އަށް އޭނާ ވީގޮތާއި އޭނާގެ ލޯބީގެ ހަޔާތާ ބެހޭގޮތުން މީހުންނަށް ނޭނގޭ ކަންތައްތައް ވެސް މި ފިލްމުގައި ވަނީ ފެނިގެން ގޮސްފަ އެވެ. މީގެކުރިން އެއްވެސް ބަޔަކަށް އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ނޭނގި އޮތް ކަމެއް ވެސް މި ފިލްމުގައި ވަނީ އެނގިގެން ގޮސްފަ އެވެ. އެއީ ދޯނީ އިންޑިއާގެ ނޭޝަނަލް ޓީމަށް ކުޅެން ފެށިތާ ކުރީކޮޅު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ ކާރު އެކްސިޑެންޓެއްގައި މަރުވި ހާދިސާ އެވެ. ޑައިރެކްޓަރު ނީރަޖް ޕާންޑޭ ވަނީ "އެމް.އެސް ދޯނީ" އާއެކު ދޯނީ ކުޑައިރުގެ ދިރިއުޅުމާއި އިންޑިއާގެ ގައުމީ ޓީމަށް އަރަން އޭނާ ކުރި މަސައްކަތް އަދި ލޯބީގެ ހަޔާތުގެ ބައެއް ހާދިސާތަކާއެކު އޭނާގެ ދުނިޔެއަށް އޭނާގެ ފޭނުން ގެންގޮސްދީފަ އެވެ.ދޯނީގެ ކުރީގެ ލޯބިވެރިޔާގެ ރޯލު ކުޅެފައިވަނީ ދިޝާ ޕަޓާނީ އެވެ. އަދި އޭނާގެ އަންހެނުން ސާކްޝީގެ ރޯލު އަދާކޮށްފައިވަނީ ކިއަރާ އަދުވާނީ އެވެ. މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް މި ފިލްމަށް ލިބިފައިވާއިރު، ފިލްމު ރިލީޒްކުރިތާ ނުވަ ދުވަހުގެ ތެރޭގައިި 100 ކްރޯޑް ލިބިގެން ވަނީ މިހާތަނަށް ކުޅިވަރު ޝަހުސިއްޔަތެއްގެ މައްޗަށް އުފެއްދި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެގެން ގޮސްފަ އެވެ. ނުވަ ދުވަހުން 100 ކްރޯޑް ލިބި، ސެންޗަރީއެއް ހަދައި، މިފިލްމު މިވަނީ ދޯނީގެ ކެރިއަރެކޭ އެއްގޮތަށް އޭނާގެ ހަޔާތުގެ ވާހަކައަކީ ވެސް ވަރަށް ބޮޑު ހިޓެއްކަން ސާބިތުކޮށްދީފަ އެވެ.

4. "ސަރަބްޖިތް"

ހަގީގީ ހާދިސާތަކުގެ މައްޗަށް އުފެއްދި ފިލްމުތަކުގެ ތެރެއިން އޮޅިގެން ޕާކިސްތާނުގެ ބޯޑަރު ހުރަސްކުރެވި، އޭނާ އަކީ އިންޑިއާއިން ޕާކިސްތާނަށް ޖާސުސްކުރަން ފޮނުވި މީހެއް ކަމަށް ބުނެ 23 އަހަރު ވަންދެން ވަރަށް އަނިޔާވެރިކޮށް ޕާކިސްތާނުގެ ޖަލުގައި ގެންގުޅެނިކޮށް މަރުވި ބޭބެއަށް އިންސާފު ހޯދައިދޭން ދައްތައަކު ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ. މި ހާދިސާ އަކީ ހަގީގީ ހަދީސާ އަކަށްވެފައި، މީގެކުުރިން މިކަން ހިނގައިދިޔައީ ކިހިނެއްކަން ނޭނގޭތީ، މިފިލްމުން އެހުރިހާ ކަމެއް އެނގޭނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް ފިލްމަށް ލިބިގެން ގޮސްފައިވަނީ ފިނި ތަރުހީބެކެވެ. ސަރަބްޖިތް ޕާކިސްތާނުގެ ޖަލުގައި އަނިޔާވެރިކޮށް ގެންގުޅުނު އިރު އޭނާގެ އާއިލާއިން ތަހަންމަލުކުރި ވޭނާއި ހިތްދަތިކަން ވަރަށް ރަނގަޅަށްވެސް ބެލުންތެރިންގެ ހިތްތަކާއި ހަމަޔަށް ގެނެސްދީނުމުގައި ޑައިރެކްޓަރު ކުރި މަސައްކަތް ވަރަށް ފުރިހަމަ ނަމަވެސް، ދަލްބީރް ރޯލުކުޅެން ބަތަލާ އައިޝްވާރިޔާ ނެގުމަކީ ޑައިރެކްޓަރަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ކްރިިކްސްއިން ވަނީ ބުނެފަ އެވެ. އައިޝްވާރިޔާ އަކީ މިރޯލަށް އެއްވެސް ގޮތަކަށް ފިޓްވާ މީހެއް ނޫން ނަމަވެސް ސަރްބަޖިތްގެ ރޯލު ރަންދީޕް ހޫޑާ ކުޅެފައިވާލެއް މޮޅުކަމުން އޭނާ ވަނީ ބެލުންތެރިން އާޝޯހުކުރުވާފަ އެވެ. "މެރީ ކޮމް" ގެ ޑައިރެކްޓަރު އޮމަންގް ކުމާރު ޑައިރެކްޓްކުރި މި ފިލްމަށް ކްރިޓިކްސްއިން ތައުރީފުކުރި ނަމަވެސް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއްނުވެ އެވެ. 30 ކްރޯޑުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ޖުމްލަ ލިބުނު އާމްދަނީ އަކީ 29 ކްރޯޑެވެ.

5. "އެއާލިފްޓް"

އާންމުކޮށް އެކްޝަން ފިލްމުތައް ކުޅެގެން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަކްޝޭ ކުމާރުގެ މިއަހަރުގެ އެންމެފުރަތަމަ ރިލީޒްވި ފިލްމު "އެއާލިފްޓް" އަކީ މިއަހަރުގެ އެންމެ ފުރަތަމަ ބްލޮކްބާސްޓާގެ ދަރަޖަ ލިބުނު ފިލްމެވެ. 1990 ވަނަ އަހަރު އިރާގު ސިފައިން ކުވޭތަށް އަރައި އެތަން ހިސޯރުކުރި ދުވަސްވަރު ކުވޭތުގައި ތާށިވެފައި ތިބި އިންޑިޔާގެ ރައްޔިތުން އެތަނުން ސަލާމަތްކުުރުމަށް ރަންޖީތު ކަޓްޔާލް (އަކްޝޭ ކުމާރު) ކުރާ ބުރަ އަދި ބިރުބޮޑު ދަތުރު ދައްކުވައިދޭ ފިލްމެކެވެ. އަކްޝޭގެ ބުރަ މަސައްކަތުން ބައިލައްކައަށް ވުރެން ގިނަ އިންޑިއާ ރައްޔިތުން ސަލާމަތުން ޖޯޑުންގެ ވެރިރަށް އަމާނަށް އަދި އިންޑިއާ އަށް ގެންގޮސްދޭން އޭނާ ކުރާ މަސައްކަތް ދައްކުވައިދީފައިވާ މި ފިލްމަކީ ކްރިޓިކްސްއިން ފާހަގަކުރި ގޮތުގައި މިހާތަނަށް ފެނިގެންގޮސްފައިވާ އެންމެ މޮޅަށް ރާވައި ޑައިރެކްޓްކޮށްފައިވާ ފިލްމެވެ. ފިލްމު ރިލީޒްކުރިތާ ނުވަ ދުވަހުގެ ތެރޭގައި 100 ކްރޯޑަށް ވުރެން ގިނައިން ލިބުނު މި ފިލްމަކީ ބޮޑު ކާމިޔާބީއެއް ލިބުނު ބްލިކްބާސްޓާ ފިލްމެކެެވެ. ރާޖާ ކްރިޝްނަ މެނޮން ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ލީޑްރޯލުން އަކްޝޭ އާއެކު ނިމްރަތް ކޯރު ފެނިގެންދާއިރު މުހިންމު ރޯލުން ޕޫރަބް ކޮލީ ވެސް ފެނިގެންދެ އެވެ.

6. ރުސްތުމް

މި އަހަރުގައި އެއް ދުވަހެެއްގެ ތެރޭގައި ނިކުތް ބޮޑެތި ފިލްމުތަކުގެ ތެރެއިން އަކްޝޭ ކުމާރުގެ "ރުސްތުމް" އާއި ރިތިކް ރޯޝަންގެ "މޮހެންޖޯ ޑަރޯ" އަކީ ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށްދާނެ ކަމަށް ބުނެވުނު ފިލްމެކެވެ. ނަމަވެސް އަކްޝޭގެ "ރުސްތުމް" ވަނީ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއ ހޯދައި ރިތިކްގެ ފިލްމުގެ މައްޗަށް ކުރި ހޯދާފަ އެވެ. "ރުސްތުމް" އަކީ 1959 ވަނަ އަހަރު ހިނގި ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ފާރިސީ ނޭވީ އޮފިސަރެއްގެ އަންހެނުން ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކާއި އޭގެ ނަތީޖާ ދައްކުވައިދޭ ފިލްމެކެވެ. އަކްޝޭ ނޭވީ އޮފިސަރު، ރުސްތުމްގެ ރޯލު ކުޅެފައިވާ ފިލްމުގައި އަކްޝޭގެ އަންހެނުން (އިލިއާނާ ޑިކްރޫޒް) އޭނާއަށް ބޭވަފާތެރިވަމުން ދެ އެވެ. އަދި ދިމާވާ ހާދިސާއެއްގައި އަކްޝޭގެ އަތުން އޭނާގެ އަންހެނުންގެ ލޯބިވެރިޔާ މަރުވެ އެވެ. ނަވާރަ ސަތޭކަ ފަންސާސް ނުވަވަނަ އަހަރު ހިނގި މި ހާދިސާ އަކީ ކަނޑުގެ ސިފައިންގެ މީހެއް ކަމަށްވާ ކޭ.އެމް. ނާނާވަތީ އޭނާގެ އަންހެނުންގެ ލޯބިވެރިޔާ މަރާލި ހާދިސާ އެކެވެ. އެ ޒަމާނުގައި މި ހާދިސާ އަކީ ވަރަށް މަޝްހޫރުވި ވާހަކަ އެކެވެ. އަމިއްލަ އަށް އަންހެނުންގެ ލޯބިވެރިޔާ މަރާލިކަމަށް ނާނާވަތީ އެއްބަސްވާއިރު، އޭނާ ދިފާއުގައި ކޯޓުގައި ވަކާލާތުކޮށްފައިވަނީ ވެސް އަމިއްލަ އަށެވެ. އޭނާ ސަލާމަތްވެފައިވަނީ ޖޫރީންގެ ވޯޓުންނެވެ. މީހެއް މަރާލުމުގެ ކުށުން ސަލާމަތްވުމުން ނާނާވަތީ ވަނީ އޭނާގެ އަންހެނުން ސިލްވިޔާއާ އެކު އިންޑިއާ ދޫކޮށް ދިރިއުޅުން ކެނެޑާ އަށް ބަދަލުކޮށްފަ އެވެ. ތިނޫ ސުރޭޝް ދޭސާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އަކްޝޭ އާއި އިލިއާނާގެ އިތުރުން މި ފިލްމުގައި މުހިންމު ރޯލަކުން އީޝާ ގުޕްތާ ވެސް ފެނިގެންދެ އެވެ. މި އަހަރުގައި ނިކުތް ފިލްމުތަކުގެ ތެރެއިން 127 ކްރޯޑްގެ އާމްދަނީއެއް ލިބިގެން މި ފިލްމު ވަނީ ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށް ވެފަ އެވެ.

