ބޮލީވުޑް

"ޑަންގާލް" އަށް ޓަކައި އާމިރުގެ ބަރުދަން 90 ކިލޯއަށް ޖައްސައިފި

Mar 12, 2015

މިސްޓަ ޕާފެކަޝަނިސްޓްގެ ގޮތުގައި މަޝްހޫރު ވެފައިވާ ބޮލީވުޑްގެ  ސުޕަ ސްޓާ،  އާމިރު ޚާން ކުޅެން ތައްޔާރުވަމުން އަންނަ  ފިލްމު "ޑަންގާލް" އަށް ތައްޔާރުވާން ހަށިގަނޑަށް 22 ކިލޯ އިތުރުކޮށް ހަށިގަނޑުގެ ބަރުދަން  90 ކިލޯއަށް ޖައްސައިފި އެވެ.

އާމިރު އޭނާގެ ބަރުދަން ހާމަކޮށްފައި ވަނީ "ޕީކޭ" ގެ ޑީވީޑީ ލޯންޗް ކުރަން އިއްޔެ ބޭއްވި އިވެންޓްގެ ތެރޭގައި މީީޑިއަށް މައުލޫމަތު ދެމުންނެވެ.

ސުޕަ ހިޓް، ގިނަ ފިލްމްތައް ކުޅެފައިވާ އާމިރް ބުނީ ޑަންގާލް ގައި އޭނާ ކުޅޭ ރޯލަށް ތައްޔާރުވާން ހަށިގަނޑުގެ ބަރުދަން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ރެސްލިން އާއި ހަރްޔަންވީ ބަސް ދަސްކުރަމުން އަންނަ ކަމަށެވެ. 

"އަހަރެންމީ މިހާރު ވެޖިޓޭރިއަން އެއް. މިހާރު އަހަންނަށް ކުކުޅު ބިހެއްވެސް ނުކެވޭ. [އަހަރެންގެ ބަރުދަނުގައި މިހާރު] 90 ކިލޯ ހުރޭ. އަހަރެން ޕީކޭ ކުޅުނު އިރު ހުރީ 68 ކިލޯ،" އާމިރު ބުންޏެވެ. 

އާމިރު ޚާނަކީ އޭނާ ކުޅޭ ފިލްމުތަކަށް އަބަދުވެސް ސިފަ ބަދަލުކޮށް ތަޖުރިބާތައް ކުރާ ތަރިއެކެވެ. އޭނާގެ ސިފައަށް ބޮޑެތި ބަދަލުތައް ގެނައި ފިލްމްތަކުގެ ތެރޭގައި "މަންގަލް ޕާންޑޭ" އާއި "ގަޖްނީ" އާއި "ތަލާޝް" އަދި "ދިލް ޗާހްތާހޭ "ފަދަ ފިލްމުތައް ހިމެނެ އެވެ.

"ޑަންގާލް" އަކީ ރެސްލާ މަހާވީރް ޕޯގަތް އާއި އޭނާގެ ތިން އަންހެން ދަރިން ކަމަށްވާ ޖީތާ އާއި ބަބީތާ އަދި ސަންގީތާ ގެ ހަޔާތުގެ މައްޗައް ހަދާ ފިލްމެކެވެ. މީގެ ތެރެއިން ބާބީތާ އާއި ގީތާ  ވަނީ ކޮމަންވެލްތް ގޭމްސްގައި ރަން މެޑަލް ހޯދާފަ އެވެ.

ވަރަށް އަވަހަށް ޝޫޓިން ފަށާ މި ފިލްމުގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އެވެ.