ރާއްޖެ ޓީވީ

ދެ ނޫސްވެރިއަކަށް މާދަމާ ހުކުމް އިއްވަނީ

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިޝާމާއި ލީވަން އަލީ ނަސީރަށް ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ދެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:45 ހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށީ ދޭއް ކައިރީގައި ތިބި މީހުން ދުރަށް ދިޔުމަށް އެންގި ވަގުތު އެތާގައި ހުރި ރާއްޖެ ޓީވީ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ނޫސްވެރިޔާ ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތަށް ދަމާފައިވާ ކަމަށެވެ. ވިޝާމްއަށް ދައުވާ ކުރަނީ އެކަމާ ގުޅިގެނެވެ.

ލީވާންއަށް ދައުވާކުރަނީ ފިޔާޒު ހައްޔަރު ކުރަން ފުލުހުން އޭނާގެ ގައިގާ އަތް އެޅުވުމުން ލީވާން، ފިޔާޒުގެ ގައިން ފުލުހުންގެ އަތް ނައްޓާލުމުންނެވެ. މި މައްސަލާގައި ފިޔާޒުގެ މައްޗަށް ވެސް ދައުވާކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.

މި މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މި މައްސަލާގެ އިތުރުން ވެސް ވިޝާމްގެ މައްޗަށް އެހެން ދައުވާއެއް ވަނީ ކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ އަޑުއެހުންތައް އަދި ނުނިމެ އެވެ.

ރާއްޖެޓީވީއިން މިއަދު ވަނީ އެ ސްޓޭޝަނުގެ ދެ ނޫސްވެރިންނަށް ހުކުމް އިއްވަނީ ނުހައްގުން ކަމަށާއި އެ ހުކުމުން އެ ދެ ނޫސްވެރިން ސަލާމަތް ކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ.