ދިވެހި ސިނަމާ

ނިއުމާގެ ތަރި އެންމެ ފަހުން އޮއްސުނީތަ؟

Dec 22, 2016
6
ނިއުމާ މުހައްމަދު - އަވަސް ފޮޓޯ: އަފްޝީން ނަސީރު
0%
0%
0%

ރޭގެ ފިލްމު އެވޯޑްސް ހަފުލާގައި ބަތަލާ ނިއުމާ މުހައްމަދު ބައިވެރިވީ ވަރަށް ވެސް ބޮޑު އުއްމީދުތަކަކާ އެކުގަ އެވެ. އޭނާގެ އެންމެ ބޮޑު ހުވަފެނަކަށް ވެފައި އޮތީ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ތިން ވަނަ ފަހަރަށް ކާމިޔާބު ކުރުމެވެ.

އެވޯޑް ލިބޭނެ ކަމުގެ އުއްމީދު ބޮޑުވީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ދެ ފިލްމެއްގެ ވަރުގަދަ ދެ ރޯލަކުން ނޮމިނޭޓްވެފައި އޮތުމުން ކަމަށް ވެސް ވެދާނެ އެވެ. އެހެންކަމުން، ބަލިކޮށް އުޅެމުން ވެސް ރޭގެ އެވޯޑް ހަފުލާގައި ނިއުމާ ބައިވެރިވި އެވެ.

ނަމަވެސް ރާއްޖޭގެ އެންމެ މަޝްހޫރު އަދި ކުޅަދާނަ ބަތަލާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނިއުމާ ރޭގެ ހަފުލާ ނިންމާލީ ހުސްއަތާ އެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އެވޯޑަކަށް ނޮމިނޭޓްވެ ނިއުމާ ބަލިވި ފަހަރެއް މިނޫނީ ނުދެ އެވެ.

ރޭގެ ހަފުލާގައި ނިއުމާ ވަނީ ހަފުލާ އެއްކޮށް ނުނިމެނީސް ދަރުބާރުގޭ ދޫކޮށް ގޮސްފަ އެވެ. އޭނާ ނުކުމެގެން ދިޔައީ އެވޯޑް ނުލިބިގެން ހިތްހަމަނުޖެހިގެންނެއް ނޫނެވެ. އޭނާ މި ދުވަސްކޮޅު އުޅެނީ ފައިގެ އޮޕަރޭޝަނެއްކޮށްގެން ކުޑަކޮށް ބަލިވެ އެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނިއުމާ ވާދަކުރީ "މިހަށިން ފުރާނަ ދަންދެން" އާއި "ސަޒާ" އިންނެވެ. މި އެވޯޑް ގެންދިޔައީ ބޮޑެތި ހުރިހާ އެވޯޑްތަކެއް ވެސް ރޭ ލިބުނު ފިލްމު "ލޫދިފާ" ގެ ބަތަލާ މަރިޔަމް އަފީފާ އެވެ. މި އެވޯޑާ އެކު އެންމެ މޮޅު އެކްޓްރެސްގެ ރޭހުގައި ގައުމީ އެވޯޑްސްގައި އަފީފާ މިހާރު ނިއުމާއާ އެއްވަރުވީ އެވެ.

އަފީފާ އަށް ވަނީ "ވާލޯބި އެނގޭނަމަ" އިން ވެސް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބިފަ އެވެ. ނިއުމާ އަށް މީގެ ކުރިން މި އެވޯޑް ލިބިފައި ވަނީ "ކަލާޔާނުލާ" އާއި މިދިޔަ އަހަރު ބޭއްވި އެވޯޑްސްގައި ފިލްމު "ނިއުމާ" އިންނެވެ.

ރޭގެ ހަފުލާގައި ބަލިވެގެން ދިޔަ ނަމަވެސް ނިއުމާއަކީ ޔަގީނަށް ވެސް އަދިވެސް ދިވެހި ސިނަމާގެ އެއް ވަނަ އެވެ. ފިލްމީ ދާއިރާ އަށް ވަންނަ ޒުވާން ބަތަލާއިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ނަމަކީ ވެސް މިއީކަން ފާހަގަކޮށްލަން ޖެހެ އެވެ.

