ބޭރު ކުޅިވަރު

ރޮނާލްޑޯ އާއި މެސީއަށް ނުހޯދުނު ކާމިޔާބެއް ކްރޫޒް އަށް

Dec 19, 2016
2

ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންނަކީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ. ނަމަވެސް މި ދެ ކުޅުންތެރިންނަށް ހޯދިފައި ނެތް ކާމިޔާބެއް ހާސިލު ކުރި އެހެން ކުޅުންތެރިޔަކު އެބަހުއްޓެވެ. އެއީ ވޭތިވެދިޔަ ދެ އަހަރު ތެރޭ ދުނިޔޭގެ އެންމެ ބޮޑު ހަ މުބާރާތެއްގެ މެޑަލް ކަރުގައި އަޅުވައިގެން ހުރި ކުޅުންތެރިޔެކެވެ.

ޖަރުމަންގެ މެދުތެރޭގެ މައި ތަނބު ޓޯނީ ކްރޫޒް ވަނީ މެސީ އާއި ރޮނާލްޑޯ އަށް ނުހޯދުނު ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. ކްރޫޒްގެ ނަމުގައި ކޮންމެ މަހަކަު ރެކޯޑެއް ނެތެވެ. ނަމަވެސް އޭނާ އަކީ ހުނަރާއި ފެންވަރުގެ ގޮތުން ދުނިޔޭގެ ގަދަ 10 ގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

އިއްޔެ ރެއާލް މެޑްރިޑާއެކު ހޯދި ކުލަބު ވޯލްޑްކަޕްގެ ރަން މެޑަލްއާއެކު ވޭތުވެދިޔަ ދެ އަހަރު ތެރޭ އޭނާ ވަނީ ބައިނަލްއަގްވާމީ ހަތަރު މެޑަލް ހާސިލުކޮށްފަ އެވެ. މަޝްހޫރު މޮޅު ދެ ކުޅުންތެރިންގެ ނަމުގައި މި ކާމިޔާބެއް ނެތެވެ.

ކްރޫޒްގެ މި ކާމިޔާބު ފެށިގެން އަންނަނީ 2013 ވަނަ އަހަރު ޑިސެމްބަރު މަހު ކުޅުނު ކުލަބު ވޯލްޑް ކަޕުންނެވެ. އޭރު ބަޔާން މިޔުނިކަށް ކުޅެމުން ދިޔަ ކްރޫޒް ވަނީ މޮރަކޯގެ ރަޖާ އެތުލެޓިކް ކުލާބާ ދެކޮޅަށް ކުޅުނު ފައިނަލް މެޗްގައި ކުޅެފައެވެ. އެތުލެޓިކް 2-0 ބަލިކޮށް ބަޔާން ކުލަބު ވޯލްޑް ކަޕް އުފުލާލިއިރު ކްރޫޒް އަކީ ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.

ކުލަބު ވޯލްޑް ކަޕްގެ އެ ކާމިޔާބަށް އެއް އަހަރު ނުވަނީސް ޖަރުމަންގެ ގައުމީ ޓީމާއެކު އޭނާ ދެން ކުރިމަތިލީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބަރާތާއެވެ. ބްރެޒިލްގެ ރިއޮޑީޖެނީރިއޯގެ މަރަކާނާ ސްޓޭޑިއަމްގައި އާޖެންޓީނާ ބަލިކޮށް ޖަރުމަން ވޯލްޑްކަޕް ކާމިޔާބު ކުރި އިރު ކްރޫޒް އަކީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔެ ކެވެ.

ވޯލްޑް ކަޕަށް ފަހު ކްރޫޒް ދެން ބަދަލުވީ ރެއާލް މެޑްރިޑަށެވެ. ފުރަތަމަ ކުލަބު ވޯލްޑް ކަޕަށް އެއް އަހަރުވުމުގެ ކުރިން ކްރޫޒް އަނެއްކާވެސް ދެ ވަނަ ކުލަބު ވޯލްޑް ކަޕްގެ ކަމިޔާބާ ކުރިމަތި ލިއެވެ. ރެއާލް މެޑްރިޑާއެކު މޮރަކޯގައި ބޭއްވި މުބާރާތް އާޖެންޓީނާގެ ސެން ލެރެންޒޯ ބަލިކޮށް، ރެއާލް މެޑްރިޑް ހޯދުމުގައި ކްރޫޒްގެ ހިއްސާ އޭގައި ބޮޑެވެ.

އިއްޔެ ޖަޕާނުގެ ކަޝިމާ އެންޓަލާސް ބަލިކޮށް ކްރޫޒް އޭނާގެ ބައިނަލްއަގްވާމީ ހަތަރު ވަނަ މެޑަލް ކަރުގައި އަޅުވާލއިރު، ފުރަތަމަ ބައިނަލްއަގްވާމި މެޑަލަށް ވީ ދެ އަހަރެވެ. މިއީ ކުޅުންތެރިޔަކުން ކުރު މުއްދަތެއްގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ހަތަރު މެޑަލް ހޯދި ފުރަތަމަ ފަަހަރެވެ. މިއީ މެސީ އާއި ރޮނާލްޑޯ އަށް ކެރިއަރުގައި ހާސިލު ކުރެވިފައި ނުވާ ކާމިޔާބީ އެކެވެ.