ޖަޕާނުގެ ޔޮކޮހާމާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު، ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އެގައުމުގެ ކަށިމާ އެންޓަލަސްގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކުރި ހޯދައި ރެއާލް މެޑްރިޑް ކުލަބު ވޯލްޑް ކަޕްގެ ތަށި ވެސް އުފުލާލައިފި އެވެ.
މެޗްގައި ރެއާލްގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ކުލަބު ވޯލްޑްކަޕްގައި ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.
މެޗްގެ ފުރަތަމަ ލަނޑު އަށް ވަނަ މިނެޓްގައި ރެއާލްއަށް ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާއެވެ.
މި މެޗް ރެއާލް އަށް ފަސޭހަ ވެދާނެ ކަމަށް ހީކުރެވުނު ނަމަވެސް، ކަށިމާއިން ވަނީ ވަރުގަދަ ރެއާލް އާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.
ކަށިމާ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކާމިޔާބު ކުރީ މެޗްގައި މޮޅު ކުޅުމެއް ދެއްކީ ގަކޫ ޝިބާސްކީއެވެ.
ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ޝިބާސްކީ ވަނީ ކަށިމާ އަށް ލީޑް ނަގައިދީފައެވެ.
ނަމަވެސް އޭގެ އަށް މިނެޓް ފަހުން ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީއެއްގައި ރޮނާލްޑޯ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މި ނަތީޖާއިން މެޗްގެ ފުރިހަމަ ވަގުތު އެއްވަރުވުމުން ކުޅުނު އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ރޮނާލްޑޯ ވަނީ ރެއާލް އަށް އަލުން ލީޑް ނަގައިދީފައެވެ.
އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ރެއާލް އަށް ނަތީޖާ ފުޅާ ކޮށްދިނީ ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކާ އެކުއެވެ. މިއީ ރެއާލްގައި ރޮނާލްޑޯ ހެދި 40 ވަނަ ހެޓްރިކެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވުނީވެސް ރޮނާލްޑޯއެވެ. މުބާރާތުގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ އަކީ ކުޅުނު ދެ މެޗްގައިވެސް މޮޅު ކުޅުމެއް ދެއްކި ލުކާ މޮޑްރިޗެވެ. މުބާރާތުގެ ތިން ވަނަ ކުޅުންތެރިޔާ އަކީ ޝިބާސްކީއެވެ.