މިދިޔަ އަަހަރު މެދުތެރެއިން އިންތިހާބު ކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ބޯޑަށް ޕާފޯމް ނުކުރެވުމުން، ބޯޑް އުވާލުމަށްފަހު އަލުން އިންތިހާބެއް ބާއްވަން ނިއު އިން އިއުލާން ކޮށްފި އެވެ.
އަންނަ މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ވެސް އެ ކުލަބުން ވަނީ ހުޅުވާލާފަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ. ބޯޑުގެ ނުވަ މަގާމަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.
"ބޯޑުން ނިންމީ އެބޭފުޅުންނަށް [މިހާތަނަށް ތިއްބެވި ބޭފުޅުންނަށް] ކުލަބު ނުހިންގުނު ކަމަށް އެހެންވެ ބޯޑު އުވާލުމަށްފަހު އާ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އިންތިހާބަކަށް ހުޅުވާލީ" ނިއުރޭޑިއަންޓްގެ ޖެނަރަލް ސެކެޓްރީ އަހުމަދު ނިޔާޒު ވިދާޅުވި އެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރެއިން މި އަހަރަކީ ނިއުރޭޑިއަންޓް އެނެމެ ދަށްކޮށް ދިޔަ އަހަރެވެ. ޓީމުގައި ތިބި މުހިންމު ކުޅުންތެރިން ޓީމުގައި ނުހިފެހެއްޓުނު އިރު، ތިބި ކުޅުންތެރިންނަށް މުސާރަ ނުދެވި ދިޔަ ދުވަސް ވަރެއް ވެސް ދިޔައެވެ.
މިދިޔަ އަހަރުގެ ލީގް ޗެމްޕިއަން ހައިސިއްޔަތުން، މި އަހަރު ސީޒަނާ ކުރިމަތިލި ނިއު އަށް މިއަހަރު ދިޔައީ ދަށް ކޮށެވެ. ސިޒަން ހުސްއަތާ ނިންމާލިއިރު، ދިވެހި ޕްރިމިއާ ލީގްގައި ރަނގަޅަށް ޕާފޯމް ނުކުރެވުމުން ރެލިގޭޝަން ޒޯނަށް ވެއްޓިދާނެ ކަމުގެ ބިރުވެސް އެޓީމަށް ކުރިމަތިވި އެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން ނިއުރޭޑިއަންޓަކީ އެންމެ އަވަހަށް ކޯޗުން ބަދަލު ކުރި ޓީމެވެ. އެޓީމުން ވަނީ މިދިޔަ ތިން އަހަރު ތެރޭ ފަސް ކޯޗުންނާ ޓީމު ހަވާލު ކުރި އެވެ.
ނިއު އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުގެ އިތުރުން އެންމެ ސަޕޯޓަރުން ގިނަ ޓީމުވެސް މެއެވެ. ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް އެހެން ކުލަބަކަށް ނުހޯދޭ ބޮޑު ހަތަރު ކާމިޔާބެއް ނިއު އިން ވަނީ ހާސިލު ކޮށްފައެވެ.
ނިއުރޭޑިއަންޓް ރާއްޖޭގެ ފުޓްބޯޅައިގައި ހޯދާފައިވާ ބޮޑެތި ކާމިޔާބު ތައް
1987 : ދެކުނު އޭޝިއާގެ މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމު ތަމްސީލު ކުރުން
1997 : ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުން
2005 : އޭއެފްސީ ކަޕް ސެމީ ފައިނަލަށް ދަތުރު ކުރުން
2013 : ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުން