ރާއްޖެ ކުޅިވަރު

ރާއްޖޭގެ ފުރަތަމަ މެޗް ނޭޕާލާ ދެކޮޅަށް، މާދަމާ

Dec 21, 2016

ބަންގްލަދޭޝްގެ ވެރިރަށް ޑާކަގައި މާދަމާ ފަށާ އޭޝިއާގެ ސެންްޓްރަލް ޒޯން ވޮލިބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ނޭޕާލާ ވާދަ ކުރަން ޖެހިއްޖެ އެވެ.

ކޮންމެ ދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖެ މާދަމާ ކުޅޭނީ ދެ ވަނަ މެޗުގަ އެވެ. މުބާރާތް ހުޅުވައިދޭނީ ބަނގުލަދޭޝް އާއި އަފްގާނިސްތާނެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ވާދަ ކުރަން ޖެހޭނީ ކިރިގިސްތާނާ ދެކޮޅަށެވެ.

އާދިއްތަ ދުވަހު ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ފަހު މެޗުގައި ބައްދަލު ކުރާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މާދަމާ ފިޔަވައި ލީގް އެހެން މެޗުތައް ކުޅޭނީ ކޮންމެ ދުވަހަކުވެސް ރާއްޖޭ ގަޑިން މެންދުރު ފަހު 2:00 ގައާއި ހަވީރު 4:00 ގައެވެ. ފުރަތަމަ ދުވަހުގެ ފުރަތަމަ މެޗު އޮންނާނީ ރާއްޖޭގަޑިން މެންދުރު ފަހު 3:00 ގައެވެ. ދެވަނަ މެޗް އޮންނާނީ 5:00 ގައެވެ.

މުބާރާތުގެ ޗެމްޕިއަން ކަން ލިބޭނީ ލީގެއް ގޮތަށް ކުޅުމަށްފަހު އެއް ވަނަ އާއި ދެ ވަނަ ޓީމުގެ މެދުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ތިން ވަނަ ޓީމު ކަނޑައެޅިގެންދާނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ ޓީމާ ދެމެދު ކުޅޭ މެޗުން ނެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

ރާއްޖެ އަކީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޓީމެވެ.