ރާއްޖެ ކުޅިވަރު

މާލޭ ލީގް އަލުން ތާރަފްކޮށް، އަތޮޅުތަކުގެ ހަތަރު ޓީމަކަށް ފުރުސަތު ދެނީ

Dec 19, 2016
1

މީގެ 10 އަހަރު ކުރިން ބޭއްވުން ހުއްޓާލީ މާލޭ ލީގް އަލުން ތައާރަފުކޮށް، އަތޮޅުތަކުގެ ތެރެއިން ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ރާއްޖޭގެ ލީގް ސިސްޓަމަށް ބަދަލުތަކެއް ގެނައުމުގެ ވިސްނަން ފަށައިފި އެވެ.

އެފްއޭއެމުން، އެންމެ ފުރަތަމަ މާލޭ ލީގް ތާރަފް ކުރީ 2000 ވަަނަ އަހަރުއެވެ. އަދި އެންމެ ފުރަތަމަ މުބާރާތް ބޭއްވީ 2001 ވަނަ އަހަރު އެވެ. ދެހާސް ހަ ވަނަ އަހަރާ ހަމަޔަށް އެ މުބާރާތް ބޭއްވުމަށް ފަހު އެފްއޭމުން އޭރު ނިންމީ އެ މުބާރާތް ހުއްޓާ ލުމަށެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން ވަނީ ހަތަރު ފަހަރަށް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މާލޭ ލީގްގައި ވާދަ ކުރާނީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމެވެ. އޭގެ ތެރެއިން ދިވެހި ލީގަށް ކޮލިފައިވަނީ ހަ ޓީމެވެ. ދިވެހި ލީގްގެ އަނެއް ދެ ޖާގަ އަށް އައިސްފައިވަނި އޭރު ބޭއްވި ޒޯން ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަފު ޓީމެވެ.

މާލޭ ލީގުން ދިވެހި ލީގަށް ނުހޮވުނު އަނެއް ދެޓީމު ލީގް ކޮލިފިކޭޝަން ބުރުގައި ވާދަ ކުރަނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފު ޓީމާ ދެކޮޅަށެވެ.

އަންނަ އަހަރު ފުޓްބޯޅަ ލީގަށް ގެނައުމަށް އެފްއޭއެމުން ވިސްނާފައިވާ ބަދަލުވެސް ގުޅެނީ އޭރުގެ އޮނިގަނޑާ ދާދި އެއްގޮތް ގޮތަކަށެވެ.

"އަޅުގަނޑުމެން ގެންގުޅޭ ވިސްނުމަކީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ މެދުގައި މާލޭ ލީގް ކުޅުމަށްފަހު، އެ ލިގްގެ ގަދަ ހަތަރު ޓީމު ދާނީ ދިވެހި ޕްރިމިއާ ލީގަށް ދެން އަތޮޅުތެރެއިން އަންނަ އަނެއް ހަތަރު ޓީމަކަށް ވާނީ ވެސް އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމު،" އަންނަ އަހަރު ފުޓްބޯޅަ ސީޒަނަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވި އެވެ.

މާލޭ ލިގްގެ އަށް ޓމުގެ ތެރެއިން ގަދަ ހަތަރެއްގައި ނުހިމެނުނު އަނެއް ހަތަރު ޓީމު ޖެހޭނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފު ޓީމާ ދެކޮޅަށް ލީގްގެ ކޮލިފިކޭޝަން ބުރު ކުޅޭށެވެ.

"ކޮލިފިކޭޝަން ބުރުވެސް ކުޅޭނީ ލީގެއް ގޮތަށް."

"މީގެ ހުރިހާވެސް ބޭނުމަކީ ސީޒަން ފޯރިގަދަ ކުރުން، އަތޮޅު ތެރެއިން އަންނަ ޓީމުގެ ސަޕޯޓަރުން ރަށު ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަންނަންޏާ މާލޭ ލީގުގެ ތީމަށްވެސް މުހިންމު ވާނެ އެ ޓީމެއްގެ ސަޕޯޓަރުން ދަނޑަށް ވެއްދުން."

އޭނާ ވިދާޅުވީ މިބަދަލަށް އޭއެފްސީގެ ލަފާވެސް ލިބިފައިވާ ކަމަށާއި އަދި އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށްވެސް ވިދާޅުވި ކަމަށެވެ.