ރީކޯ މޫސާ މަނިކު

ރީކޯގެ ޕާފޯމަންސް އަދިވެސް މާ ވަރުގަދަ!

ގައުމީ ފިލްމު އެވޯޑްސްގެ ކުލަ ގަދަ ހަފުލާގައި ރޭ ފެނިގެންދިޔަ ހާއްސަ އެއް މަންޒަރަކީ ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރުންނާއި ޑައިރެކްޓަރުންގެ މައްޗަށް ޒުވާން ޖީލެއްގެ ހުނަރުވެރިން ކުރި ހޯދިތަނެވެ. ނުވަތަ ފަހުގެ ތަރިން އައިސް ކުރީގެ ސްޓާރުންނާ އަރާ ހަމަކުރި މަންޒަރެވެ.

އެހެން ނަމަވެސް މި އެންމެނަށް ވެސް އަރައި ހަމަނުކުރެނު މަޝްހޫރު މޫނެއް ރޭގެ މި ހަފުލާއެއްގައި ބައިވެރިވެ ވަޑައިގަތެވެ. އެންމެ ފަހު ވަގުތު ސްޓޭޖުން ފުރުސަތު ދިނުމުން އެ ބޭފުޅާ ސާބިތު ކޮށްދެއްވީ އަދިވެސް އެންމެ ވަރުގަދަ ޕާފޯމާއަކީ އޭނާ ކަމެވެ. އެވަރުގެ އެކްޓަރަކު ވެސް އަދި ވާހަކަ ދެއްކުންތެރިޔަކު ވެސް ފިލްމީ ދާއިރާގައި އަދިވެސް އުފެދިފައި ނެތް ކަމެވެ.

އަދި 2016 ވަނަ އަހަރު ނިމޭއިރު، ހެދުން އެޅުމުގެ އިސްޓައިލުގެ ރޭހުގައި ވެސް ޒުވާން ސެލެބްރިޓީންނަށް ގޮންޖަހާލެވިދާނެ ކަމެވެ.

އެއީ ގައުމީ ފިލްމު އެވޯޑްސްގެ ރޭގެ ހަފުލާ އެންމެ ބޮޑަށް ފަޅުފިލުވައިލަ ދެއްވި ކުރީގެ ސުޕަސްޓާ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރު ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ވާހަކަ އެވެ. ސްޓޭޖު މަތީގައި ހޭދަކުރެއްވި ދެ ތިން މިނެޓު ތެރޭގައި މޫސަ ރޭ ސާބިތުކޮށް ދެއްވީ، ފިލްމީ ދާއިރާގެ ސުޕަސްޓާރަކީ އަދިވެސް އޭނާކަމެވެ. -- ލެޖެންޑަކީ ވެސް އެބޭފުޅާ ކަމެވެ.

ރީކޯ މޫސަގެ މި ހާއްސަ ފެނިލުމުގައި އެ ބޭފުޅާ ވަނީ ހަފުލާގައި ތިބި ހުރިހާ ސެލެބްރިޓީންގެ ހިތާއެކު މި ހަފުލާއަކަށް ޝައުގުވެރިވި ޒުވާން އެތައް އަންހެން ކުދިންތަކެއްގެ ހިތް ވެސް ރޭ ފަތަހަކޮށްލައްވައިފަ އެވެ. ހަފުލާ ނިމުމަކަށް އައިއިރު ރީކޯގެ ދުލުގެ ފަރިތަކަމަށާއި ސާފު ކަމަށާއި ސަމާސާގެ އިތުރަށް ހެދުން އަޅުއްވައިގެން ހުންނެވި ޒަމާނީ އިސްޓައިލަށް ވެސް ޒުވާން އަންހެން ކުދިންގެ ހިތުން ތައުރީފު އުކި އެވެ.

މި ކުޅަދާނަ ކުރީގެ އެކްޓަރަށް ތައުރީފު އޮއްސި ބަޔަކު ދެން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ މިހާރުގެ ޒުވާން ފިލްމު ސްޓާރުންނަށް ކްރައުޑް ކައްކާލައި، މިފަދަ ހަފުލާތަކުގައި އުފާކޮށް ފޯރިނަގަން ނޭގުނަސް އެ ހުރިހާ ހުނަރަކަށް ވެސް ރީކޯ ފައްކާވެފައިވީ ކަމެވެ.

އެހެންވީމަ އިތުރު ތައުރީފެއް ނުއޮއްސައި އެ ބޭފުޅާ ދެއްކެވީ ކޮން ވާހަކައެއްތޯ ވެސް ބަލައިލަމާ ހިނގާށެވެ.

