ރާއްޖެ ޓީވީ

ދެ ނޫސްވެރިންނަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފި

ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ރާއްޖެ ޓީވީގެ ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކުރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިއްރުކޮށްގެން މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތުގައި ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު އަދަބާ ބެހޭ ގޮތުން މިއަދު ވަނީ ވާހަކަ ދައްކާފަ އެވެ. އާ ގާނޫނުލް އުގޫބާތުގައިވާ ގޮތުން އަދަބާ ގުޅޭ ވާހަކަ ދެއްކުމަށާއި އަދަބު ކަނޑައެޅުމަށް ބާއްވަން ޖެހެނީ ވަކި އަޑުއެމެކެވެ.

ދެ ފަރާތުން ވެސް މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކާފައި ވަނީ އެ މީހުންގެ މައްޗަށް ކަނޑައެޅިފައިވާ އަދަބުތަކާ މެދުގަ އެވެ. އެގޮތުން ދައުލަތުން މިއަދުވެސް އެދުނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ދިނުމަށެވެ. އެހެން ނަމަވެސް އެ ނޫސްވެރިންގެ ދިފާއީ ވަކީލް އަބްދުޙ ހަސީން އެދިފައި ވަނީ އެ މީހުންނަށް ކަނޑައެޅޭ އަދަބު 12،000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލު ކޮށްދިނުމަށެވެ.

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ، ލީވާން އަލީ ނަސީރާއި މުހައްމަދު ވިޝާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މައްޗަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މި މައްސަލާގައި އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.