ފަނަރަ ބަހަކަށް ތަރުޖަމާ ކުރެވޭ ގޮތަށް، ވިޒިޓް މޯލްޑިވްސް ސައިޓަށް ބޮޑު ބަދަލެއް ގެނެސް އާ ވެބްސައިޓް ތައާރަފު ކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ވިޒިޓް މޯލްޑިވްސް" ގެ އާ ވެބްސައިޓު ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިިނިސްޓަރު މޫސާ ޒަމީރު އެވެ.
މި ރަސްމިއްޔާތުގައި ރާއްޖެ ޕްރޮމޯޓް ކުރާ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ހާރިޝް މުހައްމަދު ވިދާޅުވީ މި އަހަރަކީ ޓޫރިޒަމް މާކެޓު ކުރަން ގިނަ މަސައްކަތް ތަކެއް ކުރެވުނު އަހަރެއް ކަމަށާއި، އަދި އަންނަ އަހަރަށް ވެސް ކަންތައް ތަކެއް ރާވާފައިވާ ކަމަށެވެ. މިގޮތުން އާ ވެބްސައިޓަށް ބޮޑު ބަދަލެއް ގެނެސް ތައާރަފު ކުރުމުގެ މައިގަނޑު ބޭނުމަކީ ޕްރޮމޯޓް ކުރުން ވަރުގަދަ ކުރުން ކަމަށް ވިދާޅުވި އެވެ.
"ވެބްސައިޓަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ކުރިން އެއް ބަހުން ތަރުޖަމާ ލިބުން އޮތް އޮތުން މިހާރު 15 ބަހަކަށް ބަދަލުވުން މީގެ އިތުރުން ވެބްސައިޓު ބޭނުންކުރާ މީހުނާ ރަހުމަތްތެރި ބަދަލު ތަކެއް ވަނީ ގެނެވިފައި،" ހާރިޝް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީން ވަނީ އާ ވެބްސައިޓުގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. އާ ސައިޓުގައި އިޝްތިހާރު ކުރުމަށް ޕްރިމިއަމް ޕެކޭޖަކާއި ޕްލެޓިނަމް ޕެކޭޖެއް އަދި ބޭސިކް ޕެކޭޖެއް ތައާރަފު ކޮށްފައިވެ އެވެ.
މި ރަސްމިއްޔާތަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ވިޒިޓް މޯލްޑިވްސް ސައިޓަށް ގެނެސްފައިވާ ބޮޑު ބަދަލާއެކު ވެބްސައިޓް އިތުރަށް ފުރިހަމަވެފައިވާ ކަމަށެވެ.
"ބައެއް ޓާގެޓް މާކެޓުތަކުގައި ލޭންގުއޭޖުން އޮފިޝަލް ވެބްސައިޓެއް ނެތުމުގެ މައްސަލަ ދިމާވޭ، ނަމަވެސް 15 ބަހުން ވެބްސައިޓް ތަރުޖަމާ ކުރެވޭ ގޮތަށް ހަމަޖެހުމުން އެ މައްސަލަ ހައްލު ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ދަނީ ރާއްޖެ ޕްރޮމޯޓް ކުރުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މި އަހަރު ގިނަ ފެއާތަކެއްގައި ވެސް ބައިވެރިވެފައިވެ އެވެ.