ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކެނޑިޑޭޓުންނާއި މޮނީޓަރުންގެ މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާން ކުށްވެރިކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންނާއި މޮނީޓަރުންނަށް ފުރުސަތު ގެއްލުވާލާފައިވާ ކަމަށްބުނެ އެމްޑީޕީ އިން ނެރުނު ނޫސް ބަޔާން، އިލެކްޝަން ކޮމިޝަން (އީސީ) އިންކުށްވެރިކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ "ލޯކަލް ކައިންސިލްތަކުގެ އިންތިހާބުގެ ކެންޑިޑޭޓުންނާއި އަދި މޮނީޓަރުންނަށް އެ ފުރުސަތު ގެއްލުވާލުން އިންތިހާއަށް ކުށްވެރިކުރުން" އެ ސުރުހީގައި މިމަހުގެ 15 ވަނަ ދުވަހު އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ހަގީގަތާ ހިލާފަށް ފިތުނަ ފަސާދަ އުފެދޭ ގޮތަށް ހަގީގަތް އޮޅުވާލާފައިވާތީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އީސީން އެކަން ކުށްވެރި ކުރާ ކަަމަށެވެ.

އީސީގެ ބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަފްތާއަކު އެއްފަހަރު ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އިދާރާ ތަކުގެ އިސްވެރިން ހިމެނޭ ގޮތަށް ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާ ބައްދަލުވުންތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އެދުމުގެ މަތިން އިބްތިހާބުގައި އެކި ކަންކަމުގައި ދީފައިވާ މުއްދަތަކަށް އެކި ފަހަރު މަތިން ބަދަލު ގެނެސްފައިވާ ކަމަށެވެ.

އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފޯމު ހުށަހެޅުމުގައި ދަތިތަކެއް ހުރިކަމަށް ބަޔާންކޮށް އެމްޑީޕީން މިިދޔަ މަހުގެ 29 ވަނަ ދުވަހު އީސީ އަށް ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށް، މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިން އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް އެދި ފޯމް އިންޓަނެޓުގެ ޒަރީއާއިން ނޫންގޮތަށް ހުށަހެޅޭނެގޮތް އިންތިޒާމް ހަމަޖައްސައިދީފައިވާކަން އިލެކްޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިކޮމިޝަނުން ދެކޭގޮތުގައި ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި އަދި ދައުލަތުން ހަރަދުކުރާ މުއައްސަސާއެއްގެ ގޮތުގައިއޮވެ ސިޔާސީޕާޓީތަކުން މިފަދަ ކަމެއް ކުރުމަކީ އެއްވެސް ސިޔާސީ ޕާޓީއަކުން ކޮށްގެންވާނެ ކަމެއްނޫނެވެ." އީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަދަ ބޮޑު އިންތިހާބެއް ކުރިމަތިވެފައިވަނިކޮށް، ކޮމިޝަން ބަދުނާމުވާގޮތަށް، ދިވެހި ރައްޔިތުންގެ ހިތުގައި އެކޮމިޝަނަށް އޮންނަ އިތުބާރު ގެއްލޭފަދަ އަމަލެއް ނުހިންގުމަށާއި ކޮމިޝަނުގެ ހުރުމަތް ކެނޑޭފަދަ ގޮތަށް އަމަލުނުކުރުމަށް އެމްޑީޕީއަށް އިލްތިމާސްކޮށްފައިވެ އެވެ.