ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ވެބްސައިޓާ ގުޅިގެން އެފްއޭއެމުން ދިނުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ފުޓްބޯލް އެވޯޑަށް" އަށް ނޮމިނޭޓް ވާވަރަށް އޭނާ އަށް ޕާފޯމް ނުކުރެވޭ ކަމަށާއި އެވޯޑަށް ޖަޖު ކުރާއިރު އިންސާފުވެރި ވާން ޖެހޭ ކަމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ މޮޅު ކުޅުންތެރިޔާ އަށް ނޮމިނޭޓް ވެފައިވާ ފަސް ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނެއެވެ. ދެން މި އެވޯޑަށް ނޮމިނޭޓް ވެފައިވަނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ޓީސީގެ އަލީ ފާސިރު (ސެންޓޭ) އާއި އެޓީމުގެ ޝަމްވީލް ގާސިމް (ބޮންޑާ) ގެ އިތުރުން އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މި އަހަރުގެ މެއި މަހާ ހަމަޔަށް މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުނު ދަގަނޑޭ އަށް ދަގނޑޭއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ޕީޑީއާރްއެމުން ބާތިލު ކުރުމުން، މި ސީޒަންގެ މެދުތެރެއިން މާޒިޔާއާ ގުޅުނު ދަގަނޑޭ ދިވެހި ޕްރިމިއާ ލީގަށް ފަހު، އަނިޔާގައި ސަބަބުން މާޒިޔާ ކުޅުނު ގިނަ މެޗްތަކެއްގައި ކުޅެފައެއް ނުވެއެވެ.
"މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވާ ވަރަށް އަހަންނަށް ޕާފޯމް ކުރެވުނު ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން." ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
"އެވޯޑް ޖަޖް ކުރުން އިންސާފު ވެރި ވުމަކީ ވަރަށް މުހިންމު ކަމެއް."
އެފްއޭއެމުން ވަނީ އެވޯޑް ރަސްމިއްޔާތު މިމަހު 29 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައެވެ.
އެވޯޑަށް ޖަޖްކުރުމަށްޓަކައި ޓެކްނިކަލް ދާއިރާގެ ތިން ބޭފުޅަކާއި ދެ ނޫސްވެރިޔަކު ވަނީ އެވޯޑްގެ ފަނޑިޔާރުންގެ ކޮމިޓީގައި ހިމަނާފައެވެ.