7. ރަމަން ރާގަވް 2.0

އާދަޔާ ހިލާފު މޮޅު އެކްޓަރު ނަވާޒުއްދީން ސިއްދީގީ، ރަމައްނަގެ ރޯލުން ފެނިގެންދާ މި ފިލްމަކީ 1960ގެ އަހަރުތަކުގައި އިންޑިއާގެ މުމްބައިގައި އުޅުނު ވަރަށް މަޝްހޫރު ސީރިއަލް ކިލާއެއް ކަމަށްވާ ރަމަން ރާގަވްގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ޒުވާން ފުލުސް އޮފިސަރެއް ކަމަށްވާ ރާގަވަން އަކީ މި ފިލްމުގައި ރަމައްނަ މަރަމުން އަންނަ ހުރިހާ އެންމެންގެ މައްސަލަތައް ބަލާ މީހާ އެވެ. ނަމަވެސް އޭނާ އަށް ވެސް ނޭނގީ ރަމަންނަ އޭނާ އަށް ފާރަލުމަށް ދެވި ހިފައި، އޭނާގެ ކުރިމައްޗަށް ފުލުސް އޮފިސަރު ގެންނާނެ މަޅިތައްޖަހައި އެކި މީހުން މަރާލަ އެވެ. މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެންމެ 7 ކްރޯޑުން އުަފއްދާފައިވާ ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނު އާމްދަނީ އަކީ 6 ކްރޯޑް ނަމަވެސް ކްރިޓިކްސްއިން މި ފިލްމުގެ މޮޅުކަން ވަނީ ފާހަގަކޮށްފަ އެވެ. ވަކިން ހާއްސަކޮޑް ފިލްމުގެ ލީޑްއެކްޓަރު ނަވާޒުއްދީންގެ އެކްޓިން ފާހަގަކޮށްލެވެ އެވެ.

8. "ޑަންގާލް"

މި އަހަރުގެ އެންމެ ފަހު ފިލްމެއްގެ ގޮތުގައި ރިލީޒްވާ ސުޕަސްޓާ އާމިރް ޚާންގެ "ޑަންގާލް" އަކީ ރެސްލިންތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިރިހެނުން އެކަނި ކުޅޭ ކުޅިވަރެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް ރެސްލިންތެޅުމުގެ ދުނިޔެއަށް ޕޯގަތް ވަނީ އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ ގީތާ އާއި ބަބީތާ އަށް ގޭގައި ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ ގޮތް ފެނިގެންދާ ފިލްމެކެވެ. ޕޯގަތްގެ ޒުވާން ދުވަސްވަރު އޭނާ އަކީ މޮޅު ރެސްލިންތެޅުން ތެރިއެއް ނަމަވެސް، އެ ކުޅިވަރުން ގޯލްޑް މެޑަލެއް ހޯދަން އޭނާ ދެކެމުން އައި ފޮނި ހުވަފެން ވިއްސި ވިހާލިވެގެން ދަނީ އޭނާގެ އެފަދަ މާލީ ތަނަވަސް ކަމެއް ނެތުމުންނެވެ. އޭގެފަހުން މީހަކާ އިނދެ، ހަތަރު އަންހެން ކުދިން ލިބި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ޕޯގަތްގެ ހުވަފެން ހަގީގަތަކަށް ވުމުގެ އުންމީދު އާ ވަނީ އޭނާގެ ދޮށީ ދެ އަންހެން ކުދިން ކަމަށްވާ ގީތާ އާއި ބަބީތާ، އެމީހުންނާ މައްލަވަތްކުރާ ފިރިހެން ކުދިން ތަކެއް ތަޅާ ރޯނާކޮށްލުމުންނެވެ. އޭގެފަހުން އަމިއްލަ ގޭގައި އެ ދެކުދިންނަށް ފިރިހެން ރެސްލިންތެޅުންތެރިންނާ އެކު ޓްރެއިންކުރުވައި ވަނީ އޮލިމްޕިކްސްގެ ގޯލްޑް މެޑަލް ލިބިފަ އެވެ. މިމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމުގައި އާމިރްގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ފާތިމާ ސަނާ ޝައިހް ޚާން އާއި ސާންޔާ މަލްހޯތުރާ އެވެ. އަދި އާމިރްގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ޓީވީ ބަތަލާއެއް ކަމަށްވާ ސާކްޝީ ތަންވަރު އެވެ. މި ފިލްމުގައި ޕޯގަތްގެ ރޯލު ކުޅުމަށް އާމިރް ވަނީ ބަރުދަން 95 ކިލޯ އަށް ބަރުކޮށްފަ އެވެ. އަދި އޭނާގެ ޒުވާން ދުވަސްވަރުގެ މަންޒަރުތައް ނެގުމަށް ވަނީ އަލުން ބަރުދަނުން 30 ކިލޯ ހިއްކާލާފަ އެވެ. މި ފިލްމުގައި ރެސްލިންތަޅާ މަންޒަރުތަކަށް ތައްޔާރުވުމުގެ ގޮތުން ވަނީ ނުވަ މަސްދުވަހުގެ ޓްރެއިނިން އެއް ވެސް ހަދާފަ އެވެ.