ވާދޫ އަށް އުފަން ނިއުމާ މާލެ އައީ ގާތްގަނޑަކަށް ފަސް އަހަރުގަ އެވެ. މާފަންނު މަދަރުސާ އާއި އީޕީއެސްއެސް އިން ކިޔެވުމަށް ފަހު، އެންމެ ފުރަތަމަ ވަޒީފާ އަށް ނުކުތީ ވިލިމާލޭގެ އޮފީހަށެވެ. އެއީ 1993 ވަނަ އަހަރެވެ.

އެއަށް ފަހު ޖެހިގެން އައި އަހަރު އޭނާ ވަޒީފާ އަދާކުރަން ފެށީ މާލޭގެ ޓެކްސީ ސެންޓަރެއްގަ އެވެ. އެތަނުގައި ގާތްގަނޑަކަށް ހަތް މަސްވީ ތަނުން އޭނާ އަށް ގުޅަނީ މަރިޔަމް ޝައުގީ ނަމަކަށް ކިޔާ މީހެކެވެ. ނިއުމާގެ އަޑު ރީތިވެގެން، އެކްޓްކުރުގެ ފުރުސަތު ނިއުމާ އަށް ހޯދައި ދިނުމަށެވެ.

ޝައުގީ ހުޅުވާލި ދޮރުން ވަދެގެން ގޮސް ނިއުމާ ކެމެރާއެއްގެ ކުރިމަތީގައި ހުއްޓުނުއިރު 17 އަހަރެވެ. އެންމެ ފުރަތަމަ އެކްޓްކުރީ "ހިތި ތަޖުރިބާ" ނަމަކަށް ކިޔާ ޑްރާމާއެއްގަ އެވެ.

އޭނާގެ ބޮޑު ސްކްރީން ކެރިއަރު ފެއްޓީ 1995 ވަނަ އަހަރު ނެރުނު ދިވެހި ފިލްމު "ހަގު އަނބި" އިންނެވެ. ނަމަވެސް އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ "ބަދަލް" އެވެ. މި ތަޖުރިބާތަކަށް ފަހު ނިއުމާ، ރާއްޖެ އަށް މަޝްހޫރުކޮށްލަދިން ފިލްމަކީ "ފަތިސްހަނދުވަރު" އެވެ. އެއީ 1998 ވަނަ އަހަރެވެ.

ނިއުމާއކީ ރާއްޖޭގައި ފިލްމުތަކަށް ހާއްސަކޮށްގެން ބޭއްވި ހުރިހާ އެވޯޑް ހަފުލާތަކެއްގައި ރަން ވަނަ ހާސިލުކޮށްފައިވާ ބަތަލާއެކެވެ. އެންމެ މޮޅު ބަތަލާގެ އިތުރުން އޭނާ ވަނީ މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.

ނިއުމާ ފިލްމެއް ކުޅެދޭ އާންމު އަގަކީ 30،000ރ. އެވެ. އެކްޓަރެއްގެ ގޮތުގައި އޭނާ އަށް އެންމެ ފުރަތަމަ ލިބުނީ 3000ރ. އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދިރާސާ ކުރާ ފަރާތެއް

ނިޔިުމާގެ އެއްބާރުލުނަް މިހާރު އަލަށް ނިކުމެގެން މިއުޅޭ ކުދިންނަށް ދީފިއްޔާ ގިނަ ހުނަރުވެރިން ތަކެއް އުފެދޭނެ...ނިއުމާގެ ހުނަރާމެދު ޝައްކެއް ނުކުރަން. ނަމަވެސް ލޫދިފާގެ ދެއްކި ވަރުގަދަ ޕާފޯމެންސްއަށް ބަލާއިރު ހަމަ އަފީ އަށް ހަމަ ހައްޣު އެވޯޑު. ނަމަވެސް ނިއުމާގެ ތަރި އޮއްސުނީ ކަމަކަް ނުދެކެން. ގިނަ ހުނަރުވެރިން ކުރިއަށް އޮތަްތާ މިކަމުގަ ފެންނާނެ ކަމަށް މިބަލަނީ. ނިއުމާމެންގެ ހިއްސާޔާއެކު..... ރާ މޮހާރު

