ވިޔަފާރި

ގަވާއިދާ ހިލާފަށް ބަންގްލަދޭޝްއަށް ފައިސާ ފޮނުވާ ބަޔަކު ފަޅާ އަރައިފި

Dec 19, 2016

ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ބަޔަކު ފަޅާ އެރުމާއާއެކު، އެ ފަރާތާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް ނަގަން ޖެހޭ، މަނީ ޓްރާންސްފާ ލައިސަންސް ނެތި "ބީކޭޝް" މަނީ ޓްރާންސްފާގެ ނަމުގައި، އާއްމުން ނަށް ފެންނާ ނެހެން އިސްތިހާރުކޮށް، ފައިސާ ޓްރާންސްފާ ކުރަމުން ދިޔަ ބަޔަކު ހުއްޓުވައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ލިބުނު މައުލޫމާތަ ގުޅިގެން ފައިސާ ފޮނުވަމުން ދިޔަ ފަރާތުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކޮށްފައިވާ ކަމަށާއި، އަދި މައްސަލަ ބެލުމަށް ފަހު ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދެމުންދިޔަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުން ބުނީ މަނީ ޓްރާންސްފާގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާާ ފަރާތްތަކުގެ މައުލޫމާތު މި އޮތޯރިޓީގެ ވެބް ސައިޓް ގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ. ލައިސަންސް ނެތި މަނީ ޓްރާންސްފާގެ ހިދުމަތް ދިނުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

މިހެންކަމުން މި ފަދަ ފަރާތްތަކާ މެދު ކުރިޔަށް އޮތްތަނުގައި ވެސް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އަޅަމުންގެން ދާނެ ކަމަށެވެ. އަދި މިފަދަ ފަރާތްތަކާއި ބެހޭ މައުލޫމާތު ލިބިފައިވާނަމަ، އެކަން މި އޮތޯރިޓީ އަށް އެންގުމަށް އެމްއެމްއޭ އިން އެދިފައިވެ އެވެ.