ރާއްޖެ ޓީވީ

ވިސާމްގެ މައްޗަށް ކުށް ސާބިތެއް ނުވި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލި ދެވަނަ ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި އެވެ. މީގެ ކުރިން ވިސާމްގެ މައްޗަށް ވަނީ 28،800 ރުފިޔާގެ ޖޫރިމަނާ ހުކުމެއް އައިސްފަ އެވެ.

ދެވަނަ މައްސަލާގައި ވިސާމްގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ. ވިސާމަށް ކުރި މި ދައުވާގައި ބުނަނީ މާޗް 25، 2015 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބަލަން ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ. -- އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ.

މި މައްސަލާގައި މިއަދު ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، މައްސަލާގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯއަކީ ސައްހަ ވީޑިއޯއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެ ވީޑިއޯ ނެގި ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. އަދި ވީޑިއޯއިން ވިސާމް ހައްޔަރުކުރާ މަންޒަރު ނުފެންނަ ކަމަށާއި ވީޑިއޯ ހުރީ ބައިބަޔަށް ކަމަށެވެ.

އޭގެ އިތުރުން އެ ވީޑިއޯއިން ވިސާމް ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅާފައިހުރި ތަން ފެންނަ ކަމަށާއި ނޫސްވެރިން ބެރިކޭޑް ތެރެއަށް ވަނުމަށް ފުލުހުން ގޮވަމުންދާ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށެވެ. އެހެންކަމުން ނޫސްވެރިން ބެރިކޭޑް އެތެރޭގައި ތިބުމަކީ ފުލުހުންނަށް ދަތިކުރުން ނޫން ކަމަށެވެ. އެއީ ފުލުހުންގެ އެންގުމަށް ތަބާވުން ކަމަށެވެ.

މައްސަލާގައި ދައުލަތުން ވަނީ ފުލުހުންތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. ނަމަވެސް ވިސާމްގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ފުލުހުންގެ ހެކި ބަސް ނަފީވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންކަމުން މި މައްސަލަ ވިސާމްގެ މައްޗަށް ސާބިތުވާ މިންވަރުގެ ހެއްކާއި ގަރީނާ ނެތް ކަމަށް ކަނޑައަޅައި، މައްސަލަ ވަނީ ނިންމަވާލައްވާފަ އެވެ.