ރާއްޖެ ކުޅިވަރު

40 ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި ރަފާ ޖަޕާނަށް

Dec 19, 2016

އެންމެ ފަހުގެ ގައުމީ ޓޭބަލްޓެނިސް ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް އިތުރު ތަމްރީން ހެދުމަށްޓަކައި 40 ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި ޖަޕާނަަށް ހިނގައްޖެ އެވެ.

ރަފާ ޓްރެއިނިން ހަދާނީ ޖަޕާނުގެ މެޖީ ޔުނިވަސިޓީއިން ދިން ފުރުސަތެއްގައި އެ ޔުނިވަސިޓީގެ ޓްރެއިނިން ސެންޓަރު ގަ އެވެ.

ރަފާ، 13 އަކީ ގައުމީ ސީނިއާ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ޓީޓީގެ ގައުމީ ރޭންކިންގެ ދެ ވަނަ އެވެ.

ޓީޓީ އެސޯސިއޭޝަނުން ކުރިމަގަށް ވަރުގަދަ ކުޅުންތެރިން އުފެއްދުމަށް ފޯކަސް ކޮށްފައިވާ ޕްރޮގްރާމްގެ ދަށުން ރަފާ އަކީ އެ ޕްރޮޖެކްޓްގެ މުހިންމު ކުޅުންތެރިޔާ އެވެ.

މިއަހަރު ޕާކިސްތާންގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕްގައި ރަފާ ވަނީ ދެ ކެޓަގަރީއަކުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ. ގައުމީ ޗެމްޕިއަންކަން އޭނާ ހޯދީ އެމުބާރާތުގެ ވޭތުވެދިޔަ 13 އަހަރުގެ ޗެމްޕިއަން މުއިނާ މުހައްމަދު ބަލި ކުރުމަށް ފަހު އެވެ.

ރަފާ އަށް ޓްރެއިނިން ފުރުސަތެއް ތަނަވަސްވީ މެޖީ ޔުނިވަސިޓީއިން ރާއްޖެއަށް ކުރި ޓުއާއެއްގައި ރަފާގެ ކުޅުން ފާހަގަ ވުމުންނެވެ. އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ބެހޭގޮތުން ޖަޕާނުގެ ކުޅިވަރު ދާއިރާގެ އިސްފަރާތްތަކާ އެކު ވަނީ މަޝްވަރަކޮށްފަ އެވެ.