ރާއްޖެ ކުޅިވަރު

އިމްރާންގެ އިތުރުން ސެންޓޭވެސް ނިއު އަށް!

Dec 21, 2016

ރާއްޖޭގެ އެއް ވަނަ ގޯލް ކީޕަރު އިމްރާން މުހައްމަދ އަދި އަލީ ފާސިރު (ސެންޓޭ) އަންނަ ސީޒަންގައި ނިއު އަށް ކުޅެން ސޮއިކޮށްފިއެވެ.

މީގެ ކުރިންވެސް ނިއު އަށް ކުޅެފައިވާ ދެކުޅުންތެރިން ނިއު އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

"އަޅުގަނޑު އެންމެ ކުރިންވެސް ސަޕޮޓް ކުރާ ޓީމަކީ ނިއު މި ކުލަބަށް އަލުން އާދެވުނީމަ ވަރަށް އުފާވޭ، ނިއު ދޫކޮށް ދިޔައީމަ ހީވީ ގައިން އެއްބައި މަދުވިހެން،" މިދިޔަ ދެ އަހަރު މާޒިޔާ އަށް ކުޅުނު އިމްރާން ބުންޏެވެ.

"މި އަހަރު ފުޓްބޮޅަ ސީޒަންގައި މާޒިޔާއިން އަޅުގަނޑަށް ދިން އެއްބާރު ލުމަށް އެ ކުލަބުގެ މެނޭޖްމެންޓަށް ޝުކުރު އަދާ ކުަރަން."

ސެންޓޭ އާއި އިމްރާން އަކީ ނިއު އަށް2013 ވަނަ އަހަރު ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާޜާތެއް ކާމިޔާބު ކުރިއިރު، އެޓީމުގައި މުހިންމު ދައުރެއް އަދާ ކުރި ދެ ކުޅުންތެރިންނެވެ.

ސެންޓޭ އަލުން ނިއުއާ ގުޅުނީ މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުމަށް ފަހު އެވެ. ޓީސީގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިއަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް އެންމެ ބޮޑަށް ވާދަ ކުރާ ސެންޓޭ ވަނީ ނިމިދިޔަ ސީޒަންގައި 34 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ޔަގީން ކޮށްފައެވެ.