ބޭރު ކުޅިވަރު

އެސްޕަންޔޯލް ކޮޅަށް ޖެހި ލަނޑާއެކު މެސީއަށް އަނެއްކަވެސް ރެކޯޑެއް

Dec 19, 2016
1

އެސްޕަންޔޯލްގެ މައްޗަށް 4-1 ނަތީޖާއަކުން ކުރި ހޯދި މެޗުގައި ބާސެލޯނާގެ ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑާއެކު ކެޓަލޯނިއާ ޑާބީގެ ވެސް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޭނާ ގާއިމު ކޮށްފި އެވެ.

ރޭ މެސީ ޖެހި ލަނޑަކީ ކެޓަލޯނިއާ ނިސްބަތްވާ ދެ ޓީމު ކަމަށްވާ އެސްޕެނިޔޯލް އާއި ބާސެލޯނާގެ ޑާބީގައި، އޭނާ ޖެހި 15 ވަނަ ލަނޑެވެ.

މީގެ އިތުރުން މެސީ އަކީ ސްޕެއިން އާއި ދުނިޔޭގެ އެންމެ ފޯރިގަދަ ޑާބީ ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް 'އެލްކްލެސިކޯ' ގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މެސީ ވަނީ އެ ޑާބީގައި 14 ލަނޑު ޖަހާފަ އެވެ. ރެއާލް މެޑްރިޑްގެ ލެޖެންޑް އަލްފްރެޑޯ ޑި ސްޓެފާނޯވެސް ވަނީ އެ އަދަދަށް ލަނޑު ޖަހާފަ އެވެ.

މީގެ އިތުރުން މެސީ މި އަހަރު ޖެހި ލަނޑުގެ އަދަދު 51 އެރީ އެވެ. މިއީ ޔޫރަޕްގެ އެންމެ ގަދަ ފަސް ލީގްގައިވެސް އަދި މިހާތަނަށް ހާސިލު ކުރެވިފައިވާ ރެކޯޑެއް ނޫނެވެ.

"މެސީ ލަނޑު ޖެހުމުގެ ރެކޯޑަކީ އަހަރެމެންނަށް ވަރަށް ފެމިލިއާ ކަމެއް، އެއީ ވަރަށް ހާއްސަ ކަމެއް ނަމަވެސް އެއީ ކޮންމެ 15 ދުވަހަކުން ވާ ކަމެއް" ބާސެގެ ކޯޗް ލުއިސް އެންރީކޭ ބުންޏެވެ.

ބާސާގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ، މިދިޔަ ހުކުރު ދުވަހު ބާސާގެ ކޮންޓްރެކްޓް އާ ކުރި ލުއިސް ސުއަރޭޒް އެވެ. އާ ކޮންޓްރެކްޓާއެކު 2022 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ސުއަރޭޒް ބާސާގައި މަޑު ކުރާނެ އެވެ.

ބާސާގެ އަނެއް ލަނޑު ޖެހީ ޖޯޑީ އަލްބާ އެވެ. އެސްޕަންޔޯލްގެ ހަމައެކަނި ލަނޑު ކާމިޔަބު ކުރީ ޑޭވިޑް ލޯޕޭޒް އެވެ.