އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ ހާފު 1-0 ން ފަހަތުގައި އޮތުމަށްފަހު، ޕްރިމިއާ ލީގްގައި ހަތަރަު އަހަރު ފަހުން މެންޗެސްޓާ ސިޓީ ފަހު ހާފުގައި ޖެހި ލަނޑު ތަކުން 2-1 ގެ ނަތީޖާއަކުން މެޗުން މޮޅުވެއްޖެ އެވެ.
މީގެ ކުރިން ޕްރިމިއާ ލީގްގައި އެންމެ ފަހުން ސިޓީ އަށް، ފަހަތުގައި އޮތުމަށްފަހު ދެ ވަނަ ހާފުގައި މެޗުން މޮޅުވެވުނީ 2012 ވަނަ އަހަރުއެވެ.
އެ ސީޒަންގެ ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދި ސިޓީ ވަނީ އެ އަހަރު ނޮވެމްބަރު މަހު ޓޮޓަންހަމް ހޮސްޕާ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ލަނޑުން މޮޅުވެ ފައިވަނިކޮށް، ރޮބާޓޯ މަންޗިނީގެ ކޯޗް ކަމުގެ ދަށުން ކުޅެމުން ދިޔަ ސިޓީ ވަނީ 2-1 ގެ ނަތީޖާ އަކުން މެޗް ކާމިޔާބު ކޮށްފައެވެ.
އަމިއްލަ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި، މެޗް ފެށިގެން ފަސް ވަނަ މިނެޓް ތެރޭގައި އާސެނަލް ލިޑް ނެގީ އެލެކްސިސް ސަންޗޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ތިއޯ ވޮލްކޮޓެވެ.
އެ ލަނޑަށް ސިޓީގެ ރަހީމް ސްޓާލިން އަށް ވަނި ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އާސެނަލްގެ ޕެނަލްޓީ އޭރިއާ ހުރަސް ކުރި ބޯޅައެއްގައި ގޯލް ކުރިމަތީގައި ހުރެފައި ސްޓާލިން ބޮޅުން ފޮނުވާލި ބޯޅަ ދިޔައީ އާސެނަލްގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓް ތެރޭގައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޑޭވިޑް ސިލްވާ ދިން ފުރުސަތަކުން ކާމިޔާބު ކުރީ ޖަރުމަންގެ އުމުރުން 20 އަހަރުގެ ފޯވަޑް ލެރީ ސޭން އެވެ.
ސިޓީ މެޗުން މޮޅު ކޮށްދިން ލަނޑު ކެވިން ޑި ބްރޭން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ސްޓާލިން އެވެ.