ފޯރި ކެނޑިފައި އޮތް ހަފުލާ ހިނިގަނޑަކަށް ފަޅައިގެން ދިޔައީ ފިލްމު ފަތިސްހަނދުވަރުގައި ރީކޯ ކުޅުއްވި ޖިނާގެ ރޯލަށް ލޯ ރަތްވި ގޮތުގެ ވާހަކަ ކިޔައި ދެއްވި ހިސާބުންނެވެ.

"ޖިންނި ޖިނާގެ ލޯ ރަތްވެފައި ހުރީ އަޅުގަނޑުމެން ލޯ ރަތްކުރަން ބޭހެއް އަޅައިގެނެއް ނޫން. ދުން އަޅައިގެން އެކަން ކުރީ،" ކުރީގެ ހަނދާނާއި ސަމާސާ އެއްކޮށްލައްވައިގެން ރީކޯ ވިދާޅުވި އެވެ.

"ދަންނަވަން މި އުޅޭ ވާހަކަ އަކީ މިންނަތާއެކު މަސައްކަތްކުރާށޭ. އަޅުގަނޑުމެން ބަލައިގަންނާނެ މީހުން ވާނެއޭ. ފިލްމީ ދާއިރާއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އަގުހުރި ދާއިރާއެކޭ،"

މި މޭރުމުން ވާހަކަ ދައްކަވަމުން ގޮސް ދެން މޫސަ ތައުރީފު އޮއްސާލެއްވީ ރައީސް އަބްދުﷲ ޔާމީނަށެވެ. އަދި ރައީސްގެ ނަން ގަނެލެއްވީ ސިޔާސީ ބޭނުމަކަށް ނޫންކަން ވެސް ސާބިތުކޮށްދެއްވި އެވެ.

"މި ފުރުސަތުގައި ރައީސް ޔާމީނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. ސިޔާސީ ވާހަކައެއް ނޫން މިއީކީ. ގައުމެއްގެ ހަޔާތުގައި ރައްޔިތުން ކުރާ މަސައްކަތް އެންމެ ދަށު ދަރަޖައިން ފެށިގެން އެންމެ މަތީ ދަރަޖަޔަށް ބަލައިގަންނަ ވެރިންނަކީ އެއީ ވެރިން،" ރީކޯ ވިދާޅުވި އެވެ.

ސަރުކާރުން ފިލްމީ ދާއިރާ ކޮޅަށް ޖެހުމަށް ކެމްޕޭނެއް ފެށުމަކީ މަޖިލީހުގެ ހަޔާތް ނިމިވަޑައިގަތުމުން އަލުން ފިލްމީ ދާއިރާ އަށް ވަދެ ވަޑައިގަތުމަށް ހުޅުވުނު ދޮރެއް ކަމަށް ވެސް ރީކޯ ވިދާޅުވި އެވެ. ވާހަކަފުޅު ނިންމަވާލެއްވީ އެހެން ދާއިރާތަކުގެ ފަންނާނުންނާއި މީހުންނަށް ސަރުކާރުން މާލީ އެހީ ފޯރުކޯށްދޭގޮތަށް ފިލްމީ ދާއިރާގެ އާޓިސްޓުންނަށް ވެސް ކޮންމެވެސް ކަހަލަ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މުހިންމު ކަމަށް އަލި އަޅުއްވައިލަމުންނެވެ.

"އެއްވެސް މީހެއް ދެރަކޮށް ނިކަމެތިކޮށްފަ ދޫކޮށްލާކަށް ނުވާނެ. މި ދަންނަވަނީ އަޅުގަނޑު އެމްޑީޕީ އިން ވަކިކުރި ވާހަކައެއް ނޫނޭ،" ރީކޯގެ ވާހަކަ ނިންމަވާލެއްވީ ވެސް ސަމާސާއަކުންނެވެ.

ޔަގީނަށް ވެސް ރޭގެ ސްޓޭޖުން މިވަރުގެ ވަރުގަދަ އެހެން ޕާފޯމެންސެއް ފެނިގެނެއް ނުދެ އެވެ.

ރީކޯ މޫސާ މަނިކަކީ ދިވެހި ސިނަމާގެ ހަގީގީ ސުޕަ ސްޓާރެކެވެ. އޭނާ ވަނީ ގައުމީ ފިލްމު އެވޯޑްސްގައި 1996 ވަނަ އަހަރު ފިލްމު "ހައްގު" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލު ކުރައްވާފަ އެވެ. ނަމަވެސް ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަގްބޫލުކަމެއް ލިބިވަޑައިގެންނެނީ ފަތިސްހަނދުވަރުގެ ކެރެކްޓާ ޖިނާގެ ރޯލުންނެވެ.