ރިޕޯޓް

ބަސްމަގު ބަދަލުވެ، އެމްޔޫއޯގެ މިސްރާބު ގެއްލުނީތަ؟

މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ކުރިމަގާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ އިދިކޮޅު އިއްތިހާދު އުފެއްދުމުގެ މުގުލުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ހަމަ ކުރިއަށް ދަނީ ދެއްތޯ،" މިހެނެވެ؛ އެ ޖަވާބަކީ ސީދާ ޖަވާބެއް ނޫނެވެ. މި ޖަވާބުން އިއްތިހާދު ކުރިއަށް ދަނީ އެމަނިކުފާނު ވެސް އެންމެ ބޭނުންވާ ގޮތަށްތޯ ސުވާލު އުފެދެ އެވެ.

އެމްޔޫއޯ އުފެއްދީ ވަރަށް ދުރު އަދި ވަރަށް ސާފު ޕްލޭންއާއެކު ކަމަށް ބުނެ އެވެ. ކުރިއަށް ގިނަ ކަންތައްތަކެއް ރާވައި، މަގު ޗާޓަކާއެކު އެވެ. ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުން ވެސް އެ އިއްތިހާދާ ގުޅުނެވެ. ޝެޑޯ ކެބިނެޓެއް ވެސް އެކުލަވާލި އެވެ. އެ އިއްތިހާދުގެ މަގު ޗާޓުން އޮތް ގޮތުން އިއްތިހާދު އުފައްދާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރާނެ އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ 2018 އިގެ ކުރިން [ރައީސް އަބްދުﷲ ޔާމީންގެ] މި ސަރުކާރު އުވާލައި، އިންތިގާލީ ސަރުކާރެއް އުފައްދަން. އެއީ 2018 ވަނަ އަހަރުގެ އިންސާފުވެރި އިންތިހާބު ކުރިޔަށް ގެންދިޔުމަށާއި ޖުޑީޝިއަރީ އިސްލާހު ކުރަން، އެ އިންތިގާލީ ސަރުކާރުގެ ވެރިޔަކަށް ފެންނަން ބޭނުން ވަނީ ޑރ. މުހައްމަދު ޖަމީލް،" އިއްތިހާދު އިފްތިތާހުކުރުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެހެނަސް މި މަގު ޗާޓް މިހާރު އެބަ އޮތްބާވަ އެވެ؟

"އެމްއޯޔޫގެ މަގުސަދުތައް ހާސިލުވަމުންދާ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ، އެއީ އެންމެ ބޮޑު އެއް ކަމަކީ ޒަމާނުންސުރެ ވެސް އަދާލަތު ޕާޓީ އާއި އެމްޑީޕީއަކީ އެއް ފިކުރަކަށް ނާދެވޭ ދެ ޕާޓީ، ނަމަވެސް މިނިވަންކަމުގެ ހިޔާލުގައި މި ދެ ޕާޓީއަކީ ވަރަށް ހިޔާލު އެއްގޮތް ދެ ޕާޓީ، ޝެއިހް އިމްރާންއަށް ވެސް އަދި އަދާލަތު ޕާޓީގެ ބޭފުޅުންނަށް މިހާރު އެމްޑީޕީއަކީ ކޮބައިކަން އެބަ އެނގޭ އަދި އަޅުގަނޑުމެންނަށް ވެސް އަދާލަތު ޕާޓީ އެބަ އެނގޭ، މިހާރު އެބަ އެނގޭ އެމްޑީޕީއަށާއި އަދާލަތު ޕާޓީއަށް އެއް ފިކުރެއްގައި މަސައްކަތް ކުރެވެން އެބަ އޮތްކަން،" މި ހަފުތާ ތެރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސިފަކުރެއްވި ގޮތުގައި އެމްޔޫއޯގެ މަގުސަދުތައް ހާސިލުވުމަކީ މިއީ އެވެ. އެހެނަސް އެމްއޯޔޫއަކީ އެއްވެސް ހާލެއްގައި އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް އެކީގައި މަސައްކަތް ކުރެވޭތޯ އަޖުމަ ބެލުމަށް ހެދި ވަރުގަދަ އިއްތިހާދެއް ނޫނެވެ. އެ އިއްތިހާދުގެ ކުރިން ވެސް ދެ ޕާޓީން ދިޔައީ އެކުގައި މަސައްކަތް ކުރަމުންނެވެ. މަސައްކަތްތަކުން ނެރުނު ނަތީޖާ ވެސް އިއްތިހާދުގެ ކުރިން މާ ކާމިޔާބެވެ.

