ހޮލީވުޑް

ލިއަމް ނީސަންގެ އެންމެ ފަހުގެ އިންޒާރު: އެކްޝަން ފިލްމު ކުޅުން ހުއްޓާލަނީ!

"އެހެން ވެއްޖެއްޔާ، އައި ވިލް ފައިންޑް ޔޫ. އެންޑް އައި ވިލް މޭކް ޝުއާ ޔޫ ނެވާ ރިޓަޔާ ފްރޮމް އެކްޝަން މޫވީސް."

އެއްގޮތަށް ވެސް މިއީ އެ އިންޒާރެއް ނޫނެވެ. ނަމަވެސް ހޮލީވުޑްގެ އެކްޝަން ތަރި، ލިއަމް ނީސަން ބުނަނީ އޭނާގެ އެކްޝަން ފިލްމު ކެރިއަރުގައި ބާކީ ދެން އޮތީ ދެ ތިން އަހަރު ކަމަށެވެ.

އެއަށް ފަހު އެކްޝަން ފިލްމު ކުޅުން ހުއްޓާލާނީ ކަމަށެވެ. ކޮންމެއަކަސް، މިއީ، ނީސަން އާއި އޭނާގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް އޮތް "ނަހޫ-ސްޓައިލް" ގެ ޚަބަރެކެވެ.

"ފަހަރެއްގައި ދެ ތިން އަހަރު. އެވެސް މާތް ރަސްކަލާނގެ ރަހުމަތްފުޅުން ގަދަވެ ސަލާމަތުން ހުރެއްޖެ ނަމަ،" ދަ ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި 62 އަހަރުގެ ނީސަން ބުންޏެވެ.

"އަހަންނަށް ހީވަނީ ދެ އަހަރު ފަހުން އަހަރެން ދެން އެކްޝަން ފިލްމެއް ނުކުޅޭނެހެން."

ނީސަން ބުނަނީ ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށެވެ.

ހޮލީވުޑްގައި ނެތް ވަރުގެ އެކްޝަން ތަރިއެއްގެ ގޮތުގައި ނީސަން މިފަހުން މަޝްހޫރުވެގެން ދިޔައީ އޭނާގެ މަޝްހޫރު އެކްޝަން ފިލްމު ޓްރިލޮޖީ "ޓޭކަން" ގެ ކާމިޔާބީއާ ގުޅިގެންނެވެ. ނަމަވެސް އޭގެ ކުރިން ވެސް އޭނާ އަކީ ހޮލީވުޑްގެ މަޝްހޫރު އެކްޝަން ފިލްމުތަކުން ފެނިގެން ގޮސްފައިވާ މޫނެކެވެ.

އެހެން ނަމަވެސް ނީސަން ވެސް އެ އިޝާރާތްކުރި ފަދައިން މިފަހުން އޭނާ ކުޅެފައި ވަނީ މުޅިން ވެސް އެއް ވައްތަރެއްގެ އެކްޝަން ފިލްމުތަކެވެ. އެގޮތުން "ޓޭކަން" ގެ ތިން ފިލްމާއި "ނޮން-ސްޓޮޕް" އަދި "އަންނޯން" އާއި މިހާރު ޕްރޮމޯޓްކުރަމުން އަންނަ "ރަން އޯލް ނައިޓް" ފާހަގަކޮށްލެވެ އެވެ.

މި ފިލްމުގައި ވެސް އޭނާ ކުޅެފައި ވަނީ "ޕަޓިކިއުލާ ސެޓް އޮފް ސްކިލްސް" ތަކެއް ލިބިފައިވާ ކުޅަދާނަ ހިޓްމޭންއެއްގެ ރޯލެވެ. މިފަހަރު ނީސަން ނުކުންނަނީ އޭނާގެ ކުރީގެ ބޮސްގެ ދުވަސް ދުއްވާލުމަށެވެ. މި ފިލްމުގައި އޭނާގެ ކުރީގެ ބޮސްގެ ރޯލު ކުޅެނީ އެޑް ހެރިސް އެވެ.

ފިލްމު ޕްރޮމޯޓްކުރަމުން އަންނަ ނީސަން ބުނީ "ޓޭކަން" ގެ ކާމިޔާބީއާ އެކު ނިކަން ހިތްހަމަޖެހޭ ހިސާބަކަށް އެކްޝަން ފިލްމުތަކާ އެކު ހޮލީވުޑްގައި މިހާރު އާދެވިފައިވާ ކަމަށެވެ.

"ޓޭކެން 3" ޕްރިމިއާކުރިއިރު ވެސް އެކްޝަން ފިލްމު ކުޅުން ހުއްޓާލަން އުޅޭ ކަމުގެ އިޝާރާތެއް ނީސަން ދިނެވެ.

އަޔަލޭންޑްގެ މި އެކްޓަރު ދުނިޔެ އަށް މަޝްހޫރުވީ ސްޓީވެން ސްޕީލްބާގްގެ މަޝްހޫރު ފިލްމު "ޝިންޑްލާސް ލިސްޓް" ގެ ލޯޑް ރޯލުންނެވެ. އެއީ 1993 ވަނަ އަހަރު އޮސްކާ ގެންދިޔަ ފިލްމެވެ.

އެއަށް ފަހު "ސްޓާ ވޯސް" އާއި "ބެޓްމޭން ބިގިންސް" އަދި "ކްލޭޝް އޮފް ދަ ޓައިޓޭންސް" އާއި "ކްރޯނިކަލްސް އޮފް ނާނިއާ" ފަދަ މަޝްހޫރު އެތައް ފިލްމެއްގެ ޝްހޫރު ކެރެކްޓާތައް ނީސަން ކުޅެފައިވެ އެވެ.

ކުރިއަށް ހުރި އޭނާގެ އާ ފިލްމުތަކަށް ބަލާއިރު ބިރުވެރި ފިލްމު "އަ މޯންސްޓާސް ކޯލް" އާއި މާޓިން ސްކޯސޭސީ ޑައިރެކްޓްކުރާ ފިލްމު "ސައިލެންސް" ވެސް ފާހަގަކޮށްލެވެ އެވެ.