އިލެކްޝަންސް ކޮމިޝަން

އިސްތިއުނާފުކުރި މައްސަލަ ނަގަން އީސީން ނިންމައިފި

އަންނަ ޖެނުއަރީ މަހުގެ 14 ގައި ބޭއްވުމަށް ކުރިން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުުރުމަށް ސިވިލްކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އެ މައްސަލަ އަނބުރާ ގެންނަން އީސީން ނިންމާފައިވާއިރު، މިދިޔަ ހޯމަދުވަހު އެ ކޮމިޝަންގަައި ޕާޓީތަކުގެ މަންދޫބުން ވެސް ހިމެނޭ އިންތިހާބީ ލަފާދޭ ކޮމިޓީ އިން ބޭއްވި ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުން ވަނީ އެ މައްސަލަ އަނބުރާ ގެނެސް އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހެއް އަލުން އިއުލާން ކޮށްދިނުމަށް އެ ކޮމިޝަނަށް ލަފާދީފި އެވެ.

އީސީން މިއަދު ބުނީ، އިންތިހާބަށް ލަފާދޭ ކޮމިޓީގެ މެންބަރުންގެ މަޝްވަރާއާ ލަފާގެ މަތިން އިންތިހާބު އަވަސް ކުރުމަށް ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ.

އިންތިހާބު ފަސް ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް އެ ކޮމިޝަނުން މައްސަލަ ހުށަހެޅީ މިމަހުގެ ހަވަނަ ދުވަހު އެވެ.

އީސީން ބުނީ ސިވިލް ކޯޓުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން އިސްތިއުނާފު ފޯމަށް ބަދަލު ގެނެސް މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅަން އަންގާފައިވީ ބައެއް ލިޔެކިޔުން ލިބުން ލަސްވުމުން ފޯމް ލާފައިވަނީ 19 ވަނަ ދުވަހު ކަމަށެވެ.

އީސީން ބުނީ ކޯޓުން ނެރެފައިވާ ހުކުމް ދެމި އޮންނާނެތީ އެ ހުކުމާ އެއްގޮތަށް ކުރިއަށް ދިއުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އިސްތިއުނާފަށް ހުށަހެޅި މައްސަލަ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ލަފައާ އެއްގޮތަށް އަނބުރާ ގެންނަން އީސީން ނިންމާފައިވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ އީސީން އެ މަސައްސަލަ އިސްތިއުނާފަށް ހުށަނާޅާ ކަމަށް ބުނެ ތުހުމަތު ކޮށްފަ އެވެ.