ރާއްޖެ ކުޅިވަރު

އެމްބީއޭގެ އާ އެކްސްކޯ ވިސްނުން ކޮން ދިމާއަކަށް؟

ބާސްކެޓް ބޯޅައިގައި ބައިނަލްއަގްވާމީ މެޑެއްޔެއް ގެނެވޭނެ ފެންވަރު ރައްޖޭގެ ބާސްކެޓްގައި ހުރި ކަމަށް ބުނާ ކިތަންމެ އެކްސްޕާޓާކު އެބަތިއްބެއެވެ. ނަަމަވެސް މިހާތަނަށް އެކަން ހާސިލުވެފައެއް ނުވެ އޮތީ އެންމެއެކަށޭނެ ފިޔަޥަޅުތައް އެޅިފައި ނެތުމުންނެވެ. މިކަން މިހެން އޮތް އިރު ދައުރު ހަމަވީ އިރުވެސް އިންތިހާބު ނުބޭއްވި ތަފާތު އެތައް މައްސަލަތަކެއް ފެންމަތިވެ އިންތިހާބުގެ މައްސަލަ ދިގުލައިގެން ދިއުމަށްފަހު އެމްބީއޭގެ އެކްސްކޯގެ ހުރިހާ މަގާމުތަކަށް މިހާރު ވަނީ މެންބަރުން އިންތިހާބުވެފައެވެ.

އިންތިހާބުވި އާ އެކްސްކޯގެ އަމާޒަކަށް ވާނީ އަވަސް ފިޔަވަޅުތަކެއް އަޅައި ބައިނަލްއަގްވާމީ ލެވަލްގައި ކާމިޔާބު ހޯދޭނެ ފެންވަރަށް ރާއްޖޭގެ ބާސްކެޓްބޯޅައިގެ ވެށި ބަދަލު ކުރުމެވެ. ނަމަވެސް އިންތިހާބުވި ފަހުން މިއަދާ ހަމަޔަށް ދެ މަސް ފާއިތުވެގެން ދިޔައިރު ވެސް ހަރަކާތް ކޮށްލެވޭނެ ހަލާތަކަށް އެކްސްކޯ އައިސްފައެއް ނުވެއެވެ. ހިންގާ ކޮމިޓީގެ ރައީސްގެ އިންތިހާބުގެ ބަހްސްގައި ހަދާނެ ވަކި ގޮތެއް ނޭނގި މުއައްސަސާތަކުގެ ނިންމުން ދިގުލައިގެން ގޮސް، ވަކި ގޮތެއް ނިމުނީވެސް އިންތިހާބު ވުމަށްފަހު ދެ މަސްވާން ކައިރިވެފައި ވަނިކޮށެވެ. ދެން އޮތީ މަސައްކަތްތައް ފަށައިގަތުމަށް ތައްޔާރުވުމެވެ.

"އަދި މިހާތަނަށް ފުރިހަމަ އެކްސްކޯ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކުރެވޭ، މަސައްކަތް ފަށައިގަނެވޭނީ ރަޖިސްޓްރީ ވުމަށްފަހު އެކްސޯގެ ބައްދަލު ވުމެއް ބޭއްވިގެން ނަމަވެސް އިންތިހާބުގެ ދުވަސްވަރު ވެސް އަޅުގަނޑުމެންގެ ވިސްނުންތަކެއް ހުރި އެކްސްކޯއަށް އެވިސްނުންތައް ގެނެސް މަޝްވަރާ ކުރުމަށްފަހު މަސައްކަތްތައް ރަސްމީކޮށް ފަށައިގަންނާން" އެމްބީއޭގެ މިހާރުގެ ޖެނަރަލްސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވި އެވެ.

އެމްބީއޭގެ އާ އެކްސްކޯގެ ވިސްނުމުގައި އެންމެ ބޮޑު އިސްކަމެއް އޮތީ ގްރާސް ރުޓް ޑިވެލޮޕްމެންޓް ޕްރޮގްރާމަށާއި ގައުމީ ޓީމުތައް ހަރުދަނާ ކުރުމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް އެއީ ކުޅިވަރު ކަލަންޑަރު ޖަގާ ލިބޭނަމަ އިތުރު ދެ މުބާރާތެއް ހިމެނުން އެއް މުބާރަތަކީ ސީދާ ޔޫތު ޑިވްލަޕްމެންޓަށް އަމާޒުކޮށްގެން ޒުވާން ކުޅުންތެރިނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް. އަނެއް މުބާރަތަކީ ހަފުތާ ބަންދުގައި މެޗްތައް ކުޅޭ ގޮތަށް ލީގެއް އެކުލަވާލުން މީގެ ބޭނުމަކީ ދެ މުބާރަތް ދެމެދުން ޓީމުތަކަށް އިތުރު ވޯމްއަޕެއް ތަނަވަސް ކޮށްދިނުން."

ދެން އޮތީ ގައުމީ ޓީމު ހަރުދަނާ ކުރުމެވެ. ނަމަވެސް ގައުމީ ޓީމު ހަރުދަނާ ކުރުމުގެ ދާއިރާގައި އެންމެ އެކަށޭނެ ފިޔަވަޅު އެޅިފައެއް ނެތެވެ. އެންމެ ފުރަތަމަ ކަމަކީ ގައުމީ ޓީމަށް ދާއިމީ ކޯޗަކު ނެތުމެވެ. ކޯޗެއް ކަނޑައަޅަނީ ބައިނަލްއަގްވާމީ މުބާރާތަކަށް ދާން ކައިރިވުމުން ޕްރެކްޓިސް ފަށާ ހިސާބުންނެވެ.

މިއަހަރު ބޭއްވި ސަބާ ޒޯން ކޮލިފިކޭޝަން ފިޔަވައި މިހާތަނަށް ހުރިހާ މުބާރާތަކަށް ރާއްޖެއިން ގޮސްފައިވަނީ ދިވެހި ކޯޗަކު ހުރެގެން ނެވެ. ނަމަވެސް ދިވެހި ކޯޗުންނަށް ޓެކްނިކަލީ އެންމެ ރަނަގަޅު ފިޔަވަޅު އަޅަން ނޭގުމުން ރާއްޖޭގެ ނަތީޖާތައް ވެސް ފެނުނީ ދަށްކޮށެވެ. ސަބާ ޒޯން ކޮލިފިކޭޝަން ބުރުގެ ދެ ވަނަ ހޯދިއިރު ރައްޖޭގެ ގައުމީ ކޯޗްކަން އެމްބީއޭ އިން ހަވާލު ކުރީ ރެޑްލައިން ސްޕޯޓްސް ކުލަބުގެ ކޯޗް މާކޯ ޕިލޮލޮވިޗަށެވެ. ކުޑަ ދުވަސް ކޮޅެއްގެ ފަރިތަ ކުރުމާއެކު އޭނާއާއެކު ހޯދި ކަމިޔާބު ރަނގަޅު ކަމަށް ބުނަން ޖެހެއެވެ.

"ދިވެހި ކޯޗަކު ގައުމީ ޓީމަށް ހަމަޖައްސައިގެން މިދަނީ، ވަރަށް ރަނގަޅަށް ކުޅެފަ ވެސް ރާއްޖެ މުހިންމު މެޗްތަކުން ބަލިވެފައި އެބަހުރި ދިވެހި ކޯޗުންނަށް ޓެކްނިކަލީ އަޅަންޖެހޭ އެންމެ ރަނގަޅު ފިޔަވަޅު ނޭޅޭތީ. ޓީމުގައި ތިބި މުހިންމު ކީ ބައެއް ކުޅުންތެރިންނަކީ ގިނަ ފަހަރަށް އެ ކޯޗަކަށްވުރެ ބޮޑަށް ޓެކްނިކަލީ އަޅަންޖެހޭ ފިޔަވަޅު އެނގޭ ކުޅުންތެރިން. ނަމަވެސް ބޭރުގެ ކޯޗަކު ހުރުމުން ތަފާތުވޭ، އޭގެ ހެއްކެއް މިފަހަރު ސަބާ ޒޯން ކޮލިފިކޭޝަން އާރްއެލްސީ ކޯޗް ގޮވައިގެން ގޮސް ކުރި މަސައްކަތް ވަރަށް ރަނގަޅު." ރާއްޖޭގެ ބާސްކެޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ.

ގައުމީ ޓީމުގެ ކަންކަން ހަރުދަނާ ކުރުމަށް އެޅޭނެ ފިޔަވަޅުތަކެއް އެމްބީއޭގެ އާ އެކްސްކޯގެ ވިސްނުމުގައި އެބަހުއްޓެވެ. އެއީ ދާއީމީ ކޮށް ކޯޗަކު ބަހައްޓާހިގެން ޓީމުގެ ސިލެކްޝަންނާއި ގައުމީ ޓީމު ޑިވްލަޕްމެންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ.

"ވިސްނުމަކީ ބޭރުގެ ކޯޗަކާ ހަމަޔަށް ދިއުން ތިނެއް ނުވަތަ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ބޭރު ކޯޗަކު ހަމަޖައްސައި އެކޯޗްގެ ބެލުމުގެ ދަށުން ޓީމުގެ ކަންކަން ކުރިއަށް ގެންދިއުން، ކޮންމެ ފަހަރަކު މުބާރަތާކަށް ދާންވީމަ އާ ކޯޗަކު ހަމަޖެއްސުމުގެ ބަދަލު ކާމިޔާބު ކަމާއެކު މިކަން ގެންދެވޭނެ ގޮތަކީ މިއީ، އެކްސްގެ މަސައްކަތްތައް ހިންގޭނެ ހައިސިއްޔަތު ލިބުމުން މިކަންކަމަށް އެޑްރެސް ކުރާނަން." ވިޝާމް ވިދާޅުވިއެވެ.

އާ އެކްސްކޯއާއެކު ދިވެހި ބާސްކެޓްބޯޅަ ހަމަޖެހުމެއް އައިސް ކާމިޔަބު ކަމާއެކު ކުރިއަށް ގެންގޮސްދިނުމަކީ ކޮންމެ ދިވެއްސެއްގެވެސް އުންމިދެވެ.