ރާއްޖެ ޓީވީ

ނޫސްވެރިންނަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިޝާމާއި ލީވާން އަލީ ނަސީރުގެ މައްޗަށް މިއަދު އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ. ހުކުމް ކޮށްފައިވަނީ ދެ ނޫސްވެރިން ވެސް 28،800 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ދެ ނޫސްވެރިންގެ ވަކީލް އަބްދުﷲ ހަސީން މިއަދު ވިދާޅުވީ، ހުކުމް އިންސާފުވެރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.

މި މައްސަލާގައި ދައުލަތުން އެދިފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށެވެ. އެއީ އެ ކުށުގެ އަސާސީ މިންގަނޑެވެ. ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން ވަކީލް ހަސީން އެދުނީ ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ.

މައްސަލަ ބެއްލެވި ގާޒީ ހުކުމް އިއްވަމުން ވިދާޅުވީ، މި މައްސަލައަކީ ލީވާން އަދި ވިސާމްގެ މައްޗަށް ސާބިތުވި ފުރަތަމަ ޖިނާއީ މައްސަލަކަމުން ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާއަށް ބަދަލުކުރީ ކަމަށެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށް ހުކުމުގައި އަމުރު ކޮށްފައިވެ އެވެ.

މި މައްސަލާގެ އިތުރުން ވެސް ވިޝާމްގެ މައްޗަށް އެހެން ދައުވާއެއް ވަނީ ކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ އަޑުއެހުންތައް އަދި ނުނިމެ އެވެ.

ރާއްޖެޓީވީއިން ވަނީ އެ ސްޓޭޝަނުގެ ދެ ނޫސްވެރިންނަށް ހުކުމް އިއްވަނީ ނުހައްގުން ކަމަށާއި އެ ހުކުމުން އެ ދެ ނޫސްވެރިން ސަލާމަތް ކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ޖިނާއީ ދައުވާއެއް ދިވެހި ދެ ނޫސްވެރިއަކަށް ސާބިތުވި ފުރަތަމަ ފަހަރެވެ.