ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި މާދަމާ ފަށާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއަށް ރަން މެޑަލް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ގައުމީ ޓީމުގެ ކޯޗް ސްރީލަންކާގެ ސިސަރަ ކުމާރަ ވެންޑަކުން ބުނެފި އެވެ.
"ރަން މެޑަލް ނު ހޯދެންވީ އެއްވެސް ސަަބެއް ނެތް، ފިޒިކަލީ، މެންޓަލީ އަދި ޓެކްނިކަލީ ގޮތުންވެސް ކުޅުންތެރިން މުބާރާތަށް ތައްޔާރު ވެއްޖެ، ފެންނާނެ މިހާރު ކުޅުންތެރިން ކުޅެމުން ދަނީ ވަރަށް ވަރުގަދަ ގޭމެއް،" ބަންގުލަދޭޝްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަރިތަކުންތަކުގައި ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަމުން ލަންކާގެ ކުރީގެ ގައުމީ ކޯޗުކަން ވެސް ކޮށްފައިވާ ވެންޑަކުން ބުންޏެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވެންޑަކުން އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމު ވަނީ ލަންކާގައި ޓްރެއިނިން ކޭމެޕެއް ކުރިއަށް ގެންގޮސްފަ އެވެ.
ވެންޑަކުން ބުނީ ލަންކާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕް ގައި ދިވެހި ކުޅުންތެރިންނަށް ފުރިހަމަ ނުވެ ހުރި ކަންކަމަށް ފޯކަސް ކޮށްގެން ޓްރެއިނިން ކުރިއަށް ގެންދިޔަ ކަމަށެވެ.
"އަހަންނަށް ފާހަގަ ކުރެވުނީ ކްއިކް އެޓޭކް ތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ މައްސަލަތައް ހުރި ކަމަށް ސްރީލަންކާގެ ޓްރެއިނިން ކޭމްޕް ގައި އެކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރިން މިހާރު ކްއިކް އެޓޭކް ތަކުގައި ވެސް ކުޅުންތެރިން ވަރަށް ރަނގަޅު އަދި ކޮމްބިނޭޝަންގައި ވެސް ކުޅުންތެރިން ރަނގަޅު ލަންކާގެ ޓްރެއިނިން ކޭމްޕްގައި އަހަންނަށް ފާހަގަ ކުރެވުނީ މިހާރު މިތިބަ 12 ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު 12 ކުޅުންތެރިން ކަން."
އޭނާ ބުނީ ރާއްޖެ އަށް އެންމެ އުނދަގު ވަނީ ބަނގުލަދޭޝްއާ ދެކޯޅަށް ކުޅޭ މެޗްކަމަށާއި އެއީ އެ ސްޓޭޑިއަމްގެ މާހައުލު އޮތް ގޮތުން ސަޕޯޓަރުންގެ އަޑު ގަދަ ވުމުގެ ސަބުން އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް އެކަމަށްވެސް ކުޅުންތެރިން ވިސްނާނެ ކަމަށެވެ.