ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ ކެމެރާމަނަށް ހުކުމް އިއްވުން ފަސްކޮށްފި

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފި އެވެ.

ޒަރީރުގެ މައްޗަށް އަދަބު ކަނޑައެޅުމަށް މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ އާދަމް އަރީފު ސަލާމްގައި ހުންނެވުމުންނެވެ. ދައުލަތުން ޒަރީރުގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާ އެވެ.

މި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދުންފުލުހުންގެ ޝީލްޑްތައް ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފައިވާއިރު ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިޝާމާއި ލީވާން ނަސީރަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެ ދެ ނޫސްވެރިންނަށް މި މަހު ހުކުމް އިއްވާނެ އެވެ. އެ ދެ ނޫސްވެރިންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ޒަރީރާއި ވިޝާމް އަދި ލީވާންގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒުގެ މައްޗަށެވެ. އޭނާގެ ޝަރީއަތް ކުރިއަށް ނުދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. މިއީ ރާއްޖޭގައިފަހުގެ ތާރީހެއްގައި ނޫސްވެރިންތަކަކަށް ޖިނާއީ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.