ރާއްޖެ ކުޅިވަރު

ކީޕަރު އިމްރާން ނިއު ރޭޑިއަންޓަށް؟!

Dec 21, 2016
1

މިދިޔަ ދެ ސީޒަންގައި މާޒިޔާ ސްޕޯޓްސް ކުލަބަށް ކުޅުނު ރާއްޖޭގެ އެއް ވަނަ ގޯލް ކީޕަރު އިމްރާން މުހައްމަދު އަންނަ ސީޒަންގައި ނިއުރޭޑިއަންޓާ ގުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން އަވަސް އަށް ކަށަވަރު ކޮށްދީފި އެވެ.

މި ހަބަރު ފެތުރިފައިވާއިރު އަންނަ އަހަރު ނިއރޭޑިއަންޓާ އަލަށް ގުޅޭ ތިން ކުޅުންތެރިޔަކު ސޮއި ކުރުމަށް ސޯލްޓް ކެފޭގައި ރަސްމިއްޔާތެއް މިއަދު ބާއްވަ އެވެ. އިމްރާން ނިއު އަށް ސޮއި ކުރާނީ އެ ރަސްމިއްޔާތުގައިތޯ ނުވަތަ ނޫންތޯ އެއް މިހާތަނަށް އެނގިފައެއް ނެތެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މީގެ ކުރިންވެސް ނިއު އަށް ކުޅުނު އިމްރާން ވަނީ އަންނަ ސީޒަންގައި އެކުލަބަށް ސޮއި ކުރަން އެއްބަސްވެފަ އެވެ.

އިމްރާން އޭނާގެ ކެރިއާ ފެށީ ކުލަބު އީގަލްސްއިންނެވެ. އެއަށްފަހު ނުވަ އަހަރު ވަންދެން ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުމަށް ފަހު ދެން އޭނާ ބަދަލުވީ ވީބީ އަށެވެ. އޭނާ ނިއުރޭޑިއަންޓަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. އެ އަހަރު އިމްރާން އަށް ދުނިޔޭގެ ސަމާލުކަން އޮހުނީ ސައްޕަކުން ގޯލް ޖެހުމުންނެވެ. އޭނާ ގޯލް ޖެހީ އެ އަހަރު ޕްރެޒިޑެންޓް ކަޕްގައި ވިކްޓްރީ ކޮޅަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނިއު ސީޒަންގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގައި އިމްރާންގެ މުހިންމު ދައުރެއް އޮތެވެ. އެއަހަރު އެ ތީމުގެ ކެޕްޓަން ކަންވެސް ކުރީ އޭނާ އެވެ.

އޭޝިއަން ކަޕް ކޮލިފައިން އަށް ރާއްޖެ ގެންގޮސް ދިނުމަށްފަހު އިމްރާން ވަނީ 13 އަހަރު ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.