މިހާރު އެ ހަގީގަތުން އެއްކިބާވެ ރައީސް ނަޝީދު ވެސް ވާހަކަ ދެއްކިވިޔަސް ހަގީގަތަކީ ވަރުގަދަ ޝެޑޯ ކެބިނެޓަކާއެކު އުފެއްދި އެމްއޯޔޫގެ މަގުސަދަކީ އިންތިގާލީ ސަރުކާރު ކަމެވެ. އެ އިއްތިހާދު އިފްތިތާހުކުރި ރޭ ވެސް ރައީސް ނަޝީދު ވަނީ ރައްޔިތުންނަށް އުފާވެރިކަން ލިބޭނީ އިންތިގާލީ ސަރުކާރެއް ގާއިމުވެގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު ރައީސް ނަޝީދުގެ ބަސްމަގު ވަރަށް ބޮޑަށް ވަނީ ބަދަލުވެފަ އެވެ.

"ފަލަ ސުރުހީ" ޕްރޮގްރާމްގައި ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުކުރަން އެމަނިކުފާނު ނޫޅުއްވައެވެ. ވެރިކަން ބަދަލުކުރުމުގެ ވާހަކަ އެމަނިކުފާނު ނުދައްކަވަ އެވެ. ބޭނުންވަނީ އިންސާފުވެރި އިންތިހާބެކެވެ.

"އަޅުގަނޑު އަބަދުވެސް ބަލަނީ އިންތިހާބަކުން ކާމިޔާބު ކުރެވޭތޯ، އަޅުގަނޑުމެން މި އުޅެނީ އިންތިހާބެއް ބާއްވަން، އަޅުގަނޑުމެން ނުދައްކަން ދުރުދުރުން ފޮނިތޮށި ކާފޫރު އަޅައިގެން ވާހަކައެއް، ގާނޫނީ އިމުގެ ތެރެއިން ސަރުކާރުގެ ބަދަލުކުރާށޭ މި އުޅެނީ، ސަރުކާރު ބަދަލުކުރަން އަޅުގަނޑު ވިސްނާނަމަ ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާނަން މި އުޅެނީ ސަރުކާރު ބަދަލުކުރާށޭ، އަޅުގަނޑުމެން ބޭނުން ވަނީ އިންސާފުވެރި އިންތިހާބެއް،" މިހާރު ރައީސް ނަޝީދު ވިދާޅުވަނީ މިހެނެވެ.

ދައުރު ހަމަނުވަނީސް ވެރިކަން ބަދަލުކުރެވިގެން ނުވާނެ ކަމަށް ރައީސް ނަޝީދު މިހާރު ވިދާޅުވެ އެވެ. އެމްޑީޕީގެ ސަރުކާރު 2012 ވަނަ އަހަރު ބަދަލުވުމަކީ ގޯހެކޭ ވެސް ވިދާޅުވެ އެވެ. ހަމަ އެގޮތަށް 2018 ގެ ކުރިން ރައީސް ޔާމީންގެ ސަރުކާރު ވެސް ބަދަލު ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.