ޕީނާ

ނިއުމާ ފިލްމު ކުޅެދޭ އަގުމަތިކުރަން ފެނޭ. ނިއުމާ އަށް ފިލްމަކަށް މަދުވެގެން 75،000 ރުފިޔާ ހައްޤު. ޝީލާއަށްވެސް ހަމަ އެވަރު ޙައްޤު. އަދި ފިލްމަށް ލިބޭ ފައިދާއިން ކޮންމެވެސް މިންވަރެއްވެސް ދޭންޖެހޭނެ. އޭރުން މަސައްކަތްކުރާ ހިތްވާނީ. ދެން އާންމުންވެސް އިތުރަށް ފިލްމުތައް ބަލަންދާންވީ.

ސަހާމާ

ނިއުމާ އަށް އެވޯޑު ލިބެންޖެހޭނެ...

ހާމިދު

އެކްޓަރަކަށް ލިބޭ ޢާމްދަނީ ހާދަ މަދޭދޯ. ހުރިހާ ފޮންޏެއް ބޯލަނީ ޕްރޮޑިއުސަރުން. 15 ޝޯ ފުލްވިއަސް، އެކްޓްރެސް އަށް މިލިބެނީ އެންމެ ގިނައިން 30،000 ހާސް ރުފިޔާ. އެހެންވެ، އަފީފާ މެން މިދާއިރާ ދޫކޮށްދާން ޖެހުނީ. ފިލުމެއް ކުޅެ ދޫކޮށްލުމަށްފަހު، އޭގެ ސީޑީ ވިއްކައިގެންނާއި ޑީވީޑީ ވިއްކައިގެންނާއި، ރަށްރަށުގެ ސްކްރީންތަކުގައި އަޅުވައިގެން ލިބޭ އާމްދަނީ ކާލަނީ ޕްރޮޑިއުސަރު،. ރީޔަލްޓީގެ ގޮތުގައި ފިލްމް ސްޓާރަށް ލިބޭ އެއްޗެއް ނޯވޭ. ކިރިޔާ 1 ޝޯ ފުލްވީމާ ލިބޭ އާމްދަނީ އެންމެ ބޮޑު އަގުގައި ފިލުމު ކުޅެދޭ ނިއުމާއަށް ވެސް ތި ލިބެނީ. ތިއީ ޢާމްދަނީ ހޯދަން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ޝިފްޓްކޮށްލާ...! ފިލްމް އިންޑަސްޓްރީ އާ ގުޅޭ ޤާނޫނެއް ފާސް ކޮށްގެން ނަމަވެސް، ލީޑް ރޯލްތައް ކުޅޭ މަޝްހޫރު ބަތަލުންނާއި ބަތަލާއިންނަށް ރަނގަޅު އުޖޫރައެއް ލިބޭގޮތް ހަދަން ޖެހޭ...!

ނިއުމާގެ ފޭނެއް

ނިއުމާގެ ހުނަރާޢި ދޭތެރޭ އެއްވެސް ސުވާލެއް ނެތް. އެކަމަކު ހަޤީޤަތަކީ އެކްޓަރެއްގެ ހުނަރު އެންމެ ރަނގަޅަށް ދައްކާލެވެނީ އެމީހަކަށް ކުޅެންވެސް ލިބޭ ރޯލެއްގެ ސަބަބުން. އަފީއަށް ލޫދިފާގައި ލިބެނީ ވަރަށް މޮޅު ރޯލެއް ކުޅެން. އެހެންކަމުން އެއީ ހަމަ އަފީއަށް ހައްގު އެވޯޑެއް

ޒައިމާ

ރޭގަ ނިއުމާ އަށް ދޭންޖެހޭ އެވޯރޑް އެހެން މީހަކަށް ދިނީ ވަރަހ ފޫހިވޭ އެކަމާ އަޅާ ނުލާ ނިއުމާ އަދި ރަނގަޅުވާނެ އިންޝާﷲ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910