ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލާގައި އަންނަ ހޯމަ ދުވަހު ހެކި ބަސް ނަގަން ހަމަޖައްސައިފި އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ.
މި ދައުވާގައި ބުނަނީ މާޗް 25، 2015 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރު ކުރަންފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބެލުމަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ. -- އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ.
މި ދައުވާއަށް ވިސާމް ވަނީ އިންކާރުކޮށްފަ އެވެ. އަދި ދިފާއުވާން ހެކި ވަނީ ހުށަހަޅާފަ އެވެ. ހުށަހަޅާފައިވަނީ ހަތަރު މީހެއްގެ ނަމެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް ހިމެނެ އެވެ.
ދައުލަތުން މި މައްސަލާގައި ދެ ފުލުހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އެއީ އެ ދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރިވި ދެ އެސްއޯ ފުލުހެއްގެ ނަމެވެ. މީގެ އިތުރުން އެ ދުވަހުގެ ވީޑިއޯ ފުޓޭޖަކާއި އެ ދުވަހު ފުލުހުން ބަންދުކޮށްފައިވާ ހިސާބު އަންގައިދޭ މެޕެއް ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ.
ހެކި ބަސް ނެގުމަށް މީގެ ކުރިން ބޭއްވި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އެ އަޑު އެހުމަށްފަހު މި މައްސަލާގެ އަޑުއެހުމެއް ދެން ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ. ވިސާމަށް މިހާރު ވަނީ އެ ދުވަހުގެ 11:00 އަށް ކުރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފަ އެވެ.
ވިސާމްގެ އިތުރު މައްސަލައެއް ވެސް ކުރިމިނަލް ކޯޓުގައި ދަނީ ބަލަމުންނެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެއަށް އަދަބެއް ކަނޑައެޅުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
ދެހާސްފަނަރަ ވަނަ އަހަރު މުލިއާގެ ކައިރިން ފެނުނު ބޮން ޑިފިއުސްކުރަން ސިފައިން މާފަންނު ދަނޑުގައި ހަރަކާތްތެރިވަމުން ދަނިކޮށް ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށް ބުނެ މި މައްސަލާގައި ވިސާމްގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން ނަސީރާއި އެ ސްޓޭޝަންގެ ސީއޯއޯ ހުސެއިން ފިޔާޒުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.