"އަޅުގަނޑުމެން ލަސްތަކެއް ނުވެ މިވެރިކަން ބަދަލުކުރާނަން، ދިވެހިރާއްޖެއަށް އިންތިގާލީ ވެރިކަމެއް ގެނެސްދޭނަން،" ރައީސް ނަޝީދަށް މިހެން ވެސް ވިދާޅުވެފައިވާކަން އެމަނިކުފާނުގެ ހަނދާނުގައި ނެތީ ކަމަށް ވެދާނެ އެވެ. ރައީސް ނަޝީދުގެ ބަސްމަގު މިހާރު މުޅިން ބަދަލުވެފައިވީ ނަމަވެސް އިންތިގާލީ ސަރުކާރެއްގެ ވާހަކަ ވަނީ ދެއްކެވިފަ އެވެ. ގެންނަން ވެސް މަސައްކަތް ކުރި އެވެ.

މިހާރު ރައީސް ނަޝީދު ހަމައެކަނި އިންސާފުވެރި އިންތިހާބެއް ބޭނުންވި ނަމަވެސް އޭރު ބޭނުންވީ ރައީސް ޔާމީން ވެރިކަމުން ބާލައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެރިކަމަށް ގެނައުމަށެވެ. އަދި އެއަށްފަހު އިންތިހާބެއް ބޭއްވުމަށެވެ. ކޮންމެ ގޮތެއްވިޔަސް ޖަމީލަށް ވެރިކަމަށް ވަޑައިގަތުން އެއީ ގާނޫނީ އިމުގެ ތެރެއިން ވާން އޮތް ކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ މަގާމުން ދުރު ކުރުވައިފި ނަމަ ނޫނީ މައްސޫލިއްޔަތުތައް އަދާ ނުކުރެވޭ ހާލެތެއްގައި ވެރިކަމާ ހަވާލުވާން ޖެހެނީ ނައިބު ރައީސް އެވެ. ޖަމީލަކީ ގާނޫނީ އިމުގެ ތެރެއިން ނައިބު ރައީސްގެ މަގާމުން ދުރުކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ވެސް ނައިބު ރައީސްއަކު އެބަ ހުންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ނޫނީ އެމަނިކުފާނުގެ ނައިބު އެ މަގާމުތަކުން އެއް ފަހަރާ އިސްތިއުފާ ދެއްވައިފި ނަމަ ނޫނީ މަގާމުން ދުރު ކުރުވައިފި ނަމަ ދެ މަގާމުގެ މައްސޫލިއްޔަތުތައް އެޅޭނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިސްތަށިފުޅުގަ އެވެ. އަދި މަޖިލީހުގެ ރައީސްއަށް ވެސް އެ މައްސޫލިއްޔަތު އަދާ ކުރެވެން ނެތް ނަމަ ދެން ދައުލަތާ ހަވާލުވާނީ މަޖިލީހުގެ ނައިބު ރަައީސް އެވެ. އެއިން އެއްވެސް ފަރާތަކަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމް އަދާ ކުރެވެން ނެތް ނަމަ ރައީސްކަން ކުރައްވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ގަރާރަކުން ހޮވާ މެންބަރެކެވެ. ޖަމީލަށް ވެރިކަން ލިބޭނެ ހަމަ އެއް ގޮތް ވެސް ނެތެވެ. އިންތިގާލީ ސަރުކާރަކީ ގާނޫނު އަސާސީގައި އޮތް އެއްޗެއް ނޫނެވެ.

ގާނޫނީ އިމުގެ ބޭރުން ޖަމީލަށް ވެރިކަން ހޯއްދެއްވުމަށް ކުރިން ރައީސް ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް އެކަން ދޫކޮށްލައި ވެރިމީހާއަށް ދައުރު ފުރިހަމަ ކުރުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައިމިވަނީ ވެސް އެމްޔޫއޯގެ ނައިބު ލީޑަރު އަލީ ވަހީދު އިއްތިއުފާ ދެއްވުމާ ގުޅިގެން އެތައް ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ކަންކަން މިހެންހުރިއިރު އެ އިއްތިހާދުގެ ކުރިމަގު އޮތީ ކިހިނެއްތޯ ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ އަޑުތައް އަރަމުންދާއިރު އިއްތިހާދުގެ ފެންވަރު ފެނިގެންދާނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުން ނެރެވޭ ނަތީޖާއެއްގެ މައްޗަށް ބިނާކޮށެވެ.