ރާއްޖެ ކުޅިވަރު

ބޭރު ކޯޗާއި ކުޅުންތެރިން ހޯދަން ނިއުއިން ރިކޯޑް ބަޖެޓެއް!

Dec 22, 2016
1

ބިދޭސީ ކޯޗާއި ބިދޭސީ ކުޅުންތެރިން ގެންނަން ނއިުރޭޑިއަންޓުން އަލަށް އެކުލަވާލާފައިވާ ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ކުލަބަކުން އެކުލަވާލި އެންމެ ބޮޑު ބަޖެޓަށް ވެގެންދާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

އަލަށް ނިއުއާ ގުޅުނު ކީޕަރު އިމްރާން މުހައްމަދާއި ފޯވާޑް، އަލީ ފާސިރު (ސެންޓޭ) ގެ އެގްރިމެންޓްގައި ސޮއި ކުރަން އިއްޔެ ބޭއްވި ހަފުލާފައި ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒު (ޓެޑް) ވިދާޅުވީ ނިއު އަލުން ވަރުގަދަ ކުރުމުގެ ޕްލޭނުގައި އަލަށް އެކުލަވައިލީ ވަރަށް ބޮޑު ވަރަށް ތަފާތު ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓްގައި ފެންވަރު ރަނގަޅު ބިދޭސީ ކޯޗަކާއި ކުޅުންތެރިން ހޯދަން އިސްކަން ދީފައިވާނެ ކަމަށެވެ. -- ރާއްޖޭގެ ކްލަބަކަށް މިހާތަނަށް ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ވެސް ނިއުއަށް ގެނައި ކުޅުންތެރިއެކެވެ. އެއީ ކޮންގޯގެ 17 އަހަރު ދަށުގެ ގައުމީ ޓީމުގެ ތަރި ޕެޓްރިކް ޗިކާޔާ އެވެ.

"އަޅުގަނޑު ޔަގީން ކަން ދެން ބިދޭސީ ކޯޗަކު ގެނައުމަށާއި ބިދޭސީ ކުޅުންތެރިން ގެނައުމަށް ރާއްޖޭގެ ކުލަބަކުން އަދި މިވަރުގެ ބަޖަޓެއް އެކުލަވާލާފައެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ. ބަޖެޓްގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އެހެން ނަމަވެސް ބިދޭސީ ރަނގަޅު ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައެއް ކޯޗުންގެ ސީވީތައް ލިބިފައި އެބަ ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ކޯޗުންގެ ސީވީތައް އެބަހުރި މިހާރު ލިބިފައި، ސަޕޯޓަރުން ހިތް ހަމަޖެހޭވަރުގެ ކޯޗަކު [އަންނަ އަހަރު ނިއުއަށް] ގެންނާނަން،" އޭނާ ވިދާޅުވި އެވެ.

ނިއު އަކީ ވޭތުވެދިޔަ ތިން އަހަރުތެރޭ އެންމެ ގިނަ ކޯޗުން ބަދަލު ކުރި ޓީމެވެ. އެޓީމުން ވަނީ ވޭތުވެދިޔަ ތިން އހަރު ތެރޭ ފަސް ކޯޗުން ގެނެސްފަ އެވެ. ޓެޑް ވިދާޅުވީ ޓީމާ އަލަށް ހަވާލުވާ ބޯޑުން އެ ސަގާފަތް ބަދަލު ކުރަން ބޭނުންވާ ކަމަށާއި މިފަހަރު ގެންނަ ކޯޗް ގިނަ ދުވަސްތަކެއް ވަންދެން ޓީމު ގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.

މި އަހަރު ނިއުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެ ޓީމު ދޫކޮށް ހަތަރު ކުޅުންތެރިޔަކު ކްލަބާ ވަކިވެގެން ދިޔައެވެ. ޓެޑް ވިދާޅުވީ ޓީމަށް ބަދަލު އާއިރު ދެމި ތިބި ޒުވާން ކުޅުންތެރިންނަށް މުސާރައިގެ ކުރިއެރުން ދީފައިވާ ކަމަށެވެ.

އިއްޔެ މުހިންމު އަދި މަޝްހޫރު ދެ ކުޅުންތެރިޔަކު ނިއުއާ ގުޅި އެއް އަހަރު ދުވަހުގެ ކޮންޓެރްކްޓެއް ހަދާފައިވާއިރު މިދިޔަ ސީޒަންގައި ވެލެންސިއާ އަށް ކުޅުނު އަކްރަމް އަބްދުލް ޣަނީވެސް ވަނީ އެނބުރި ނިއު އަށް ބަދަލު ވެފައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ ނިއު ވަރުގަދަ ކުރުމުގެ މަސައްކަތުގައި މިނިވަން ޗެމްޕިއަންޝިޕްގައި ބައެއް ރަށް ރަށުގެ ޓީމުތަކަށް ކުޅުނު މުހިންމު ކުޅުންތެރިންވެސް، ނިއު އަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.